އިޓަލީގެ އިތުރުން ޔޫރޮޕްގެ އެންމެ އެކްޓިވް އަލިފާން ފަރުބަދަ ކަމަށްވާ މަޝްހޫރު މައުންޓް އެތީނާ އަލިފާން ފަރުބަދަ އަނެއްކާވެސް ގޮވައިފިއެވެ.

މި އަލިފާން ފަރުބަދަ މިދިޔަ ޑިސެންބަރު މަހު ގޮވި ފަހަރު ކުޑަ ވަރެއްގެ ބިންހެލުމެއް އައިސްފައިވެއެވެ. މި ބިންހެލުމުގައި ބައެއް އިމާރަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ފަތުރުވެރިންގެ މެދުގައިވެސް މަޝްހޫރު އިޓަލީގެ 11000 ހާސް ފޫޓް ހުސް މި ފަރުބަދަ އަނެއްކާވެސް ގޮވަން ފަށާފައިވާއިރު ފަރުބަދައިގެ ބައެއް ހިސާބުތަކުގައި ރެނދުލާފައި ހުރި ކަމަށް ރިޕޯޓްތަށް ބުނެއެވެ.

މި ފަރުބަދައަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭވަނީ 130 އަށް ވުރެން ގިނަ ލޮޅުން އަރާފައެވެ. އެތީނާ އަލިފާން ފަރުބަދަ ގޮވުމާއި އެކު އެތަށް ހާސް މީޓަރަށް އަޅިއާއި ދުން މައްޗަށް އެރިއިރު ފަރުބަދަ ގޮވަން ފެށުމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވެއެވެ. ނަމަވެސް ފަރުބަދައިން ނުކުންނަ ދުމާއި އަޅީގެ އަސަރު ވަނީ މީހުން އުޅޭ ސަރަހައްދުތަކަށް ކޮށްފައެވެ.

އެތީނާ ފަރުބަދަ އަށް މިދިޔަ އަހަރު ފެބްރުއަރީ މަހުން ފެށިގެން ދިޔައީ ކުދި ބިންހެލުންތަށް އަންނަމުނެވެ. މިއާއެކު މި އަލިފާން ފަރުބަދަ ގޮވާފާނެ ކަމުގެ އިންޒާރު އެގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން މީގެ ކުރިން ވަނީ ދީފައެވެ.

2017 ވަނަ އަހަރު ވެސް މި އަލިފާން ފަރުބަދަ ވަނީ ގޮވާފައެވެ. އެފަހަރު 10 މީހުން ޒަހަމުވި އިރު އެއްވެސް މީހާކު މަރުވެފައެއް ނުވެއެވެ.

އިންސާނީ ދަރިފަސްކޮޅަށް ގެއްލުންވާފަދަ ސުޕަ ވޮލްކޯނޭ އެއް ގޮވަނީ ކޮންމެ 100000 އަހަރަކުން އެއް ފަހަރު އެވެ. ސައިންވެރިން ލަފާ ކުރާ ގޮތުގައި މި ފަދަ އަލިފާން ފަރުބަދައެއް ގޮވައިފި ނަމަ މުޅި ދުނިޔޭގެ ބޮޑު ސަރަހައްދެއް ބަނޑަށް ޖެހި ދުނިޔެ އާދަޔާ ހިލާފަށް ފިނި ގަދަވެގެން ދާނެއެވެ. ސަބަބަކީ ފަރުބަދައިން ނިކުންނަށް އަޅީގެ ދުމުން ދުނިޔެއަށް އިރުގެ އަލިކަން ނުލިބޭނެތީއެވެ.