އިނގިރޭސިވިލާތުގެ މަޝްހޫރު ޕާރފޯމެންސް ކޯޗެއްކަމުގައިވާ އޭމީ އައިވާރސަން ބުނާގޮތުގައި ކައިވެނިކޮށްގެން އުޅޭ ފިރިހެނަކު އެހެން އަންހެނަކާއިއެކު ނަހަމަ ގުޅުންތަކެއް އޮންނަ ކަމުގެ ހެކިތައް ނުވަތަ ނިޝާންތަކަކީ ވަރަށް ފަސޭހައިން ފެންނަން ހުންނަ ކަމެކެވެ. އޭގެ ތެރޭގައި އެ ފިރިހެން މީހާގެ މައިންބަފައިންގެ ކިބައިން ފެންނަ ސިފަތަކަކީ އެންމެ މުހިންމު އަދި އެންމެ ފަސޭހައިން ފާހަގަކޮށްލެވޭނޭ އެއް ނިޝާނެވެ.

ކޮންމެ މީހަކީވެސް ކައިވެނީގެ ޒަވާޖީ ހަޔާތުގައި އަނެކާއަށް އިތުބާރުކޮށްގެން އުޅެން ބޭނުންވާނޭ މީހެކެވެ. އެހެންނަމަވެސް މި ދަންނަވާ ނިޝާންތައް އެމީހެއްގެ ކިބައިން ފެންނަ ނަމަ ކޮންމެވެސް ކަމެއް ގޯސްކޮށް ހިނގަމުންދިޔުމަކީ ވަރަށް ގާތް ކަމެކެވެ. އެންމެ ފުރަތަމަ ބަލާލަން ޖެހޭނީ އެ ފިރިހެނަކު އުޅެބޮޑުވި ގޮތަށެވެ.

އެއީ އެމީހަކާއި ކައިވެނިކުރުމުގެ ކުރިން ބަލަން ޖެހޭނޭ ކަމެކެވެ. އެހެންނަމަވެސް އެގޮތަށް ނުބެލި ކައިވެނި ކުރެވިއްޖެނަމަ ވިސްނާށެވެ. ތަންކޮޅެއް ހިފެހެއްޓިފައިވާ ގޮތަކަށް ފިރިހެނެއްގެ ޅަ އުމުރު މައިންބަފައިންގެ ގާތުގައި ހޭދަވެފައިވާނަމަ އެހެންކަހަލަ ގުޅުންތަކެއް އޭނާއާއި އެހެން މީހަކާއި އޮތުމަކީ ގާތްކަމެކެވެ. ސަބަބަކީ އެމީހެއްގެ ޅަ އުމުރުގައި ކުރަން ނުލިބުނު އުފާތަކާއި ތަޖުރިބާތައް މިނިވަންކަން މަތީގައި މިހާރު ކުރަން ލިބޭނެތީވެ ބައެއް ފިރިހެނުން އެ ފުރުސަތުގެ ބޭނުން ނަގާނެތީއެވެ. އެއީ އެ ފިރިހެނެއްގެ މައިންބަފައިން އެމީހާ ބަލައިބޮޑުކުރިގޮތުން ކުރިމަތިވުން ގާތްކަމެކެވެ.

އޭމީ ދެން ބުނާގޮތުގައި ކައިވެނިކޮށްގެން އުޅޭ ފިރިހެނުންނަކީ ރީތިކަމަށާއި އަދި މީހާ ހުންނަ ހުރުން ރީތިކުރުމަށް އެހާ ބުރަ މަސައްކަތެއް ކުރާނޭ ބައެއް ނޫނެވެ. ވުމާއިއެކު ކުއްލިއަކަށް ޝޭވްކޮށް ކަސްރަތުކޮށް ރީތި ހެދުންތައް ލާން ފަށައިފިނަމަ އެ މީހަކު އެ އުޅެނީ ކޮންމެވެސް އެހެން މީހަކަށް އޭނާގެ ރީތިކަން ހާމަކޮށްދޭން ނުވަތަ ފާޅުކޮށްދޭންކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

ކުއްލިއަކަށް ކަންކަމާއި ދެރަވުން ނުވަތަ އެއްވެސް ކަހަލަ އިހުސާސްއެއްނުވާކަން އޭނާ ދައްކަން ފެށުމަކީވެސް ގޯސް ނިޝާނެކެވެ. އެއީ އޭނާއަށް ކުރެވޭ ކޮންމެވެސް ކަމެއްގެ ސަބަބުން އިހުސާސްވާ ދެރަ ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ 'ގިލްޓް' ފޮރުވައި ނުވަތަ ނުދައްކައި އުޅުމުގެ ނިޝާނެކެވެ.

ތިބާގެ ފިރިމީހާގެ ކިބައިން މިފަދަ ސިފަތަކެއް ފެންނަ ނަމަ ސަމާލުވާށެވެ. އަދި ރަނގަޅަށް ކައިވެނީގައި މައްސަލަތަކެއް އުޅޭތޯ ބަލައި އެކަންކަން ހައްލުކުރަން ވީހާވެސް އަވަހަށް ވާހަކަދައްކާށެވެ. އިތުރު ގޮތެއް ނެތިއްޔާ ކައިވެނީގެ ކައުންސެލިންގް ދޭ ފަރާތެއް ފަދަ ކަމާއިބެހޭ ތަޖުރިބާކާރެއްގެ ލަފާ ހޯދާށެވެ.