ގދ.ތިނަދޫ އަށް އުފަން މިލްނާ މުޙައްމަދު ދިރިއުޅެމުން ދަނީ، އެ އަތޮޅު ގައްދޫ ގައެވެ. އެއީ މިލްނާގެ ފިރިމީހާ މުޙައްމަދު އަތީފް އަކީ ގައްދޫ އަށް ނިޞްބަތްވާ މީހަކަށް ވާތީއެވެ. 25 މެއި 2019 ގެ ނިޔަލަށް އެ ދެމީހުންގެ ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައެވެ.

މި މަހުގެ 25 ވަނަ ދުވަހު، މިލްނާގެ ބަނޑުގައި ރިއްސާތީ ގައްދޫ ޞިއްހީ މަރުކަޒަށް ދެއްކުމުން ވީ އެންމެ އަވަހަކަށް ތިނަދޫ ހޮސްޕިޓަލަށް ދިއުމަށް އެންގިއެވެ. މިލްނާގެ ބަނޑުގައި އޮތީ ޓުވިންސް ދެ ކުދިން ކަމުން އެ އާއިލާއިން އިންތިޒާރު ކުރަމުން ދިޔައީ އެ ދެކުދިން ފެންނާނެ ވަގުތަކަށެވެ.

ތިނަދޫ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް މިލްނާ ގެންދިޔަތާ މާ ގިނަ އިރުތަކެއް ނުވެ އެ ދެ ކުދިންވެސް ވިހައިފިއެވެ. ނަމަވެސް ވިހެއުމުގައި މިލްނާ އަށް ބޮޑެތި މައްސަލަ ތަކެއް ކުރިމަތިވިކަން އެނގުނީ އޭގެ މާ ފަހުންނެވެ.

މިލްނާ ވިހާފައިވާ ކުއްޖާ ---

"ތިނަދޫ އަށް އައިސް މާގިނަ އިރުތަކެއް ނުވެ ވިހައިފި. ޑޮކްޓަރު އައުމުގެ ކުރިން ފުރަތަމަ ދަރިފުޅު ވިހައިފިކަން އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބުނީ. މީގެ ކުރިން މިލްނާ ވަނީ ދެ ފަހަރަށް ސިޒޭރިއަން ހަދާފަ. ފުރަތަމަ ކުއްޖާ ވިހާފަ ތަދުވެސް ކެނޑިފަ އޮތީ. ދެން ދެވަނަ ކުއްޖާ ގަދަކަމުން ވިއްސި ވާހަކަ ޑޮކްޓަރުން ބުނީ. އެވަގުތު ވަރަށް ބައިވަރު ލޭ ވެސް ބޭރުވި ކަމަށް. އަދި އެކަމުގެ ސަބަބުން މިލްނާގެ ހާލަތު ގޯސްވީ ކަމަށް އެމީހުން ބުނީ." އަތީފްގެ ދައްތަ، މަރިޔަމް އަޒީމާ "ވަގުތު" އާއި އެ މަޢުލޫމާތު ހިއްސާ ކުރިއެވެ.

ވިހެއުމާއި ގުޅިގެން އަންނަން ފެށި ލޭ މަނާ ނުވެގެން، ޑޮކްޓަރުން އެ ދުނީ ބަނޑު އެއްކޮށް ދޮވުމަށް ކަމަށާއި، އެ ނޫން ގޮތެއް ނޯންނާނެ ކަމަށްވެސް އެމީހުން ބުނިކަމަށް، އަޒީމާ ބުންޏެވެ.

"ލޭ މަނާ ނުވެގެން ބަޑު ދޮންނަން ބޭނުންވާ ކަމަށް ފުރަތަމަ ބުނީ. ބޭސް ދީގެންވެސް ރަނގަޅެއް ނުވިޔޭ، އޭރު ތިއޭޓަރުގަ ބާއްވާފަ އޮންނަތާ ހަތަރު ގަޑި ވެދާނެ. ދެން އައިސްފަ ބުނީ، މިލްނާގެ ރަހިމު ނަގަން އެބަ ޖެހެއޭ، ނޫނީ ނާރުގަ ގޮށެއް ޖަހާށޭ ޖެހޭނީ. ކޮންމެސް އެއްގޮތެއް ނުހަދާ ސަލާމަތެއް ނުކުރެވޭނޭ. ރަހިމު ފަޅައިގެން ގޮސްފައިވާ ކަމަށޭ ޤަބޫލުކުރެވެނީ. ލިޔުމެއްވެސް ދިން ފިރިމީހާ ސޮއި ކުރަން. ނަމަވެސް އެހިސާބަށް ދިޔައީމަ އަޅުގަނޑުމެން ބޭނުންވީ ވެގެން އުޅޭގޮތް އިތުރަށް ސާފުކުރަން." އަޒީމާ ކިޔައިދިނެވެ.

މިލްްނާއަށް ވެގެން އުޅޭގޮތް އިތުރަށް ސާފުކުރުމުގެ ގޮތުން އެ އާއިލާއިން ވަނީ ތިނަދޫ ހޮސްޕިޓަލްގެ އިސް ވެރިންނާވެސް ބައްދަލުކޮށްފައެވެ. ބައްދަލު ކުރުމުން އެމީހުންނަށް އެއްވެސް މަޢުލޫމާތެއް ނޭނގޭ ކަމަށާއި، ޑރ އާޒިމް އައުމުން މިލްނާ އަށް ވީގޮތެއް އަންގާނެ ކަމަށް ބުނި ކަމަށް އަޒީމާ ބުންޏެވެ.

"ޑރ އާޒިމް އައިސްފަ ބަލާފަ ބުނީ ރަހިމު ފަޅައިގެންނެއް ނުދެޔޭ. އެކަމު ވަރަށް ގިނަ ލޭ ވަނީ ފައިބާފައޭ. މީހާރުން މިހާރަށް ހޯދާށޭ ފަސް މީހުން މިލްނާ ގަޔަށް ލޭ އަޅަން. އޭރު ދެ ކުދިން ބާލެ ފޮނުވާލަން އޮތީ ހުރިހާ ކަމެއް ނިންމާފަ. އެއީ އެކުދިންވެސް ނޭވާ ލުމުގަ މައްސަލަތަކެއް އުޅޭތީ. ދެން އަޅުގަނޑުމެން އެދުނިން އެ ކުދިންނާއި އެކު މިލްނާވެސް މާލެ ފޮނުވަން. ނަމަވެސް ޑޮކްޓަރު ބުނީ މިލްނާ އަށް މިހާލަތުގަ ނުދެވޭނޭ، ކުޑަކޮށް ރަނގަޅު ވީމަ މާލެ ފޮނުވާނަމޭ. ދެން އޭގެ އަނެއް ދުވަހު މިލްނާ މާލެ ފޮނުވީ." އަޒީމާ ކިޔައިދިނެވެ.

މިލްނާ ގަޔަށް އެހާ ގިނަ އަދެދެއްގެ ލޭ އެޅުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ބީޕީ މަތިވެ، ލޮލުގެ ފެނުންވެސް ވަނީ ވަރަށް ބޮޑަށް ފުސްވެފައެވެ. އަދި އޭނާގެ ކިޑްނީ އަށް ވެސް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.

"އައިޖީއެމްއެޗުން ބުނީ މިލްނާގެ ކިޑްނީވެސް ވަރަށް ބޮޑަށް ހަލާލުވެފަވާ ކަމަށް. މިހާރު އެއްފަހަރު ޑައިލެސިސްވެސް ހަދައިފިން. މިއަދު އަދި އިތުރު އެއް ޑައިލެސިސް ހަދާނެ. ލޮލުގެ ފެނުން ވެސް ވަރަށް ބޮޑަށް ފުސްވެފަ ވަނީ. އެއީ އޭހާ ގިނަ އަދެއްދެ ލޭ އެޅީމަ ކަމަށް ޑޮކްޓަރުން މަޢުލޫމާތު ދެނީ. ލޮލުގެ އޮޕަރޭޝަނެއް ވަގުތުން ކުރުމަށް އެންގީ. ނަމަވެސް އެއީ ރާއްޖެއިން ކުރެވޭ އޮޕަރޭޝަނެއް ނޫން. ރާއްޖޭން ބޭރަށްވެސް ދެވެން އަންނަނީ މިލްނާގެ ހާލަތު ކުޑަކޮށް ރަނގަޅު ވެގެން. ރާއްޖޭން ބޭރަށް ދާން ބަލާއިރު އެބަ ދާންޖެހޭ މިލްނާގެ މަންމަވެސް އަދި އިތުރު އަންހެނަކުވެސް. ހަމައެކަނި އެއް އެހީތެރިއަކަށް އާސަންދަވެސް މި ހަމަޖެހެނީ. އެހެންކަމުން އަޅުގަނޑުމެން އެދެން ތިޔަ ހުރިހާ ބޭފުޅުންގެ ފަރާތުން މި ކަމުގައި އެހީތެރިވެ ދެއްވުމަށް. މިލްނާގެ ކުޑަ ދެ ކުދިންނަށްޓަކައިވެސް އެހީތެރިކަމެއް ވެދެއްވުން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން. ކުޑަ ދެ ކުދިންގެ ހާލު މިހާރު ރަނގަޅު." ވަރަށް އަސަރާއި އެކު އަޒީމާ ބުންޏެވެ.

މިލްނާގެ މުޅި އާއިލާއިން އެދެނީ ތިޔަ ހުރިހާ ބޭފުޅުންގެ ދީލަތި އެހީތެރި ކަމަށެވެ.

އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ތިރީގައި މިވާ އެކަންޓު ނަމްބަރު ތަކަށް ފައިސާ ޖަމާކޮށްދިނުމަށް އައިލާއިން އެދެއެވެ.

ޑޮލަރު އެކައުންޓް ނަމްބަރު: 7710518395101 - މުހައްމަދު އަތީފް
ރުފިޔާ އެކައުންޓް ނަމްބަރު: 7730000210011 - މުހައްމަދު އަތީފް
ފޯނު ނަމްބަރު: 7885577 - މުހައްމަދު އަތީފް (ފިރިމީހާ)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާއައިޝާ

    އަވަަސް ޝިފާއަކަށް އެދެން

    98
  2. އަދް

    އަވަސް ޝިފާއަކަށް އެދެން

  3. ތަރައްޤީ

    މީ ކޮންމެ ފަހަރަކު ތި މީހުން ތި ވޯޓްލާ ތަރައްޤީ އަކީ. ވައްކަންކުރާ މީހުން ކައިރީ އުޅޭނީވެސް ވަގުން އެކަމަކު ހަމަ އެ ވަގުންނަށް ވޯޓު ދީ ހެދީމަ އަދިވެސް ރާއްޖޭގެ ހާލަތަކީ މީ. ހޭ އަރާބަލަ

    2
    1