ތައްހާނުގެ މޫނުމަތިން ހިނިތުންވުމުގެ ކުލަވަރުތައް ފެންނަމުން ދިޔައިރު މަރިޔަމް ވަނީ ރުޅި އައިސްގެން ގޮސް ފަޅައިގެން ދާ ވަރުވެފައެވެ.

ތައްހާނު އާއި ސަލާމް ކޮށްލަމުން ގޭތެރޭގައި ތިބި އެންމެން ނިކުމެގެން ދިޔައިިރު މަރިޔަމް އިނީ އެގޭގެ އަނދިރި ހިސާބެއްގައި ފިލާއެވެ. އެންމެން އެގެއިން ނިކުތުމާއި އެކު ދަނޑިވަޅުގެ ބޭނުން ހިފައި މަރިޔަމް އަވަސް ވެ ގަތީ އެގެއަށް ވަނުމަށެވެ. އޭރު މަރިޔަމް ގެނައި ވަޅި ވަނީ މަރިޔަމްގެ ހެދުމުގެ ފަހަތަށް ލައި ފޮރުވާފައެވެ.

" ތައްހާނު.. " މަރިޔަމްގެ އަޑަށް ތައްހާނު ފަހަތް ބަލައިލިއެވެ.

" މަރިޔަމް... ކޮން ވަޑާމެއް؟؟ " ތައްހާނު ބަލައިލީ މަރިޔަމްގެ މޫނަށެވެ.

" މިއައީ އާދައިގެ ވަޑާމެއް ކުރާކަށް ނޫން... " މަރިޔަމް ހަމަ ޖެހިލަމުން މަޑުމަޑުން ތައްހާނު އާއި ގާތް ވެލިއެވެ.

" ކޮބާ މޫސަ؟؟؟ އަދިވެސް އަންނާކަށް ނުވޭތަ؟؟ " ތައްހާނު މަރިޔަމް އަށް ބަލަހައްޓައިގެން ހުރެ ހީލިއެވެ.

" މޫސަ އަންނާނެ މާދަމާ.... " މަރިޔަމް އިތުރަށް ތައްހާނު އާއި ގާތްވެލިއެވެ.

" މަރިޔަމް.... ކީއްކުރަން ތިއުޅެނީ... ؟ މަރިޔަ... " ތައްހާނުއަށް ބުނެވުނީ އެހާ ހިސާބަށެވެ.

މަރިޔަމް ވަޅި ނަގައި ތައްހާނުގެ ބަނޑަށް ވަޅި ހަރާލިއެވެ. ހަމަ އެ ބާރު މިނުގައި ދެވަނަ ފަހަރަށްވެސް ތައްހާނުގެ ބަނޑަށް ވަޅި ޖެހިއެވެ.

ތައްހާނުގެ ގައިން ބުރައިގެން ދިޔަ ލޭ ތިކިތައް ގޮސް ތަތްވީ މަރިޔަމްގެ މޫނަށާއި މުޅި ގަޔަށެވެ.

" ކަލޭ މަގޭ މުޅި ދިރިއުޅުން ހަލާކު ކޮށްލައިފި.... ކީއްވެ އެލްކާން މަރާލީ... އޭގެ ސަޒާ ކަލެއަށް މިއަދު ތިލިބުނީ.... އަހަރެން ކަލެއަށް ނަފުރަތު ކުރަން..... " އަނެއްކާވެސް ވަޅީގެ ފުންމިނަށް އެއްކޮށް ތައްހާނުގެ ގަޔަށް ވަޅި ހަރާލަމުން މަރިޔަމް ހިނގައިގަތީ އެގެއިން ނިކުންނާށެވެ. ލެއިން ތަތް ތެޅިފައިވާ މަރިޔަމް މަގުމަތީގައި ބާރު ހިނގުމެއްގައި ހިނގާފައި ދިޔައިރު ވަގުތުގެ ގޮތުން އެއްވެސް މީހަކަށް މަރިޔަމް އެއް ނުފެނުނެވެ.

މަރިޔަމް ގެއަށް ވަދެ ފެންވަރާލައިގެން ފާޚާނާއިން ނިކުތެވެ.

"" ދަރިފުޅާ... އަލްޔާ... " މަރިޔަމްގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. ފާޚާނާގެެ ދޮރު ކުރިމަތީގައި އަލްޔާ އިނީ ރޯންށެވެ.

" މަންމާ..... ބައްޕަ މަރުވީ.... އަލްޔާ ވަރަށް ދެރަވޭ... މަންމާ.... އަލްޔާ ބަލާ ކާފަވެސް އަތުވެއްޖެ.... އަލްޔާ ޖެހޭނީ މަންމަ ދޫކޮށްފަ ދާން... ދެން މަންމަ އަކަށް އަލްޔާއެއް ނުފެންނާނެ.... މަންމަ ގާތު ހުއްޓަސް މަންމަގެ ފަރާތުން އެންމެ އެކަށީގެންވާ ލޯބި އަހަންނަށް ނުލިބޭ.. އެއީ އަހަރެން އިންސާނަކަށް ނުވީމަ.... އަހަރެންނަކީ ޖިންނި އަކަށް ވީމި.... މަންމާ.... އަހަރެން ދެން ދަނީ... ދިޔުމުގެ ކުރިން ބައްޕަގެ ވަސިއްޔަތެއް ހިއްސާ ކުރަން އަހަރެން އަދި އަންނާނަން.... " މަރިޔަމް ގެ ދޫ ހަރަކާތް ނުކުރެވެނިސް އަލްޔާ ގެއްލިއްޖެއެވެ.

މަރިޔަމްގެ ދެލޯ ވަގުތުން ކަރުނައިގެ ތިކިތަކުން ފުރާލިއެވެ. އަލްޔާ އެބުނީ ތެދެކެވެ. އަލްޔާއަށް އެކަށީގެންވާ ވަރަށް މަރިޔަމަކަށް ލޯބި ނުދެވެއެވެ. ސަބަބެއް ނެތިއެއްވެސް ނޫންނެވެ. މަރިޔަމްގެ ސިކުނޑި ވަގުތުން ގަންބުވާލީ މީގެ 20 އަހަރު ކުރީގެ ހަނދާންނަކަށެވެ.

މަރިޔަމް ގެ އެންމެ ޒުވާން ދުވަސްކޮޅު އޭނާ ޒަވާޖީ ޙަޔާތެއް ފެށިއެވެ. މޫސަ އާއި އެކުގައެވެ. ވަރަށް ލޯބިން އުޅެން އެތައް ވަޢުދު ތަކާއި އަޚުދު ތަކެއް ވުމަށް ފަހުގައެވެ. ކައިވެނި ކުރިތާ 2 އަހަރު ވީތަނާ ލޯބި ލޯބި އަންހެން ދަރިއެއް ލިބުނެވެ. އެއީ މައިޝާއެވެ. އެހެނަސް މައިޝާ ލިބުމާއި އެކު މަރިޔަމްގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. ހީވެސް ނުކޮށް ހުުއްޓައެވެ. އިންތިހާއަށް މޫސަގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުން މުޅިން ނެތިގެން ދިޔައެވެ. ގޭގައި އެންމެ ވަގުތު ކޮޅަކުވެސް މަޑުކުރާކަށް މޫސަ ބޭނުމެއް ނުވެއެވެ. އެކަނި މާއެކަނި ދިރިއުޅުމުގެ ހަނގުރާމައިގެ ކަނޑަށް މަރިޔަމް ނިކުންނަށް ޖެހުނީ ތުއްތު ތުއްތު މައިޝާ ގޮވައިގެންނެވެ. އެހީވާނެ އެއްވެސް މީހެއް ނެތެވެ. މަދަދު ވެރިވާނެ އެއްވެސް މަދަދުވެރިޔަކުވެސް ނެތެވެ. މޫސަގެ ދިރިއުޅުމަށް އަންނަމުން ދިޔަ ބަދަލުތަކުން މަރިޔަމްގެ ހިތް ދިޔައީ ރޫޅި ކުދި ކުދި ވަމުންނެވެ. މޫސައަށް އަންނަމުން ދާ ބަދަލު ތަކާއި ގުޅޭ ގޮތުން ސުވާލެއް ކޮށްފިނަމަ މޫސަގެ ގާތަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އަޑުގެ ނެތްކޮޅަށް ކަމެއް ނުވެއޭ މޫސަ ބުނާއިރު ހީވަނީ މަރިޔަމް ގެ ބޯމައްޗަށް ގެ ވައްޓާލާފާނެ ހެންނެވެ.

މައިޝާގެ އުމުރުުން އެންމެ 3 މަހުގައި މޫސަ ރަށުގައި އަދާކުރަމުން ދިޔަ ވަޒީފާއިން ކެނޑި ބޯޓު ދަތުރުކުރަން ދިޔައެވެ. އެއާއި އެކު މަރިޔަމް ވޭތުކުރަން ޖެހުނީ މާ ހިތްދަތި ވޭން ހުރި ދިރިއުޅުމެކެވެ. ބޯޓު ދަތުރުކުރަން ދިޔުމާއި އެކު މޫސަ ރަށަށް ވެސް އަންނަނީ 5 އަހަރު ތެރޭގައި އެންމެ ފަހަރަކުއެވެ. މަރިޔަމް ގެ މުޅި ދިރިއުޅުން ބިކަވިއެވެ. އެކަނިވެރިވިއެވެ. ހަނދާނެ ގޮތް ހުސްވެ މަރިޔަމްގެ ބޯ ފަޅައިގެން ދާ ވަރުވިއެވެ.

އަހަރަކަށް ފަހު އަހަރެއް ކަނޑަތުކުރަމުން ދިޔައިރު މައިޝާވެސް ދިޔައީ ބޮޑުވަމުންނެވެ. ހިތާމަކޮށް ކޮށް މަރިޔަމްގެ ހިތް ވަނީ ހަލާކުވާވަރުވެފައެވެ. ވިސްނާ ވިސްނާ މަރިޔަމް މިހާރު ވަނީ ޑިޕްރެޝަން އަށް ގޮސްފައެވެ. މީހާ ވަނީ މުޅިން ހިކި އަނަރޫފަވެފައެވެ. މިފަދަ ހާލެއްގައިވެސް މަރިޔަމް މަސައްކަތް ކުރީ މައިޝާ އަށް ލޯބި ދީގެން މައިިޝާ ރަނގަޅު ގޮތުގައި ބޮޑު ކުރެވޭތޯއެވެ. ރޭގަނޑުގެ އެތައް ރެޔަކުން މަޚުރޫމްވެ މަރިޔަމްގެ ހިތުގެ ހަމަޖެހުން މުޅިން ގެއްލުނަސް މައިޝާގެ އެއްވެސް ކަމަކަށް މަރިޔަމް ފަރުވާ ކުޑައެއް ނުކުރެއެވެ.

10 އަހަރު ވަންދެން ވަރަށް ހިތްދަތިި ކަމާއި އެކު މަރިޔަމްގެ ޙަޔާތް އޭނާ ވޭތުކުރިއެވެ. 10 އަހަރު ދުވަސް ތެރޭ މޫސަ ދެފަހަރަށް ރަށަށް އައެވެ. އެ ދެފަހަރުމަތިން ވެސް ލޯބިން މައިިޝާއަށް ކޮށްދިން އެއްވެސް ކަމެއް ނެެތެވެ. މަރިޔަމްއަށް ވެސް އަޅައެއް ނުލައެވެ. ދެތިން ދުވަހު ރަށުގައި މަޑު ކޮށްލުމާއި އެކު ދެފަހަރުވެސް މޫސަ ފުރައިފިއެވެ. މަރިޔަމް ވަރަށް ރުއެވެ. ވަރަށް އާދޭސް ކުރިއެވެ. މޫސަ ގާތުގައި މޫސަ އަށް އަންނަމުން ދިޔަ ބަދަލުތަކުގެ ސަބަބު ބަޔާންކޮށްދިނުމަށް އެދި މަރިޔަމް ރޮއި ހޭރުނު އިރު އެކަމަށްވެސް މޫސަ ދިނީ ބީރު ކަންފަތެކެވެ.

ނުނިމޭ..

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔުންތެރިޔާ

    ވަރަށް ރީތި