މޭގަން އަކީ އެހައި ގޮތެއްފޮތެއް ނެތް މީހެއް ކަމަށް ކުރިން ހީނުކުރާ ކަމަށް ބުނެ އިންޓަވިއުއެއް ދިން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހަދައިފިއެވެ.

މިއަދު އިނގިރޭސިވިލާތައް ފެށި ރަސްމީ ދަތުރުކުގެ ކުރިން ޓްރަމްޕް ކުރި ޓްވީޓެއްގައި ބުނީ މޭގަން އާއި ބެހޭ ގޮތުން އެފަދަ ކޮމެންޓެއް އޭނާ ކޮށްފައި ނުވާނެ ކަމަށެވެ.

ޓްރަމްޕް މޭގަން އާއި ދެކޮޅަށް ވާހަކަދެއްކީ އިނގިރޭސިވިލާތުގެ "ސަން" އަށް ދިން އިންޓަވިއުއެއްގައެވެ. ނަމަވެސް މިއަދު ޓްރަމްޕް ބުނީ އެއީ "ފޭކް ނިއުސްއެއް" ކަމަށެވެ.

ޓްރަމްޕް އާއި ދެކޮޅު ވާހަކައެއް ދައްކާ ކޮންމެ ނޫހަކީ "ފޭކް ނިއުސް" ނުވަތަ ދޮގު ޚަބަރު ފަތުރާ ބައެއްގެ ގޮތުގައި ޓްރަމްޕް މީގެ ކުރިން ވެސް ސިފަކުރެއެވެ. "ސީއެންއެން" އާއި "ނިއުޔޯކް" ޓައިމްސްގެ ޚަބަރުތައް ދޮގުކޮށް ޓްރަމްޕް އާއްމުކޮށް ޓްވީޓް ކުރެއެވެ.

އެހެންކަމުން ޓްރަމްޕް އާއި މީޑިއާތަކުގެ ގުޅުން އަބަދުވެސް އޮންނަނީ ވަރަށް ގޯސްވެފައެވެ. ޓްރަމްޕް ބުނާ ގޮތުން ތެެދު ޚަބަރު ހަމައެކަނި ގެނެސްދެނީ "ފޮކްސް ނިއުސް" އިންނެވެ. ފޮކްސް އަކީ އެމެރިކާގެ ރިޕަބްލިކަން ޕާޓީއަށާއި ޓްރަމްޕް އަށް ތާއިދު ކުރާ މީޑިއާއެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.

ޓްރަމްޕް މޭގަން ދެކެ ރުޅިއައިސްފައި ހުރީ 2016 ވަނަ އަހަރު އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް އިންތިޚާބު ވުމުން މޭގަން ޓްރަމްޕް އާއި ދެކޮޅަށް ވާހަކަ ދައްކާފައި ވާތީއެވެ.

މޭގަން ޓްރަމްޕް އަށް ފާޑުކީ މައްސަލައިގައި އަދިވެސް ޓްރަމްޕްގެ ހިތުގައި މޭގަން އާއި ދޭތެރޭ ނަފްރަތު އުފެދިފައި ވީނަމަވެސް ޓްރަމްޕް ބުނީ މޭގަންގެ "އަޙުލާޤާއި އުޅުން މިހާރު ރަނގަޅުވާނެ" ކަމަށް އުއްމީދު ކުރާ ކަމަށެވެ. އެއީ މޭގަން އަށް މިހާރު ދަރިއަކު ވެސް ލިބިފައި ވާތީ ކަމަށް ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް އިނގިރޭސިވިލާތައް ކުރާ ދަތުރުގައި މޭގަން ޓްރަމްޕް އާއި ބައްދަލު ނުކުރާނެ ކަމަށް އަޑުފެތުރިފައި ވާތީ ޓްރަމްޕް އާއި ސުވާލު ކުރުމުން އޭނާ ބުނީ ޝާހީ އާއިލާ މެންބަރުންނާއި އެކު އޭނާ ބާއްވާ ބައްދަލުވުމުގައި މޭގަން ބައިވެރި ނުވާކަމުގެ މައުލޫމާތު ލިބިފައި ނެތް ކަމަށެވެ. ރާނީގެ އިތުރުން ޕްރިންސް ޗާލްސް އާއި ޕްރިންސް ހެރީ ވެސް ޓްރަމްޕް އާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގައި 2016 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި މޭގަން ތާއިދު ކުރީ ހިލަރީ ކްލިންޓަނަށެވެ. މޭގަން އޭރު ބުނެފައި ވަނީ "ޓްރަމްޕް ކުލަ ޖައްސާ ދުނިޔެއްގައި އުޅެން އެއްވެސް މީހަކު ބޭނުމެއް ނުވާނެ" ކަމަށެވެ. މޭގަން އަކީ އެމެރިކާގެ މަޝްހޫރު ފިލްމީތަރިއެކެވެ.