ދުއްވަމުން ދިޔަ ސައިކަލުގެ ދުވެލި ބާރުކޮށްލިއެވެ. މުޅި މީހާ ހުރީ ދާހިތްލާ ފޯވެވެއެވެ. ދިގު އިސްތަށިގަނޑު ވަޔަށް ވިހުރޭން ދޫކޮށްލާފައިވާ އިރު ލޯ އިރުއިރުކޮޅާ މެރިލައެވެ. ފަހަތުގައި އިށީނދެގެން އިން މީހަކު ކޮނޑުގައި އަތްއަޅާލުމާއެކު ސިހިފައި ދުވެލި އިހުނަށްވުރެ ބާރުކޮށްލިއެވެ. ވަގުތެއް ނެތެވެ. ވީހާވެސް އަވަހަކަށް މާލެއަރަން އެބަޖެހެއެވެ.

މަގުތަށް ހިމޭންވެފައި ނާމާނެވެ. ދުނިޔެ ނިދީގެ ފޮނި އިހުސާސު ކުރަމުންދާއިރު މި ދެ ޒުވާނުންގެ މިސްރާބަކީ ތޮއްޖެހިފައިވާ ކޮންކްރިޓް ޖަންގައްޔެވެ. އަނބިންނާއި މައިން މި މީހުންގެ އިންތިޒާރުގައި ތިބެ ނިދައިފިއެވެ. ކޮންމެ މީހެއްގެ ފޯނުގައި އެތަކެއް މިސްޑ ކޯލެއް ވާނެކަން ޔަގީނެވެ. އާއިލާ މީހުންގެ އިތުރުން ވަރަށް މުހިންމު ދެމީހެއްގެ ކޯލެވެ. މިއީ މުއްސަނދިވުމަށް އޮތް ހަމައެކަނި ޝޯޓްކަޓްއޭ މި ދެމީހުން ބުނެފާނެއެވެ. އެކަމަކު ހަމަ ބުއްދިހުރި ބަޔަކު މިކަން ގަބޫލުކުރާނެ ހެއްޔެވެ؟

ފަހަތުގައި އިން ޒުވާނާގެ ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ކުރިއަށްވުރެ ބަރުވިހެން ހީވިއެވެ. އޭގައި ވަނީ ވަރަށް އަގުހުރި އެއްޗެކެވެ. ކޮންމެހެން ހަދާފައިވެސް ނެތިކޮށްލަން ޖެހޭ ހެއްކެކެވެ. ފެރީގައި މާލެ ދާން މި ޖެހެނީ އެހެންވެއެވެ. ދާ މަގުމަތީ ވަރަށް ނޫންގޮތަކަށް ކަނޑު މެދަށް މި ވައްޓާލުން އެއީ އެންމެ ރައްކާތެރި ގޮތެވެ. މިވަގުތު މީހުންވެސް އެހާ މަދުވާނެއެވެ. ހާލަތުގެ ބޭނުން ހިފާ މިކަން ނިންމާލާނީއެވެ.

ރޭވިފައިވާ ގޮތަށް ދަބަސް އެއްލާލެވިއްޖެއެވެ. ނޭފަތުން ލޭގެ ތެތް ވަސް ކެނޑިގެންގޮއްސިއެވެ. ހިތުގައިވާ މޮޅިވެރިކަން މިރޭ ނިދާލުމާއެކު ހިނގައިދާނެއެވެ. މިހެން ހިތާ ދެމީހުންވެސް އެކަކު އަނެކަކުގެ ގެއާ ދިމާލަށް ދުއްވާލައިފިއެވެ. މާދަމާގެ އިރާއެކު ލިބޭނޭ ޚަބަރަށް އިންތިޒާރުކޮށްގެނެވެ.

****

ރަހުމްކުޑަ ގޮތަކަށް މަރާލެވިފައިވާ ނޫސްވެރިޔާގެ ވާހަކަ ރާއްޖޭގެ އުތުރުން ދެކުނަށް ފެތުރިގެންދިޔައީ ހަލުވިކަމާއެކުއެވެ. ހުޅުވާލާ ކޮންމެ ޓީވީ އަކުން އިވެނީ އޭނާގެ މަރުގެ އުސްއަލިތަކެވެ. ކުއްލި ޚަބަރެއް ގޮތުގައި ކޮންމެ ޗެނަލަކުން މި ވާހަކަ ގޮވަމުންދާއިރު، ނޫސްތައް އަވަސް ސްޕީޑްގައި ޗާޕްކުރަމުންދިޔައެވެ. ހުޅުމާލެއަށް ބަނަ ދުވަހެކެވެ.

މަރްހޫމްގެ އާއިލާއިން ހިތާމަ ފާޅުކުރަމުން ދިޔައިރު އެތަކެއް ބަޔަކު މި ހިތާމައިގައި ޝާމިލްވަމުންދިޔައެވެ. ފުލުހުން ހޭބޯނާރާ މަސައްކަތްކުރަމުންދިޔައީ ޤާތިލުންނާއި ހަމައަށް ފޯރާނޭ މަގެއް ފެނޭތޯއެވެ. ނޫސްވެރިއެއްކަމުން މީޑިއާގެ ޕްރެޝަރު ވަރަށް ބޮޑެވެ. ނޭވާއަކު ދެކޮޅު ކޮންމެވެސް ނޫހަކުން ގުޅާނެއެވެ. އަމުދުން މަރާލެވުނު ނޫސްވެރިޔާ ނިސްބަތްވާ "އެހާރު" ނިއުސް އޭޖެންސީގެ ސުވާލުތައް ހަރުކަށިވެފައި ގިނަކަން ފާހަގަކުރެވެއެވެ. ނަމަވެސް އަދި ޖަވާބެއް ދެވޭވަރު ނުކުރެވެއެވެ.

ޓްވިޓަރ ހޫނުވަމުން ދިޔަވަރަކަށް ސަރުކާރަށް ގޮންޖަހަމުންދިޔަ މީހުންގެ އަޑުތައްވެސް ގަދަވަމުންދިޔައެވެ.

މި ހާޖައިނުގަނޑު ތެރޭ އާދަޔާ ޚިލާފަށް ހަމަޖެހިލާފައި އިން ދެމީހަކު ފާހަގަވެއެވެ. ސަރުކާރުގެ މަތީ މަގާމެއްގައި އުޅޭ މި ދެވެރިންނަކީ އެއް ޕާޓީއަކަށް ނިސްބަތްވާ، އެންމެންވެސް ދަންނަ ދެމޫނެވެ. ރޭވުނު ގޮތަށް ކަންތައް ހިނަގައިދިއުމުން ދެމީހުންވެސް ތިބީ ޒާތަކަށް ހިތްހަމަޖެހިފައެވެ. މިހާރު ދެން އޮތްކަމަކީ މަސައްކަތުގައި ބައިވެރިވި ފަރާތްތަކަށް ވަޢުދުވެފައިވާ ފައސާ ހަވާލުކުރުމެވެ. މި ދަނޑިވަޅުގައި އެފަދަ ކަމެއް ކުރެވޭނީ ވަރަށް ސަމާލުވެގެން ކަމުން، ގުޅާފައި ފައިސާގެ ކަންތައް ކުރިއަށް ގެންދާނޭ ގޮތް އެއްކަލަ ދެމީހުންނަށް ވަރަށް ސާފުކޮށް ކިޔައިދެވިއްޖެއެވެ. އަދި މި ރޭވުމުގައި ނުވެއޮތް އެހެންކަމެއް އެބައޮތެވެ. ފުލުހުންގެ އަސްލު ތަހުގީގަށް ހުރަސް އަޅަން ކޮންމެވެސް މީހަކު މި މައްސަލައިގައި ހައްޔަރު ކުރުވަން އެބަޖެހެއެވެ. އެކަންވެސް އޮތީ މިހާރު ތައްޔާރުކުރެވިފައެވެ. ބޭނިގަންނާނެ މީހާއާއި، އޭނާ ދޭނެ ޖަވާބުތައްވެސް ކުރިއާލާ މަޝްވަރާ ކުރެވިފައެވެ. ދެން ވީ މިރޭގެ ޖަލްސާއަށް އަރާ ދެތިން ކަރުނަ ބާލާށެވެ. މަރާލެވުނު މީހާގެ ޢާއިލާއަށް ތަޢުޒިޔާ ކިޔާލާށެވެ. ޓްވިޓަރ ގައި މޮޅެތި ބަހުރުވައިން ވަރުގަދަ ޓްވީޓެއް ކޮށްލާށެވެ. މި ދެމީހުންނަށް މާ އުނދަގޫ ކަމަކަށް ނުވާނެކަން ޔަގީނެވެ.

***

ހެންވޭރު ސަހަރާ ކަންމައްޗަށް ވާ ގޮތަށް އިންނަ ކުޑަ އިމާރާތެއްގެ އެއް ކޮޓަރީ އެޕާޓްމަންޓެއްގައި ދިރިއުޅެމުންދާ ހުޒާމް އިނީ ކުޑަކޮށް މާޔޫސްވެފައެވެ. ދިރިއުޅުމުގައި އަދި މިހާތަނަށް ނެގި އެންމެ ބޮޑު ރިސްކު މި ނެގީ އަނބި މީހާގެ ބަނޑުގައި އޮތް ދަރިފުޅަށްޓަކައެވެ. އޭގެ ފޮނި މީރުކަން ވަޢުދުވެފައިވި ނަމަވެސް އަދި މާ އަލިގޮތެއް ނުފެނެއެވެ. މުޅި ދުވަހު ޓީވީ ކުރިމަތީ އިންނަން މި ޖެހެނީ އެހެންވެއެވެ. ދޮރުގައި މީހަކު ޓަކި ޖަހާލާއިރަށް ސިއްސައިގެން ދެއެވެ. ހީވާ ކަހަލައެވެ. ހަމަ ދެންމެ ދެންމެ ބަޔަކު ވަދެ އޭނާ ގޮވައިގެން ގޮސްދާނެއެވެ.

މާލޭގެ އަނެއް ފަރާތުގައި ހުރި ބޮޑު ގެއެއްގައި، ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އާއިދުގެ ހާލަކީވެސް އެއީއެވެ. ރޭގައި އަޅައިގެން އުޅުނު "ވިގް" އާއި، ލައިގެން ހުރި ގަމީހަށް ދަންދެން އަންދާ ހުލި ކުރެވިއްޖެއެވެ. އެއީ ރޭވުނުގޮތެވެ. ނަމަވެސް ހިތަކަށް ތަސައްލީއެއް ނުލިބެއެވެ. ކުރެވުނު ކަމާއި މެދު ދެރަވަނީ އެއް ނޫނެވެ. ވެދާނެ ގޮތަކާއި މެދު ވިސްނެނީއެވެ. އުމުރުން އަދި އެންމެ ސަތާރަ އަހަރެވެ.

މި ދެމީހުންގެ މެޔަށް ވެސް ފިނިކަމެއް ލިބުނީ ތިން ދުވަސްފަހުން ލިބުނު ޚަބަރަކުންނެވެ.

މަރާލެވުނު ނޫސްވެރިޔާގެ ޤާތިލް އަމިއްލައަށް އިޢުތިރާފްވެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ޚަބަރެވެ. އޭނާއަށް އެހީތެރިވި އިތުރު ދެމީހަކާއި އެކުއެވެ. މިއީވެސް ޕްލޭންގެ ދަށުން ހިނގާކަމެއް ކަން އާއިދާއި ހުޒާމްއަށްވެސް ދެނެގަނެވުނެވެ. ދެން އޮތީ އަނެއްކާވެސް އެމީހުންގެ ރޯލެކެވެ. މާލެއިން ފުރައިގެން ދިޔުމެވެ.

ހަފްތާއެއް ތެރޭ ލިބެންޖެހޭ ހުރިހާ ފައިސާއެއް އެއްކަލަ ދެ ސިޔާސީވެރިން މި ދެމީހުންނާވެސް ހަވާލުކޮށްފިއެވެ. ހުޒާމް ފުރައިގެން ދިޔައީ އަނބިމީހާއާއެކު ރާއްޖެއިން ބޭރަށެވެ. އާއިދު ފުރީ ރިސޯޓަކަށެވެ. ވަޒީފާއެއް ލިބިގެންނޯލައެވެ. ދެމީހުންގެ ދިރިއުޅުންވެސް ދާދި ފަސޭހައިން ހަމައަކަށް އެޅިގެން ދިޔައެވެ. މުއްސަނދިވެސް ވެވުނީތާއެވެ. ދެން އޮތީ ވަކި ކޮން ހާހެއް ހެއްޔެވެ؟

ދިވެހިން އެއްކަލަ ނޫސްވެރިޔާގެ ވާހަކަތައް އަހަރު ނިމެންދެން ދައްކަމުންގޮސް ފޫހިވެއްޖެއެވެ. މިހާރު ޓްވިޓަރ ތެރޭގައިވެސް އެވާހަކަ ދައްކާލަނީ އޭނާގެ ގާތް ރަހުމަތްތެރިޔަކު ނޫނީ އާއިލާ މީހެކެވެ. ދުވަސް ފާއިތުވި ވަރަކަށް ހަނދާނުން ފިލާދާ ކަހަލައެވެ. ކުށެއް ނެތް ދެމީހުން ޖަލުގެ ތޭރި ތަކުގައި ދުވަސް ގުނަމުންދަނީއެވެ. ދުނިޔޭގެ އިންސާފަކީ މިއީ ހެއްޔެވެ؟

 

  • ނިމުނީ -

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އފ

    ބޭރު ގަނޑާއި ވާހަކަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެއް ނުގުޅޭ

    7
    1