ފުލުހުންގެ މައި މަރުކަޒަށް ވަދެގެން އައީ ފަންސަވީހަކަށް އަހަރުގެ ޒުވާނެކެވެ. ދޮރުން ވަނުމާއެކު އެންމެންގެ ލޯ އަމާޒުވީ އޭނާ އާ ދިމާލަށެވެ. ބައެއް މީހުންގެ ބެލުމުގައި ވަނީ ބިރުވެރިކަމެވެ. އަނެއް ބައިމީހުން ބަލަމުންދިޔައީ ކަޝްފުނުވާ ޝައުގަކާއެކުއެވެ. ލައިގެން ހުރި ހުދު ގަމީސް ވަނީ ލެއިން ތަތް ތެޅިފައެވެ. އަރާފައި ހުރި ފައިވާނުގެ ވަދެއް ނެތެވެ. މުޅި މީހާ ހުރީ ދާހިތްލާ ފޯވެފައެވެ. އަތުގައި ތުރުތުރުލުމެއް ހުއްޓެވެ. ލޮލުގައި ވަނީ ކަރުނައިގެ ތޫފާނެކެވެ.

ޔުނިފޯމްގައި ތިބި ދެ ފުލުހަކު މަޑުމަޑުން އޭނާއާ ދިމާލަށް މިސްރާބު ޖަހާލައިފިއެވެ. އެންމެންވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. ފުލުހުންގެ ތެރެއިން އެކަކު އޭނާ އާ އަރާހަމަވުމާއެކު އޭނާ އަނގަހުޅުވާލިއެވެ. ކޮންމެވެސް އެއްޗެއް ބުނަން މަސައްކަތްކުރާކަން ހަރަކާތްތަކުން އެނގެއެވެ. ނަމަވެސް ލިބިފައި ހުރި ޝޮކަކުން އަޑު ނިކުންނަ ވަރެއް ނުވެއެވެ. ވަރަށް ހާލުން ދެ ލަފްޒެއް ބޭރުކޮށްލައިފިއެވެ.

"އަހަރެންނަކީ ޤާތިލެއް"

ސިކުންތުކޮޅެއްގެ ތެރޭގައި އޭނާގެ އަތުގައި ބިޑި އެޅުވިގެން ދިޔައެވެ.

***

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ގޮނޑީގައި އެ އިށީނީ 28 އަހަރުގެ ޑަކްޓަރެކެވެ. ނަފްސާނީ ބަލިތަކަށް ފަރުވާދޭ މި ޑަކްޓަރަކީ ރާއްޖެއަށް ނަން މަޝްހޫރު މީހެކެވެ. މަލީހާ އޭ ބުނުމުން އެއީ ކާކުކަން ނޭނގޭނޭ މީހަކު މަދުވާނެއެވެ. ދާއިރާގައި އެހާވެސް ފުންނާބު އުހެވެ. އެމެރިކާއިން ކިޔަވައިގެން އައިސް މަސައްކަތް ކުރަން ފެށިތާ އަދި މާ ގިނަ އަހަރުތަކެއް ނުވާނެއެވެ.

ބަލާބެލުމަށް ކޮންމެވެސް ކަމަކާ ދޭތެރޭ ފުންކޮށް ވިސްނަމުންދާ ކަން ފާހަގަކުރެވެއެވެ. އިރު އިރުކޮޅާ ލެޕްޓޮޕް އިން ކޮންމެވެސް ލިޔުމެއް ކިޔާލައެވެ. ދާދި ދެންމެއަކު ފުލުހުންގެ ފަރާތުން ލިބިފައިވާ އީމެއިލްއެއްގައި އިން ޑޮކިޔުމެންޓެކެވެ. ބަލަމުންދާ ކޭސް އަކަށް މަލީހާގެ އެހީ ބޭނުންވާ ވާހަކަ ފޯނު ކޯލަކުންވެސް ވަނީ އަންގާފައެވެ. އެހެންކަމުން އީމެއިލް ލިބުމުން ވަރަށް ޝައުގުވެރި ކަމާއެކު އެ ފައިލް އޭނާ ކިޔާލިއެވެ. މީހެއް މަރާލިކަމުގެ ތުހުމަތު ކުރެވޭ މީހެއްގެ ވޭދަނައެވެ.

އުމުރުން އެންމެ 25 އަހަރުގެ ޒުވާނެކެވެ. މަރާލެވުނީ އޭނާގެ އަނބިމީހާއެވެ. ވަޒީފާ އަދާކުރަމުން ދިޔައީ ރިސޯޓެއްގައެވެ. އާއިލާ ދިރިއުޅެނީ އައްޑު އަތޮޅު ހިތަދޫގައެވެ. މީގެ ކުރިން އެއްވެސް ކުށެއްގައި ހައްޔަރުކުރެވިފައިވާ މީހެއް ނޫނެވެ. ސުކޫލް ރިކޯޑްތައް ކްލީނެވެ. މަސައްކަތުގެ މާހައުލައިގެވެސް ނަމޫނާ މުވައްޒަފެކެވެ. ކުއްލިއަކަށް މިފަދަ އަމަލެއް ހިންގުމުން ހައިރާންވީ ރަހުމަތްތެރިންނާއި ގާތްތިމާގެ މީހުން އެކަންޏެއް ނޫނެވެ.

މަލީހާގެ މަސައްކަތަކަކީ އޭނާލައްވާ ކަން ހިނގާ ދިޔަގޮތް ހޯދުމެވެ. ކުށަށް އިޢުތިރާފްވި ފަހުން އަނގައިން ބަހެއް ބޭރުކޮށްފައެއް ނުވެއެވެ. އަބަދުވެސް އިންނަނީ ކޮންމެވެސް ފާރަކާ ދިމާލަށް ބަލަހައްޓައިގެންނެވެ. ނަފްސާނީ ގޮތުން ހަމަޖެހޭތޯ ބަލަން އެބަޖެހެއެވެ. މަރާލެވުނު ގޮތުގެ ތަފްސީލުވެސް ބޭނުންވެއެވެ. ނަމަވެސް ވާހަކަ ނުދައްކާހާ ހިނދަކު ހޯދާނީ ކިހިނެއްހެއްޔެވެ؟

ވަރަށް ވިސްނާލުމަށްފަހު މާދަމާ ހެނދުނުގެ ބައްދަލުވުމަށްދާން މަލީހާ ތައްޔާރުވާން ފެށިއެވެ. ނަގަން ބޭނުންވާ ނޯޓްސްތައް ނަގާ ކުރަން ބޭނުންވާ ދިރާސާއެއް ކޮށް ނިންމައިފިއެވެ. ޒުވާނާ ލައްވާ ވާހަކަ ދައްކުވާނޭ އުކުޅުތައް ހޯދާ ރާވަމުން ގެންދިޔައެވެ. ދެން އޮތީ މާދަމާގެ އިންތިޒާރެވެ. މިހެން ހިތާ ހުޅުވާފައި އޮތް ފޮތް ލައްޕާލިއެވެ.

***

ޑަކްޓަރު މަލީހާ ޤާތިލްއާއި ވާހަކަ ދެއްކުމަށްފަހު ނިކުމެއްޖެއެވެ. އޭނާގެ ފަހަތުން މި މައްސަލަ ބަލަމުންދާ ތިން ފުލުހަކު ހިނގައިގަތެވެ. ކޮންފަރެންސް ރޫމްއަށް ވަދެވުމާއެކު ސުވާލުތައް އޮއްސާލިއެވެ. މަލީހާ ކޮންމެ ސުވާލެއްވެސް ވަރަށް ކަނުލައި އަޑުއަހަން އިނުމަށްފަހު ޖަވާބު ދިނެވެ.

"އޭނާއަކީ ޤާތިލެއް ނޫން"

ފުލުހުން ބޭނުންވީ މައްސަލަ ހިނގައިދިޔަ ގޮތުގެ ތަފްސީލު އެނގޭށެވެ. ހައްޔަރު ކުރެވިފައިވާ ޒުވާނާ ވަނީ މަލީހާއަށް މި ވާހަކަ ވަރަށް ސާފުކޮށް ކިޔައިދީފައެވެ. އެއީ ތިން ގަޑި އިރުގެ މަސައްކަތެވެ. ފުރަތަމަ ދެ ގަޑި އިރު ހުއްޓާނުލާ ވާހަކަ ދެއްކީ މަލީހާއެވެ. ޕޭޝަންޓްގެ ފަރާތުން އެއްވެސް ރެސްޕޯންސެއް ނުލިބުމުން ހާސްވެފައި ނިކުންނަން ހިނގައި ގަތްތަނާ މި ޒުވާނާ އޭނާގެ ވާހަކަ ފެށިއެވެ. ވަރަށް ސާދާ ކޮށެވެ. އަޑުގައި ވަނީ ހަމަ ހިމޭންކަމެވެ. އަނެއްކާވެސް މަލީހާ ގޮނޑީގައި އިށީނީ އޭނާ އަޑުއަހަމުންދިޔަ ކަން ޔަގީންކޮށްދޭށެވެ. ބައި ގަޑިއިރަށް ފަހު މަލީހާ އެ ކުޑަ ގޮޅިން ނިކުތް އިރު ކަން ހިނގާ ދިޔަ ގޮތް ވަނީ ފުރިހަމައަށް ފަހުމްވެފައެވެ.

އަހުމަދު ސަމީރަކީ ސ. ހިތަދޫއަށް އުފަން މީހެކެވެ. ސުކޫލު ދައުރުން ފެށިގެން ރައްޓެހިވެގެން އުޅުނީ އެ ރަށު ކުއްޖެއްކަމަށްވާ މަޢުރީނާ އާއެވެ. ދެމީހުންވެސް އުޅެމުންދިޔައީ ވަރަށް ލޯބިންނެވެ. ކައިވެނި ކުރަން ނިންމީވެސް ދެޢާއިލާއިން އެއްބަސްވެ އެކަމާ ނިކަން ގަބޫލުވީމައެވެ. ކައިވެންޏަށް އަހަރެއް ނުވަނީސް ދެމީހުން ބަދަލުވީ މާލެއެވެ. ސަމީރު ދިޔައީ މާލެ ކައިރީ ރިސޯޓަކަށެވެ. މަޢުރީނާ މަސައްކަތް ކުރަމުންދިޔައީ ސަރުކާރު އޮފީހެއްގައެވެ. ދެމީހުންވެސް އުޅެމުންދިޔައީ ވަރަށް ހަމަޖެހޭ ދިރިއުޅުމެކެވެ.

ކޮންމެ ދެ ހަފްތާއަކުން ލިބޭ ބަންދު ދެދުވަހު ސަމީރު މާލެއާދެއެވެ. އަނބިމީހާއެކު ވަގުތު ހޭދަކުރުމަށްފަހު ރިސޯޓަށް ދަނީ ވަރަށް ހިތްހަމަޖެހި ހުރެގެންނެވެ. ވަޒީފާގައި އެހާ ރަނގަޅަށް އުޅެވެނީވެސް އަނބިމީހާގެ ފަރާތުން ލިބޭ އެއްބާރުލުންވެސް ބޮޑުވީމައެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ މި ދެމީހުންގެ ހަމަޖެހޭ ދިރިއުޅުމަށް މީހަކު ވިހަ ލައިފިއެވެ. މައުރީނާގެ އުޅުމަށް ބޮޑު ބަދަލުތަކެއް އަންނަން ފެށިއެވެ. ގުޅާއިރަށް ފޯން ބިޒީ ވުމާއި ވާހަކަ ދައްކަން ވަގުތު ނުވުމުން ފުރަތަމަ ސަމީރު ކަންބޮޑު ވިޔަސް އޭނާ އެކަން ދޫކޮށްލީ ވަޒީފާގައި މާ ބިޒީވަނީ އޭ ހިތާއެވެ. އެހެންކަމުން މަޢުރީނާއަށް ސަޕްރައިޒެއް ދޭން މާލެ އަންނަން ނިންމިއެވެ.

ނަމަވެސް އާޚިރްގައި ސިހުން ލިބިގެންދިޔައީ ސަމީރަށެވެ. ކޮޓަރިއަށް ވަދެގެން އައި ފެނިގެން ދިޔައީ ހިތް ކުދިކުދި ކޮށްލާފަދަ މަންޒަރެކެވެ. އެނދުމަތީ ތިބި ދެމީހުންނަށް އޭނާ ވަންކަން ވެސް ނޭނގޭހާ އަވަހަށް ނިކުމެގެން އޭނާ ދިޔައީ ދާނޭ ވަކި މިސްރާބެއް ނެތިއެވެ. ދެތިން ގަޑިއިރު ކޮށްލާ ގެއަށް އައި އިރު މަޢުރީނާ އިނީ ފެންޑާގައެވެ. ނިކަން ހަމަޖެހިގެންނެވެ. ރޭގަނޑުގެ ކެއުމަށް ކޮންމެވެސް އެއްޗެއް ކޮށަމުން ދިޔައެވެ.

ސަމީރު ވަދެގެން އައުމުން މަޢުރީން ހިނިތުންވެލިއެވެ. ނަމަވެސް ސަމީރުގެ މޫނުމަތިން ފެންނަމުން ދިޔަ ބަނަ ކުލަވަރުތަކުން ކޮންމެވެސް ކަމެއް ވަރަށް ގޯސް ވެއްޖެކަން އޭނާއަށް ވަރަށް ޔަގީންވިއެވެ.

މާ ގިނަ ވާހަކަތަކެއް ނުދައްކާ ސަމީރު ބޭނުންވީ ވަރިކުރަން ބޭނުންވާ ވާހަކަ ބުނާށެވެ. ވަރިވާކަށް މަޢުރީނާ ބޭނުމެއް ނުވެއެވެ. އޭނާ ބުނާގޮތުން ނަމަ ސަމީރުގެ ދަރިއަކަށް އޭނާ ބަނޑުބޮޑެވެ. އެކަންވެސް ސަމީރަކަށް ގަބޫލެއް ނުކުރެވުނެވެ. ފެނުނު މަންޒަރަށް ބަލާ އެއީ އޭނާގެ ދަރިއެއްކަންވެސް ކަށަވަރުވާކެއް ނެތެވެ. ސަމީރަށް ފެނުނު ކަންތަކުގެ ވާހަކަ މައުރީނާއަށް އިއްވާލިއެވެ. އެއީ ބޭވަފާތެރިއެއް ކަމުގައި ބުނެ އައި ރުޅީގައި ވަރިކޮށްލިއެވެ. ނިކުމެގެން ދާން ހިނގައިގަންނަން އެޅި ފިޔަވަޅު ހުއްޓުނީ މަޢުރީން އަމިއްލައަށް މަރުވާނަމޭ ބުނެ ހަޅޭލަވައިގަތުމުންނެވެ.

ނަމަވެސް ސަމީރުގެ ރުޅި އެއަށްވުރެ ގަދައެވެ. ބޭއިޚްތިޔާރުގައި ވަރިހަމައޭ ބުނެ ހިނގައިގަތެވެ. ނަމަވެސް އަނެއްކާވެސް ފިޔަވަޅުމައްޗަށް ހުއްޓުނެވެ. މިފަހަރު މަޢުރީނާގެ ހަޅޭކުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ.

ޑރ. މަލީހާގެ ވާހަކަތައް އަޑު އެހުމަށްފަހު ފުލުހުން އިތުރު ތަހުގީގަކަށް ދާން ނިންމިއެވެ. ސަމީރުގައިގައި ލޭ ހުއްޓަކަސް ވަޅީގައި މައުރީނާގެ އިނގިލީގެ ނިޝާން ހުރުމުން ސަމީރުގެ ވާހަކައިގައި ކޮންމެވެސް ހަގީގަތެއް ވާކަން ޔަގީނެވެ. ޑރ. މަލީހާ ބުނާގޮތުންނަމަ ސަމީރު މިހާރު އެވަނީ "ޑިނާޔަލް" ގައެވެ. މަޢުރީނާ މަރުވީ އޭނާގެ އަތުން ނޫން ނަމަވެސް މަރުވާން ޖެހުނީ އޭނާ އާ ހުރެކަން ސަމީރު ގަބޫލުކުރެއެވެ.

"އަހަރެންނަކީ" ގާތިލެކޭ އޭނާ ބުނަމުން ދިޔައީ އެހެންވެއެވެ.

 

  • ނިމުނީ -