އިމާރާތެއްގެ ބެލްކަނީން ތުއްތު ކުއްޖަކު އެއްލާލި މީހަކަށް 19 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.

އެމެރިކާއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ، އެމަނުއެލް އެރަންޑާ، އުމުރުން ފަސް އަހަރުގެ ތުއްތު ފިރިހެން ކުއްޖަކު އެއްލާލީ މިނެސޯޓާގެ މޯލެއްގެ ބެލްކަނީންނެވެ. މިދިޔަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު ހިނގި އެ ހާދިސާގައި އެކުއްޖާ ވަނީ ބޮޑެތި އަނިޔާތަކެއް ލިބުނު ނަމަވެސް ސަލާމަތްވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެމަނުއެލް އެކުއްޖާ އެއްލާލީ 40 ފޫޓު މަތިންނެވެ. މި ހާދިސާގައި ލިބުނު އަނިޔާގައި އެކުއްޖާގެ ބޮލާއި ހަށިގަނޑަށް ބޮޑެތި ޒަޚަމްތަކެއް ލިބި، ސީރިއަސް ހާލަތުގައި ގިނަ ސާޖަރީތަކެއް ހަދާފައިވާ ކަމަށް އާއިލާއިން ބުނެފައި ވެއެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އެފަރާތުން ހާމައެއް ނުކުރެއެވެ.

މި މައްސަލައިގެ ތަހުޤީޤުގައި އެމަނުއެލް ވަނީ ކުއްޖާ ބެލްކަނީން ގަސްތުގައި ވައްޓާލި ކަމަށް އެއްބަސް ވެފައެވެ. މިގޮތަށް އޭނާ ކަންތައް ކުރީ އެދުވަހު "މީހަކު މަރާލަން ބޭނުންވުމުން" ކަމަށް ތަހުޤީޤުގައި އެމަނުއެލް ބުނެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އެނަނުއެލް އެރަންޑާ

 

ހަމަ އެހެންމެ ތުއްތު ކުއްޖާއަށް ހަމަލާ ދިނީ، މޯލް ތެރެއިން ދިމާވެގެން އެކި ފަހަރުމަތިން ވާހަކަ ދައްކަން އުޅުމުން ވެސް އެކުއްޖާގެ މަންމަ އޭނާ އާއި ވާހަކަ ނުދައްކައި ދިއުމުން އެކަމާއި ރުޅިގަދަވެގެން ކަމަށް އެމަނުއެލް ބުނެފައި ވެއެވެ. އޭނާ ވަނީ އެދުވަހު އެކުއްޖާ ނޫން އެހެން މީހަކުވެސް މަރާލަން މަސައްކަތް ކުރި ކަމަށް ތަހުޤީޤުގައި އެއްބަސްވެފައެވެ.

މިކަމާއި ގުޅިގެން އެމަނުއެލްގެ މައްޗަށް ވަނީ، މީހަކު މަރާލަން އުޅުކަމާއި، މީހަކަށް ގެއްލުމެއް ދިނުމުގެ ކުށް ސާބިތުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު