ޕީއެސްޖީގެ ބްރެޒިލް ތަރި، ނޭމާ ޖޫނިއާ އާއި ދެކޮޅަށް އަންހެނަކު ހުށަހެޅި ރޭޕްގެ މައްސަލައެއް ބްރެޒިލްގެ ފުލުހުން ތަހުޤީޤު ކުރަން ފަށައިފިއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ މި އަންހެން މީހާ ބުނެފައިވާގޮތުގައި، މީސްމީޑިއާ އިން އޭނާ އާއި ރަހުމަތްތެރިކަން އުފެދުނު ނޭމާ އޭނާ ރޭޕްކޮށްލީ މިދިޔަ މޭއި މަހުގެ 15 ވަނަ ދުވަހު ފްރާސްގެ ވެރިރަށް ޕެރިސްގައި އެ ދެމީހުން ބައްދަލުވި ދުވަހެއްގައެވެ.

ބްރެޒިލްގެ އިދާރާތަކަށް އެ އަންހެން މީހާ ދީފައިވާ ބަޔާނުގައި ވާގޮތުގައި، ނޭމާ އޭނާ ރޭޕްކޮށްލީ ޕެރިސްއަށް ކުރި ޒިޔާރަތެއްގައި އޭނާ ހުރި ހޮޓަލަށް މަސްތުގެ ހާލުގައި ހުރެގެން ގޮސް މޭއި 15 ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެގޮތުން އެންމެ ފުރަތަމަ ދިމާވުމުން ދެމީހުން ވާހަކަ ދައްކައި ހެދި ކަމަށާއި، ނަމަވެސް ވަކި ހިސާބަކުން ނޭމާގެ ހަރަކާތްތައް ބަދަލުވީ ކަމަށް އެ އަންހެން މީހާ ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނެފައިވާގޮތުގައި މަސްތުވެގެން ހުރެ ނޭމާ އޭނާގެ ނުރުހުމުގައި ކައިރިވެ އޭނާއަށް ޖިންސީ ގޯނާވެސް ކޮށްފައި ވެއެވެ. އެއަށްފަހު ހޮޓެލް ތެރޭގައި އޭނާ ރޭޕްކުރުމަށްފަހު ދިޔައީ ކަމަށް ބަޔާނުގައި އަންހެން މީހާ ބުނެފައި ވެއެވެ. އެ ހާދިސާ ހިނގިތާ ދެ ދުވަސްފަހު ޕެރިސް އިން ފުރައިގެން އައީ ކަމަށާއި، އެޤައުމުގެ އިދާރާތަކަށް މައްސަލަ ހުށަނޭޅީ ބީރައްޓެރި ޤައުމެއްގައި އެކަން ކުރަން ޖެހިލުންވުމުން ކަމަށް އަންހެން މީހާ ބުނެފައި ވެއެވެ.

މި ތުހުމަތާއި އެކު އަންހެން މީހާ ބްރެޒިލްގެ ފުލުހުންނަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ މިހާރު ތަހުޤީޤު ކުރަން ފަށާފައި ވާއިރު، އެކަމާއި ގުޅިގެން އަދި ނޭމާގެ ފަރާތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުތަކެއް ނޭމާއަށް ކޮށްފައިވާއިރު، ޑިސިޕްލިން މައްސަލަތަކެއްގެ ސަބަބުން ނޭމާ އަތުން ބްރެޒިލްގެ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑްވެސް ދާދިފަހުން ވަނީ އަތުލާފައެވެ. މީގެ އިތުރުން ނޭމާގެ ކްލަބު ޕީއެސްޖީއާއި ރެނެސް ކުޅުނު މެޗުގައި ސަޕޯޓަރެއްގެ ގައިގައި ޖަހައިގެން ނޭމާ ސަސްޕެންޑްވެސް ކޮށްފައި ވެއެވެ.