މާސްގައި ދިރުމެއްވެތޯ ކުރާ ތަހުލީލުތަކުގެ ތެރެއިން، ޕްލެނެޓްގެ އެއް ތަނޑީގައި ވަޅުލެވިފައިވާ ގަނޑުފެން ފަށަލައެއް ވާކަމަށް ސައިސްވެރިން ހާމަކޮށްފިއެވެ.

ފޮޓޯތަކާއެކު ނާސާއިން ހާމަކޮށްފައިވާ މައުލޫމާތުތައް ބުނެފައިވާ ގޮތުން، މާސްގެ އެއް ތަނޑީގައި ގަނޑުފެން ފަށަލައެއް ވެއެއެވެ. އަދި އެ ގުރަހައިގެ އެނބުރުމާއެކު އެ ގަނޑުފެން ފަށަލައިގެ މަގާމަށްވެސް ބަދަލުތަކެއް އާދެއެވެ. ސައިސްވެރިން ބުނެފައި ވަނީ މާސްގައި މިފަދަ ބޮޑު ގަނޑުފެން ފަށަލައެއް ހުރުމަކީ މީގެ ކުރިން އެނގިފައިނުވާ ކަމެއް ކަމަށާއި، މިއީ އާ ދިރާސާއެއް ކަމަށެވެ.

ނާސާއިން ހާމަކޮށްފައިވާ ގޮތުގައި އެ ގަނޑުފެން ގަނޑަކީ ސައިޒުގެ ގޮތުން ބޮޑު ގަނޑުފެން ގަނޑެކެވެ. އަދި އެއީ ދުނިޔޭގައި ހިމެނޭ އާޓިކް ސަރަހައްދުގައިވާ ގަނޑުފެންގަނޑާ ތަފާތު ގޮތަކަށް ވެލިތަކާއެކުވެފައިވާ ގަނޑުފެން ގަނޑެއް ކަމަށް ނާސާއިން ބުނެފައިވެއެވެ.

މާސްގެ ނިޒާމުގެ ތެރޭގައި އިންސާނުން ދިރިއުޅުމަށް އެކަށޭނެ މާހައުލެއް ގާއިމްވެފައި ވޭތޯ ދިރާސާ ކުރާތާ ޒަމާންތަކެއް ވެފައިވާ އިރު، އެ ދިރާސާގެ ސްޕީޑް ބާރު ނޫން ނަމަވެސް، ގިނަ ހޯދުންތަކެއް ދަނީ ފެންމަތި ވަމުންނެވެ. ވަސީލަތްތަކުގެ ކުރިއެރުމާއެކު މާސްގެ ފޮޓޯތައްވެސް މިހާރު އާންމުވަމުން އަންނަ ލަތް ގިނައެވެ.