ކޮޓަރީގައި ހަރުކޮށްފައިވާ ގަޑިއަށް ބަލައިިލަމުން ރައުހާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭރު ގަޑިން މެންދަމު 2 ޖަހަނީއެވެ. ކޮޓަރީގައި ދެކޮޅަށް ހިނގަމުން ރައުހާ ދިޔައިރު އޭނާގެ ހިތުގެ ހަމަ ޖެހުން ދިޔައީ ގެއްލެމުންނެވެ.

" ހާދަ ލަސްވެއްޖޭ.... އޮފީސް ނިންމާފަ މީހަކު މިހާރު ގެއަށް އަންނަހާ އިރުވެއްޖެ.... އަދިވެސް އާދިލް ނާދޭ.... މިހާރު އޭނަ މިކަންތައް އާދައަކަށް ހަދައިފި..... " ކޮޓަރީގެ ދެކޮޅަށް ހިނގަމުން އަމިއްލަ ޞަމީރަށް ޝަކުވާ ކުރަމުން ރައުހާ ގެންދިޔައެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރަށް ތަޅުދަނޑި ޖެހި އަޑަށް ރައުހާއަށް ބަލައިލެވުނީ ކޮޓަރީގެ ދޮރާއި ދިމާލަށެވެ.

" ސާބަސް... އާދިލް ސާބަސް.... ގަޑިން ވީއިރެއް ނޭނގޭތަ؟؟ ތީ ދެން ބޮޑުވަރު.... މަ މި އޮންނަން ޖެހެނީ ގައިގަ ތެޔޮ ލައިގެން އާދިލް އަންނަން ދެން.... " ރައުހާގެ ކެތްތެރިކަން ކޮޅުން ލިއެވެ.

" ރައު... ހާދަ ރުޅިއައިސްފަ.... މަ ޑިއުޓީ ނިންމާފަ މިއައީ.... " ގަމީހުގެ ގޮށްތައް ނައްޓަމުން އާދިލް ވާހަކަ ދެއްކީ ވަރަށް ހަމަޖެހިލާފައެވެ.

" އެކަމުދޯ؟؟ ތީ ކޮންކަހަލަ ޑިއުޓީއެއް..... ތީ ހަވީރު 4 ޖެހި އިރު އޮފީހަށް ދިޔަ މީހާ... އަދި ކިރިޔާ ގެއަށް ތިއައީ... މަ މި އޮންނަނީ އާދިލްގެ ބީހުމަކަށް ފެން ބޮވައިގެންފަ.... " ރައުހާ އާދިލާއި ގާތްވަމުން ބުނެލިއެވެ.

" މިރެއަކު ނޫން ދޯ؟؟ ނޯ މޫޑް... ސޮރީ.. " ރައުހާގެ ކޮނޑުގައި މަޑުމަޑުން ހިފައިލަމުން އާދިލް ގޮސް އެނދުމަތީގައި އޭނާގެ ބުރިކަށި ދަމާލިއެވެ. ރައުހާ ވީ ދެރައިން ގުޑެލާންވެސް ނޭގިފައި ހުރި ފިޔަވަޅު މަތީގައި އިނދެވުނެވެ. ކައިވެނި ކޮށްގެން މަހެއް ފާއިތުވި ފަހުން އާދިލްގެ އުޅުމަށް އަންނަމުން ދިޔަ ބަދަލުތަކުން ރައުހާ ހުރީ އިންތިހާއަށް ކަންބޮޑުވެ ހާސްވެފައެވެ.

" ރައު... ނުނިދަންތަ؟؟؟؟ އާދޭ ނިދަން... " އެނދުމަތީގައި އޮތް ބާލިހުގައި ބައްދާލަމުން އާދިލް ބަަލައިލީ ރައުހާއަށެވެ.

" މަ ކިހިނެއް ނިދާނީ؟؟ މިއޮތް ހުރިހާ އިރު މަގޭ އަރުތެރެ ތެތްމާލަން އެދި ރޮއި އާދޭސް ކުރަމުން ދިޔަ ފެންފޮދު ނުލިބި މަ ނިދަންވީތަ... ؟ " ރައުހާ ވާހަކަދައްކަމުން ދިޔައީ ދެރަވެފައި ހުރެ ހިތްހަމަ ނުޖެހޭ ރާގެއްގައެވެ.

އާދިލް އެނދުމަތިން ތެދުވެ ކޮޓަރިން ނިކުމެގެން ދިޔައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮޓަރިއަށް ވަދެގެން އައިސް ރައުހާގެ ކުރިމަތީގައި އާދިލް ހުއްޓުނެވެ.

" އަން... ބޯލާ... " ފެންފުޅި ރައުހާ އަތަށް ދިއްކޮލަމުން އާދިލް ބަލައިލީ ރައުހާގެ ދެލޮލަށެވެ.

" އާދިލް ބޯލާ.... " އާދިލްގެ ގަޔާއި ދިމާލަށް ފެންފުޅި ކޮށްޕާލަމުން ރައުހާ ގޮސް އެނދުމައްޗަށް ޖެހިގަތެވެ.

އިރުގެ އަލިކަން މުޅި ކަޢުނަށް މަރުޙަބާ ކިޔައިފިއެވެ. ރައުުހާ އޭނާގެ ދެލޯ ހުޅުވާލި އިރު އެނދުމަތީގައި އާދިލެއް ނެތެވެ. ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ރައުހާ ސިޓިންގރޫމަށް ނިކުތެވެ. އޭރު އާދިލް ސޯފާގައި އިނީ ފޯނުން މީހަކާއި ވާހަކަ ދައްކާށެވެ. ރައުހާ ފެނުމާއި އެކު އާދިލްގެ މުޅި ހަށިގަނޑަށް ހީވީ ބޮޑު ހެލިލުމެއް އެރިހެންނެވެ.

" ރަ... ރައު... " ވަރަށް ބިރުން ހުރެ އާދިލް ވާހަކަ ދެއްކިއެވެ.

" ކިހިނެއްވެފަ އާދިލަށް ތިހުރީ.... ހާދަ ބިރުން...؟ ކާކަށް ގުޅައިގެން ދެންމެ އިނީ؟؟ " ރައުހާ އައި ގޮތަށް އައިސް އާދިލް ގެ ގާތުގައި އިށީނެވެ.

" އެ... އެއީ އޮފީހުން.. " އާދިލް ވާހަކަ ދައްކަމުން ދިޔައީ ވަރަށް އުނދަގުލުންނެވެ.

" އޮފީހުން ގުޅީމަތަ މަ ފެނުނު އިރަށް ތި ފޯނު ކަނޑާލީ؟؟ އާދިލް... އާދިލް މަށަށް ކޮންކަމެއްތަ ތި ސިއްރުކުރަނީ... ؟ " ރައުހާ ހާސްވެފައި ހުރެ އަހައިލިއެވެ.

" ރައު... ރައު ކީއްވެތަ އަބަދު މަށަށް ޝައްކު ކުރަނީ... މިހާރު ގެއަށް އަންނައިރު އަބަދު ރައުގެ ޝަކުވާ... ބޯ ފަޅައިގެން ދާވަރުވޭ... " އާދިލް ސޯފާއިން ތެދުވިއެވެ.

" އާދިލް... އާދި... " ރައުހާ އަށް ބީރު ކަންފަތެއް ދެމުން ވަރަށް ބާރަށް ދޮރުޖަހަމުން އާދިލް ގެއިން ނިކުތެވެ.

ސޯފާގައި އިށީނދެގެން ރައުހާާ އިން އިރު އޭނާގެ ސިކުނޑިތެރެއަށް އެތަކެއް ޚިޔާލުތަކާއި ފިކުރުތަކެއް ވަންނަމުން ދިޔައެވެ. ރައުހާގެ ނިތްކުރިމަތީގައި އަތް ބާއްވައިލައިގެން އޭނާ ދިޔައީ ފުން ވިސްނުމެއްގެ ކޯރެއްގައި ފަތަމުންނެވެ. ރައުހާގެ ދިރިއުޅުމަށް ނަގަމުން ދާ ބިޔަ ބޮޑެތި ރާޅުތައް ހިންދާލަން ރައުހާ ހުރީ ވަރަށް ބޭނުންެވެފައެވެ.

ގޭގެ ބެލް ޖަހާ އަޑަށް ރައުހާ ސިއްސައިގެންގޮސް ޚިޔާލީ ޢާލަމުން ނިކުމެވުނެވެ.

" ޖޫލީ... ހާދަ ޒަމާންކޮށްލާފަ... އަވަހަށް ވަދޭ... " ގޭގެ ދޮރުކުރިމަތީގައި ހުރި ރައުހާގެ ޒަމާންވީ ރަޙުމަތްތެރިޔާއަށް ގެއަށް ވަންނަން ދަޢުވަތުދެމުން ރައުުހާ ހިނިތުންވެލިއެވެ.

" ރައު... ކިހިނެއްތަ؟؟ " ސޯފާގައި ރައުހާ އާއި އެކު އިށީނަމުން ޖޫލީ ބަލައިލީ ރައުހާގެ މޫނަށެވެ.

" ރަނގަޅު... ޖޫލީ ކިހިނެއް؟؟ " ރައުހާވެސް ޖޫލީގެ މޫނަށް ބަލައިލިއެވެ.

" ރައު... ހަމަ ރަނގަޅުތަ؟؟ އާދިލް ރަނގަޅުތަ؟؟ ދޮގު ނުހަދާ ބުނޭ... " ޖޫލީ ކުރި ސުވާލުން ރައުހާއަށް އޭނާގެ ތަލިން ކުޅު ހިކުނު ކަހަލަ އެވެ.

" ކި.. ކިހިނެއްވީ.. ؟ " ތެޅި ތެޅި އޮތް ހިތަކާއި އެކު ރައުހާ އަހައިލިއެވެ.

" އެއީ ފެންނަ މަންޒަރުތަކުން.... އެހެންވީމަ އާދިލްގެ ފަރާތުން ތަފާތު ފެނޭދޯ މިހާރު؟؟ " ޖޫލީ ކުރިމަތި ކުރުވަމުން ދިޔަ ސުވާލުތަކުން ރައުހާގެ ހިތުގެ ތެޅުން ދިޔައީ އިތުރަށް އަވަސް ވަމުންނެވެ.

" ބު... ބުނެބަލަ.. ކިހިނެއްވީ؟؟ " ރައުހާ ވަރަށް އުނދަގުލުން އަހައިލިއެވެ.

" ރައު ވީމަ މިކިޔާދެނީވެސް..... އާދިލް ފެނޭ މިހާރު ކޮންމެ ރެއަކު ކޮންމެވެސް އަންހެން ކުއްޖެއް ގޮވައިގެން ބްރިޖްމަތީގައި ސައިކަލު ދުއްވާތަން... ބައްދައިގަނެގެން ތިބެނީވެސް.... " ރައުހާގެ އަތުގައި ހިފައިލަމުން ޖޫލީ ބުނެލިއެވެ.

ޖޫލީގެ އަނގައިން ނިކުތް ކޮންމެ ބަހެއް ވެސް ހީވީ ރައުހާގެ މޫނުމަތީގައި ވާން އެތިިފަހަރަކުން އަޅާލިހެންނެވެ.

" ރައު... ރޭގަވެސް މަގޭ ކުރިމަތީގަ އާދިލް އެ އަންހެން ކުއްޖާ ގޮވައިގެން ގެސްޓް ހައުސް އަކަށް ވަނީ...މިއޮތީ ވީޑިއޯ... ރައު.... ހިތްވަރުގަދަ ކުރާތި... މަދެން މިދަނީ... " ޖޫލީ ގެއިން ނިކުމެގެން ދިޔައިރު ރައުހާގެ ލޮލުން ހޯސްލާފައި ކަރުނަ ތިކިތައް އަންނަމުން ދިޔައެވެ.

އެހެން ރޭތަކޭ އެއްގޮތަށް މިރޭވެސް ރައުހާ ކޮޓަރީގެ ދެކޮޅަށް ހިނގާލަ ހިނގާލަ އިނީ އާދިލްގެ އިންތިޒާރުގައެވެ. ރައުހާގެ އެތެރެ ހަށީގައި ކެކި އުތުރެމުން ދިޔައީ ރުޅިވެރިކަމުގެ ހޫނު އަލިފާނެވެ.

" އާދިލް... " ކޮޓަރިތެރެއަށް އާދިލް ވަނުމާއި އެކު ރައުހާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. " ކޮންތާކަށް ގޮސްފަ ތިއައީ... އާދިލް މިހާރު ތިކުރާ ކަންތައް މަށަށް އެނގޭ... " ރައުހާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ މުޅި ހަށިގަނޑު ދިޔައީ ރޫރޫ އަޅަމުންނެވެ.

" ރައު..... ކިހިނެއްވެފަ... އަދިވެސް ތިކުޅިވަރު ނިންމާކަށް ނުވޭތަ؟؟ " އާދިލް ވަރަށް މަޑުން ވާހަކަ ދެއްކިއެވެ.

" އާދިލް ތިކުޅިވަރު ނިންމަން ވީނު... ގެސްޓް ހައުސްތަކަށް ހިލޭ އަންހެނުން ގޮވައިގެން ގޮސް އަމިއްލަ އިންޖީނުގެ ގެ ތެޔޮ ހުސްކޮށްލާފަ... އަނބިމީހާ ބުނީމާ ނޯ މޫޑް އޭ ބުނުމުގެ ކުޅިވަރު ނިންމަން ވީނު އާދިލް... ހިލޭ އަންހެނުން ގޮވައިގެން ބްރިޖްގައި ދުއްވުމުގެ ކުޅިވަރު ނިންމަންވީނު އާދިލް... " ރައުހާ އަޑު ދިޔައީ ބާރުވަމުންނެވެ.

" ކީކޭ؟؟؟ މަ ކޮން އިރަކު ހިލޭ އަންހެނުން ގޮވައިގެން ބްރިޖްގަ ދުއްވީ..؟؟ " އާދިލް ހުރީ ވަރަށް ބޮޑަށް މޭޖެހޭ ގޮތްވެފައެވެ.

" އާދިލްއަށް އެނގޭނީ އާދިލް ދުއްވާ އިރެއް.... މަގޭ ރައްޓެހިންނަށްވެސް ތިކުޅިވަރު ފެނެއްޖެ... މިއޮތީ ވީޑިއޯ... ދެން ބުނޭ... އެއީ ކޮން އަންހެނެއް؟؟ " ރައުހާ ގެ ވާހަކަ އާދިލް ރޯންފެށިއެވެ.

" ރައު.... އެ.. އެއީ އަންހެނެއް ނޫން.... މަގޭ ފަހަތުގަ މީހަކު ނީއްނާނެ.... އެއީ ހަންޑިއެއް.... " އާދިލް ބިރުގަންނަކަމު ހަދައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ.

" ހަންޑި އެކޭ.... އަދިވެސް މަށަށް އޮޅުވާލަންތަ ތިއުޅެނީ.... ތި ފިރިހެނުން ގޮތް މަށަށް ދަސްެވެއްޖޭ... " ރައުހާ ރުޅި އައިސްގެން ކޮޓަރިން ނިކުމެ ސިޓިންގރޫމްގެ ސޯފާގައި އިށީނެވެ. އާދިލް ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން އެނދުމަތީ އޮށޯތެވެ.

މުޅިން އާދުވަހެއްގެ ހަވީރުގެ ހިތްގައިމު ވަގުތެވެ. ރައުހާ އެކަނި މާއެކަނި ސޯފާގައި އިށީނދެގެން އިންދާ އޭނާގެ ފޯނު ރިންގު ވާން ފެށިއެވެ.

" ހަލޯ ރައު... އާދިލް ބްރިޖްގަ އެއްކަލަ އަންހެން ކުއްޖާ ގޮވައިގެން އެބަ ދުއްވާ... ތިގެ ކައިރިއަށް މިދަނީ ހަމަ ލޮލުން ދައްކަން.... " ފޯނު ނެގި ގޮޮތަށް ޖޫލީ ވާހަކަ ދެއްކިއެވެ.

ޖޫލީގެ ސައިކަލް ފަހަތުގައި ރައުހާ އިން އިރު އޭނާ ގެ ހިތުގެ އެއްވެސް ހަމަޖެހުމެއް ނެތެވެ. ކުއްލިއަކަށް ރައުހާއަށް ފެނުނީ އާދިލްގެ ސައިކަލެވެ. ހެލްމެޓް އަޅައިގެން ހުރިކަމުގައި ވިޔަސް ލޯގަނޑުން މޫނު ނިވާކޮށްފައި ނެތުމުން އާދިލްގެ ފަހަތުުގައި ހުރި މީހާވެސް ވަރަށް ރަނގަޅަށް ރައުހާއަށް ފެނިއްޖެއެވެ.

" އޭ ބްރިޖް ހަންޑި... " އާދިލްގެ ސައިކަލާއި އަރާ ހަމަ ވުމާއި އެކު ރައުހާ ވަރަށް ބާރަށް ގޮވައިލިއެވެ.

އާދިލް ސިއްސައިގެން ގޮސް ސައިކަލުން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ރައުހާއަށް ހުރިހާ ކަމެއް އެނގުނީއެވެ. ހަމަ ލޮލަށް ފެނުނީއެވެ. އާދިލް އަށް އޭނާގެ އިޚުތިޔާރުން ބޭރުން ސައިކަލް މަޑު ޖައްސާލެވުނެވެ.

ރައުހާވެސް ސައިކަލުން ފައިބަމުންް ގޮސް އާދިލްގެ ކުރިމަތީގައި ހުއްޓުނެވެ.

" ހަންޑި ހަމަ ލޮލަށް ފެނޭތަ... ؟ " ރައުހާގެ އަޑުގައި ވަނީ ހިތްދަތިކަމެވެ.

ބުނާނެ އެއްޗެއް ނޭނގިފައި އާާދިލަށް ހުރެވުނެވެ.

" ފަހަތުގައި އިން ހަންޑި މަށަށް އެބަ ފެނޭ... އާދިލަށް ވެސް ފެނޭދޯ؟؟؟ ދެން މަ އާދިލާ އެކު ނޫޅޭނަން... އާދިލް ޖެހޭނީީ މަ ވަރިކުރަން... ހަންޑި އަކާ އެކު އާދިލް ހަޔާތުގެ ފަހު ދުވަސްތައް ވޭތުކޮށްލާ... " ރައުހާ ރޮމުން ގޮސް ޖޫލީ ގެ ސައިކަލަށް އެރިއެވެ.

" އާދިލް.... ޔޫ މެރީޑް ތަ؟؟ ކީއްވެ އޮޅުވާލީ؟؟؟ ކީއްވެ މަ ހަންޑި އަކަށް ވީ... ޔޫ ޗީޓާރ.... " އާދިލްގެ ފަހަތުގައި އިން އަންހެން މީހާވެސް ރުޅިއައިސްގެން ސައިކަލުން ފޭބިއެވެ.

ބްރިޖް މަތީގައި އާދިލްގެ މުޅި ހަޔާތް ނިމިގެން ދިޔައީއެވެ. އޮޅުވާލުމާއި މަކަރުގެ ތެރެއިން އާދިލް ފަޟީހަތްވީއެވެ.

 

ނިމުނީ

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަބްދުއްލަޠީފު

    ހަހަހަހަ........ ސަޅިއިންގޭ