ރ. ކަނދޮޅުދޫއަށް އުފަން ހަސަން އިބްރާހީމާއި އަނބިމީހާ ހަދީޖާ އަލީއަކީ ލޯބިން އެކުގައި ހޭދަކުރި އުފާވެރި ހަޔާތެއްގެ ފޮނިމީރުކަން އެންމެ ފުރިހަމައަށް ދެކެފައިވާ ދެމަފިރިންނެވެ. ކައިވެނީގެ ހަޔާތަށް އެތައް އަހަރެއް ވެގެން ދިޔައިރު، ފަހުނޭވަޔާ ޖެހެންދެން ތިބީ އެކަކު އަނެކަކަށްޓަކައި ފުރާނަދޭންވެސް ތައްޔާރަށެވެ. މި ދެމަފިރިންގެ ކުއްލި މަރުގެ ޚަބަރު ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވަނީ އެހެން ވެގެންނެވެ.

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި އުފަން ބިން ދޫކޮށް ކަނދޮޅުދޫއަށް ހިޖުރަކޮށް ދިރިއުޅެމުންދިޔަ މި ދެމަފިރިންގެ ތެރެއިން ހަސަން ނިޔާވީ، އުމުރުން 84 އަހަރުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. އޭގެ ތިން ދުވަސް ފަހުން އުމުރުން 82 އަހަރުގެ އަނބިމީހާ ހަދީޖާވެސް ވަނީ މި ދުނިޔެ ދޫކޮށް ގޮސްފައެވެ. ތަޤުދީރު ނިޔާކުރިގޮތުން ލޯބިން އެކުގައި ފަހުވަގުތާއި ޖެހެންދެންވެސް ތިބި މި ދެމަފިރިންގެ އަޖަލު އައިސް ޖެހުނީވެސް އެކުއެކީގައެވެ.

ކަނދޮޅުދޫ އާއި ދުވާފަރުގެ ގިނަ ބަޔަކު ދަންނަ ހަސަން އާއި ހަދީޖާއަކީ ނަމުނާ ދެމަފިރިންނެވެ. އަބަދުވެސް ލޯބިން އެކުގައި އުޅެމުންދިޔަ އެ ދެމަފިރިން އުމުރުން ދުވަސްވެ މުސްކުޅި ހާލުގައިވީ ދުވަހުވެސް ތިބީ އެކުގައެވެ. މުސްކުޅި ބަލީގައި އެތައް ދުވަހެއް ހޭދަކޮށް ހަޔާތުގެ ސަފުހާތައް ނިންމާލީ އެންމެނަށް އެ މިސާލު ދައްކަމުންނެވެ.

ހަސަން އާއި ހަދީޖާ ދަންނަ ދެކެފަރިތަ މީހުން ބުނާގޮތުގައި އެ ދެމަފިރިންނަކީ ވަރަށް ހުލްގުހެޔޮ ހެޔޮލަފާ ސޯލިހު ދެމަފިރިންނެވެ. ކައިވެނީގެ ގުޅުމުން މި ދެމަފިރިން ގުޅުނުއިރުން ފަށައިގެން އެކަކު އަނެކަކަށް އަބަދަށްޓަކައި ހަދިޔާކުރި ހިތަށް އެއްވެސް ބަދަލެއް އައުމެއް ނެތި ޅަޒުވާން އުމުރު ހޭދަކޮށް މުސްކުޅި ހާލުގައި ބަލި އެނދުގައިވެސް ލޯބިންވީ ދުވަސްތައް ދެކެފައިވާ މީހުން އެބަތިއްބެވެ.

މިއަދު ފަޅުވެ ވީރާނަވެފައި އޮތެއް ކަމަކު މަސްވެރިކަމުގައި ކުރިއަރާފައި އޭރު އޮތް މަޝްހޫރު ކަނދޮޅުދޫގެ މަސްވެރި އާއިލާއަކަށް ނިސްބަތްވާ ހަސަން އައި ހަދީޖާ އުމުރުން 18 އަހަރުވެސް ނުވަނީސް ލޯބިން ގުޅި އެކުގައި ފެށި ދަތުރުން އުފާވެރި ހަޔާތެއް ބިނާކުރީ މަސްވެރިކަމުން މަންފާ ލިބިގެންނެވެ. އެކުގައި އެތައް ޒަމާނެއް ވަންދެން އެދެމަފިރިން ދެއްކި ރިވެތި ނަމޫނާ، މި ވާހަކަ އަޑުއަހާ އެންމެންގެ ހިތްތަކުގައި އަބަދުމެ ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދު

    ދެމަފިރިންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި، އާމީން.

    50
    1
  2. ނާނު

    ކަނދޮޅުދޫގަ މީހުން ސުނަމީގެ ފަހުން މީހުން ނޫޅޭ.

    12
  3. ޢިބުރާހިމް

    އޭރުގެ ގިނަމީހުން ކައިވެނިކޮށް ދިރިއުޅުންފަށަނީ ދިރިއުޅުންއެއީ ކިހާމާތް ގުޅުމެއްކަންއެނގިތިބެ. އެއހެނެއްކަމަކު މިއަދު ދިރިއުޅުމެއްފަށާއެއްވެސް މީހަކީ ދިރިއުޅުމާއި އޭގާވަނީ ކިހާވަރެއްގެ މާތްކަމެއްކަން އެނގިތިބެއެއް ނޫންވިޔަތީ އިއްކުރެވުނުކައިވެނި މަދުދުވަސްކޮޅެއް ތެރޭރޫޅިދަނީ. ސަބަބުތައްވަރަށްގިނަ. ބައެއްމީހުން ކައިވެނިކުރަނީ މީހާއާނޫންކަމައްވެފަ ކައިވެނިކުރަނީ ފައުސާއާއި ތަނަވަސްކަމުގެ ބޭނުން އޮވެގެން ކަމުގައި ވުމާ ކައިވެނިކުަރަނީ މީހާއާއިނޫންވެފަ ގެދޮރާއިކަމުގައިވުން މިއީމައިގަނޑު ކަމުގައިވުން ހިމެނޭ. ދެދުނިޔޭގެ ބާއްޖަވެރިކަމާ ހެޔޮލަފާ ދިރިއުޅުމެއް އުޅުމުގެ ހެޔޮނިޔަތެއް ނެތް ނަމަ ދިރިއުޅުމެއް ފެށުމުގެއެއްވެސް މާނައެއްނެތް.

    39