ބޮލީވުޑްގައި މައްޝޫރުކަން ހޯދަމުން އަންނަ ބައެއް ފަންނާނުން، އެމީހުންގެ އަތްދަބަހަށް ކޮށްލާ ބޮޑެތި ޚަރަދުތައް ފެނި އަޖައިބުވާހައިވެއެވެ. އެފަދަ އަގުގައި އެ ދަބަސްތައް ގަތުން 'ވޯރތް' ތޯ ވެސް ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. މިގޮތުން ދާދިފަހުން ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ކުޅަދާނަ އެކްޓްރެސް ދިޕިކާ ޕަދުކޯން އަދި މި އިންޑަސްޓްރީއާއި މާ ގާތް ގުޅުމެއް ނެތް ކަމުގައިވިޔަސް އާންމުންގެ މެދުގައި މަގުބޫލު ކަމެއް ހޯދާފައިވާ ޓަމަންނާ ގަނެފައިވާ އަގުބޮޑެތި އަތްދަބަހުގެ ވާހަކަ ދަނީ މުޅި މީޑިއާގައި ހަލުއި ދުވެލީގައި ދެކެވެމުންނެވެ. .

އިންޑިއާގެ ޚަބަރުތައް ބުނާގޮތުން، ޕްރިޔަންކާ އޭނާގެ މި އަގުހުރި އަތްދަބަސް ގަނެފައިވަނީ އިންޑިއާގެ 360000 ރުޕީސްއަށެވެ.

ހަމަ މިގޮތަށް މަޝްހޫރު ފިލްމީ އެކްޓްރެސް ދިޕިކާ ޕަދުކޯން ވެސް ވަނީ މިފަދަ އަގުބޮޑު އަތްދަބަހެއް ގަނެ، އާންމުންގެ ސަމާލުކަން ހޯދާފައެވެ. ދިޕިކާ ގަނެފައިވަނީ ކަޅުކުލައިގެ 'ކިނބޫ ލެދާރ' ނަމަކަށް ކިޔާ ވަރަށް ތަފާތު ލެދާރ އަކުން ހަދައިފައިވާ އަތްދަބަހެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި ޕްރިޔަންކާ ގަތް ދަބަސް ގޮތަށް، ދިޕިކާގެ މި ދަބަހުގެ އަގުވެސް އެހާ ބޮޑެވެ. އެއީ އިންޑިއާގެ 224000 ރުޕީސްއެވެ.

ފިލްމް އިންޑަސްޓްރީގައި އެހާ މަޤުބޫލުނޫން ކަމުގައިވިޔަސް ޓަމަންނާ ވެސް ވެފައިވަނީ މިހާރު އެ ގަތް އަތްދަބަހެއްގެ ސަބަބުން އާންމުންގެ ކަޅި އަމާޒުވެފައިވާ ފަންނާނަކަށެވެ. ޑިޒައިނިންގެ ދާއިރާއަށް ހާއްސަ މި ފަންނާނު ގަނެފައިވަނީ އޮރެންޖެ ކުލައިން ޖަރީކޮށްފައިވާ ވަރަށް ރީތި އަތަށް 'ހެޔޮވަރު' ދަބަހެކެވެ. ޓަމަންނާގެ މި އަތްދަބަހުގެ އަގަކީ 95000 ރުޕީސް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފިލްމުސްޓާރުންނަކީ 'ޑިސައިނިން' އަދި 'ޓްރެންޑިން' ތަކެތި ބޭނުން ކުރުމަށް މިހާ ބޮޑު އިސްކަމެއް ދޭ ބައެއްކަން މިފަދަ ބައެއް ކަންކަމުންވެސް ހާމަވެއެވެ.