އާއިލާގެ ހުރިހާ މެންބަރުން ބައިވެރިވެގެން ވައްކަން ކުރުން އެއީ މީގެ ކުރިން ވެސް ބައެއް މީހުން ކޮށްފައިވާ ކަމެކެވެ. ނަމަވެސް މިދިޔަ ހަފްތާގައި އެމެރިކާގެ ޓެކްސަސްގައި އުމުރުން އެންމެ ފަސް އަހަރުގެ ކުއްޖަކު ބައިވެރިކޮށްގެން އޭނާގެ މަންމަ އާއި ބައްޕަ ވައްކަމެއް ކުރުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ.

އައިނުގެ ފްރޭމް ވިއްކާ ފިހާރައަކަށް މަންމައަކާއި ބައްޕަ އަދި ފަސް އަހަރުގެ ފިރިހެން ކުއްޖަކު ވަނެވެ. މަންމަ ކައުންޓަރު ކައިރީގައި ހުރި މުވައްޒަފާއި ވާހަކަދައްކަން ފެށިއެވެ. އެވަގުތު ބައްޕަ އާއި ފަސް އަހަރުގެ ކުއްޖާ ފަހަތުގައި ތިބެގެން އައިނެއްގެ ފްރޭމެއް ވަގަށް ނެގިއެވެ.

ފްރޭމް ވަގަށް ނެގީ ފަސް އަހަރުގެ ކުއްޖާ އެވެ. އޭނާ ފްރޭމް ނަގައިގެން ބައްޕަގެ ޖީބަށް ލުމަށް ފަހު އެއްވެސް ކަމެއް ކުރިހެން ހީނުވާ ގޮތައް ދުރަށް ހިނގާލާފައި ދެއެވެ.

މިހުރިހާ މަންޒަރެއް ވަނީ އެތަނުގައި ހުރި ސެކިއުރިޓީ ކެމެރާ އަށް ރެކޯޑް ކުރެވިފައެވެ.

އެމީހުން ވަގަށް ނެގި ފްރޭމްގެ އަގު 800 އެމެރިކާ ޑޮލަރަށް އަރައެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ބާރަހާހަށް ވުރެ ގިނަ ރުފިޔާ އެވެ.

ވީޑިއޯގައި ކުއްޖާގެ އަމަލުތައް ހުރި ގޮތައް ބެލުމަށް ފަހު ގިނަ މީހުން ބުނެފައި ވަނީ ކުޑަ ކުއްޖާ ބައިވެރިކޮށްގެން އޭނާގެ މަންމަ އާއި ބައްޕަ ގިނަ ވައްކަންތަކެއް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު