އާދައިގެ މަތިން މަރިޔަމް ގެ ލޮލަށް އެއްގޮތަކަަށް ވެސް ނިދީގެ އަސަރު ނުކުރާ ރެއެކެވެ. އެނދުމަތީގައި ދެފަރާތަށް ފުރޮޅިލަމުން މަރިޔަމް ގެންދިޔައިރު މޫސަގެ ހަނދާންތަކުން މަރިޔަމްގެ ހިތުގެ ހަމަޖެހުން ވަނީ މުޅިން ގެއްލިފައެވެ. ކުއްލިއަކަށް މަރިޔަމް އަށް އިވެންފެށީ ކޮޓަރީގެ ޓިނުގަނޑު މައްޗަށް ވެހެމުންދާ ދާ ވާރޭގެ ފެން ތިކިތަކުގެ އަޑެވެ. މަރިޔަމް މަޑުމަޑުން އެނދުން ތެދުވެ އެނދުމަތީގައި ދެފައި އޮޅާލަމުން އިށީނދެލިއެވެ. ޓިނުގަނޑު މައްޗަށް ވެހެމުން ދިޔަ ފެން ތިކިތަކުގެ ހިތްގައިމު އަޑުންވެސް މަރިޔަމްގެ ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ.

" ޓޮއް.... ޓޮއް.. " މަރިޔަމް ސިއްސައިގެން ގޮސް ކޮޓަރީގެ ދޮރަށް ބަލައިލިއެވެ. ދޮރުގައި ޓަކި ޖަހަމުން ދިޔައިރު އޭރު ގަޑިިން މެންދަމު 3 ޖަހަން ވަނީ ގާތްވެފައެވެ. މަރިޔަމް ބިރުން ހުރެ އެނދުން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފައިލިއެވެ. އެއްވެސް މީހެއް ބޭރުން ފެންނާކަށް ނެތެވެ.

ފުންނޭވާއެއް ދޫކޮށްލަމުން މަރިޔަމް ކޮޓަރީގެ ދޮރުލައްޕަން އަވަސްވެ ގަތެވެ.

" މަރިޔަމް... " މަރިޔަމްގެ ދެލޯ ބޮޑުވެގެން ދޮޮރުގެ ތަޅުން ބޭއިޚުތިރާޔުގައި އަތް ދޫކޮށްލެވުނެވެ.

" ތީ ކާކު؟؟ " ދޮރު ކުރިމަތީގައި ހުރީ މަރިޔަމް ނުދަންނަ ފިރިހެކެވެ. ތެމި ފޯއްވެފައެވެ. އޭރުވެސް މަރިޔަމްގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ.

" މީ... މީ... މަރިޔަމްއަށް ހެޔޮ އެދޭ މީހެއް... " ދޮރު ކުރިމަތީގައި ހުރި މީހާ ވާހަކަ ދައްކަންފެށިއެވެ.

" އަހަރެންނަށް އެނގޭ މަރިޔަމް ވަރަށް އެކަނިވެރިކަން..... މަރިޔަމް ތި އުޅޭ ހާލުވެސް އަހަރެންނަށް އެނގޭ.... އަހަރެން މިއައީ މަރިޔަމްއަށް އެހީވާން.... " ދޮރުކުރިމަތީގައި ހުރި މީހާ ދެއްކި ވާހަކައިން މަރިޔަމް ހައިރާންވިއެވެ. ބިިރުވެސް ގަތެވެ.

" އެކަމު... ތީ... އަހަރެން ނުދަންނަ މީހެއް.... އަހަރެން ކިހިނެއް އެނގުނީ؟؟؟؟ " މަރިޔަމްގެ އަޑު ދިޔައީ ތުރުތުރު އަޅަމުންނެވެ.

" ދުވަސްކޮޅަކުން ތި ސުވާލަށް ޖަވާބު ލިބޭނެ... އަހަރެންނަށް މަރިޔަމްގެ އެކަނި ވެރިކަން ފިލުވަން ފުރުސަތެއް ލިބިދާނެތަ؟؟ " އެމީހާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް އޯގާތެރިކަމާއި އެކުގައެވެ. އެމީހާގެ ހިތްހެޔޮކަމާއި ވާހަކަ ދައްކަމުން ދިޔަ ރާގުން މަރިޔަމްގެ ހިތް އެމީހާގެ އެހީތެރިކަމަށް އެދެވެން ފެށުނެވެ.

" މައްސަލައެއް ނެތް... އަހަރެންގެ އެކަނިވެރިކަން ފިލުވަދީ... " މަރިޔަމް ގަދަކަމުން ތުންފަތަށް ހިނިތުން ވެލުމެއް ދިނެވެ.

" ޝުކުރިއްޔާ މަރީ.... މީ އެލްކާން... " އެމީހާ ގެ އަތް ދިއްކޮށްލަމުން ބުނެލިއެވެ. މަރިޔަމް ސަލާމްކޮށްލަމުން ބަލައިލީ އެލްކާންގެ ދެލޮލަށެވެ.

އެތައް އިރަކު އެލްކާން އާއި މަރިޔަމް އެގޭ ޖޯލީގައި ވާހަކަދައްކަން ތިއްބެވެ. މަރިޔަމްގެ ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް އެލްކާން އަށް އެނގެއެވެ. އެކަމާއި މަރިޔަމް އިނީ އިންތިހާއަށް ހައިރާންވެފައެވެ. އެލްކާން ދައްކަމުން ގެންދިޔަ ވާހަކަތަކުން މަރިޔަމްގެ ހިތަށް ފުރަތަމަ ރޭވެސް ބުނެދޭން ނޭނގޭ ފަދަ ހިތްހަމަ ޖެހުމެއް ލިބޭހެން އޭނާއަށް ހީވަމުން ދިޔައެވެ.

" އަހަރެން މީ ވަރަށް އެކަނިވެރިއެއް... އަހަރެން ވަރަށް ބޮޑަށް މޫސަ ދެކެ ލޯބިވޭ.... އެކަމު.. އަހަރެންނަކަށް ނޭނގެ މޫސައަށް މިއައި ބޮޑު ބަދަލެއް..... އެލްކާން... އަހަރެންނަށް އެލްކާން ރަނގަޅަކަށް ނުވެސް އެނގޭ.... މީ އަދި ފުރަތަމަ ރޭ... އެކަމުވެސް އެލްކާން ގެ ސަބަބުން މިހިތަށް ކޮންމެވެސް ވަރެއް ގެ ލުއިކަމެއް ލިބެއްޖެ..." މަރިޔަމް އެލްކާންއަށް ބަލައިލަމުން ހިނިތުންވެލިއެވެ.

" މަރީ... ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް... އަހަރެން މަރީއަށް ހުރިހާ ކަމެއްވެސް އަންގާނަން... މޫސައަށް އަންނަމުންދާ ބަދަލުތައް ވެސް ކިޔާ ދޭނަން.... " އެލްކާން ދެއްކި ވާހަކައިން މަރިޔަމްގެ ދެލޯ ބޮޑުވިއެވެ.

" ކީކޭ؟؟ އެނގޭތަ މޫސައަށް އަންނަމުންދާ ބަދަލުތަކުގެ އަސްލު؟؟؟ " މަރިޔަމް ހައިރާންވެ ހުރެ އެލްކާންއަށް ބަލައިލިއެވެ.

" އާނ މަރީ... އަހަރެންނަށް ހުރިހާ ކަމެއްވެސް އެނގޭ... ވަގުތު ޖެހުމުން މަރީ އަށް ހުރިހާ އެއްޗެއް ކިޔާ ދޭނަން... މިރޭ ދެން ދަނީ އެނގޭ... " އެލްކާން ޖޯލިން ތެދުވިއެވެ.

ދުވަސްތައް ފައްވަމުން ދިޔައެވެ. މަރިޔަމް އާއި އެލްކާންގެ ގުޅުން ދިޔައީ ބަދަހި ވަމުންނެވެ. ގުޅުން ދިޔައީ އިތުރުވެ ފުރިހަމަ ވަމުންނެވެ. މަރިޔަމްގެ ހިތާމަތައް ފިލައި މުޅި މީހާ ތާޒާ ވެއްޖެއެވެ. ދުވާލާއި ރޭގަނޑު ގެ ހުރިހާ ވަގުތުތަކެއް ހެން މަރިޔަމް ހޭދަކުރަމުން ގެންދިޔައީ އެލްކާން އާއި އެކުގައެވެ. މަރިޔަމްގެ އެކަނިވެރިކަން ފިލުވައިދީ މަރިޔަމްގެ ޙަޔާތައް އެލްކާން އުފާވެރިކަން ގެނުވިއެވެ. ހިތާމައިގެ ކަނޑުގައި އޮޔާ ބެހެމުން ދިޔަ މަރިޔަމްގެ ދިރިއުޅުން އާރާސްތްކޮށް އުޖާލާާކޮށްދިނެވެ. މަރިޔަމްގެ ހިތަށް ހަމަޖެހުން ގެނެސް ދިނެވެ.

މިހާރު މަރިޔަމްގެ މުޅި ދިރުއުޅުން ވަނީ ބަދަލުވެފައެވެ. މަރިޔަމްގެ ހިތުގައި އިންތިހާއަށް މޫސަ އަށް އޮތް ލޯބި ވަނީ ފަޑުވެގެން ގޮސް ގެއްލިފައެވެ. އެލޯބި މިހާރު ވަނީ އެލްކާން އަށް ހިބައިން ދެވިފައެވެ. އާނކެވެ. އެލްކާން ދެކެ މަރިޔަމަށް ލޯބި ވެވިއްޖެއެވެ. އިންތިހާއަށެވެ. މަރިޔަމް އިންތިޒާރު ކުރަމުން ދިޔައީ އެލްކާން ގެ ފަރާތުން ލޯބީގެ ހުށައެޅުން ހުށައަޅާނެ ވަގުތަކަށެވެ.

ރޭދުވާ ދައުރުވަމުން ދިޔައެވެ. މަރިޔަމްގެ ކޮޓަރީގައި އެލްކާން ހުރީ މަރިޔަމްއާއި ވާހަކަ ދައްކަންށެވެ.

" އެލްކާން... ތީ މިހަޔާތް އުޖާލާކޮށްދިން މީހަކީ... 10 އަހަރު ވަރަށް ހިތްދަތިކޮށް އުޅުމަށް ފަހު އަހަރެން މިއަދު މިވޭތުކުރަނީ އުފާވެރި ދުވަސްތަކެއް.... އެލްކާންގެ ސަބަބުން އަހަރެން ގެ ދިރިއުޅުން ފުރިހަމަ ވެއްޖެ..... އުޖާލާވެއްޖެ.. " މަޑުމަޑުން އެލްކާންގެ ކޮނޑުގައި މަރިޔަމް ބޯ އަޅައިލިއެވެ.

" މަރީ.... އަހަރެން މަރީ ގާތު ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބައޮތް؟؟؟ " އެލްކާން މަޑުުމަޑުން މަރިޔަމްގެ ބޮލުގައި ފިރުމާލިއެވެ. އެލްކާންގެ ކޮނޑުން ބޯ ނަގަމުން މަރިޔަމް ބަލައިލީ އެލްކާންގެ މޫނަށެވެ.

" ކޮން ވާާހަކައެއް؟؟ "

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިވާހަކަ ނުގެނެސްދެނީ ކީއްވެ ... ކޮމެންޓެއް ކުރިޔަސް ނުދައްކާ