"ޒުވާނާއޭ މިއަދު ތިއުޅޭ އުޅުން އިސްލާޙު ކޮށްލާށޭ..، ޒުވާންކަން ބީވުމުގެ ކުރިއަށް ޢަމަލުތައް ރީތި ކޮށްލާށޭ.." މިއީ 1962 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު މި ދުނިޔޭގެ އަލިކަން ދުށް، ނ.މަނަދޫ ސިލްވަރބީޗް އަބޫބަކުރު އާދަމް، މިއަދާއި ހަމައަށް އައިއިރު ހައްދަފާފައިވާ ގާތްގަނޑަކަށް 2000 ޅެމުގެ ތެރެއިން ޅެމެއްގެ ބައިތެކެވެ.

އަބޫބަކުރު އާދަމް ނުވަތަ އެންމެ ދަންނަ ނަމުން ނަމަ ކުޑޭއަކީ، ޅެންވެރިކަމުގެ އުދަރެހަށް އެރި އަލިގަދަ ތަރިއެކެވެ. 25 އަހަރުވެފައިވާ ކުޑޭގެ ކާމިޔާބު ކައިވެންޏަށް 4 ކުދިން ލިބިފައިވާ އިރު، ޅެން ހެދުމުގެ މަސައްކަތަށް އެއްވެސް ފަނޑުކަމެއް އައިސްފައެއް ނުވެއެވެ. ޅެންވެރިކަމުގެ ބަގީޗާގެ ތެރެއަށް ވަދެވުނު ގޮތް، ކުޑޭ ވަނީ "ވަގުތު"އާއި ހިއްސާކޮށްފައެވެ.

"ޅެން ވެރިކަމުގެ ތެރެއަށް އަޅުގަނޑަށް ވަދެވުނީ އަޅުގަނޑު މާލޭގައި ކިޔަވަން އުޅުނު ދުވަސްވަރު. އެއީ 1977 ވަނަ އަހަރު. އޭރު އަޅުގަނޑު ދަނީ ޓިއުޝަން ކުލާސްތަކަށް. އެހެން ދިޔަ ދިއުމެއްގައި އަޅުގަނޑުމެންނަށް ދިވެހި ކުލާސް ނަންގަވައިދެއްވުމަށް ވަޑައިގެންނެވީ އަލްމަރުޙޫމު، ހޯރަފުށީ އާދަމް ސަލީމް. ސަލީމްބެގެ ފަރާތުން އަޅުގަނޑުގެ ޝައުޤުވެރިކަން އުފެދިގެން ދިޔައީ. އަލްމަރުޙޫމު އާދަމް ސަލީމަކީ މޮޅު ޅެންވެރިއެއް. ސަލީމްބެ ކުލާހުގައި ނަންގަވައިދެއްވާ ގަޑިތަކުގެ އިތުރުން، އިތުރު ކުލާސްތައް ނެގުމަށް އަޅުގަނޑު ދިޔައިން ސަލީމްބެގެ އަރިހަށް. އެހެން ގޮސް ގޮސް މިކަމުގެ ތެރެއަށް ވަދެވުނީ." ޅެންވެރިކަމުގެ ތެރެއަށް ވަދެވުނު ގޮތް ކުޑޭ ކިޔައިދިނެވެ.

ކުޑޭގެ ޅެންތައް އާއްމުންނަށް ފެންނަން ފަށާފައިވަނީ 1979 ވަނަ އަހަރުން ފެށިގެންނެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުގެ ވެރިއަކަށް އަލްމަރުޙޫމު ޢަބްދުﷲ ޙަމީދު ހުންނެވި ދުވަސްވަރު ނެރެން ފެށި ފަތްތޫރަ މަޖައްލާއިން އޭނާގެ ޅެންތަކަށް ޖާގަ ލިބިގެން ދިޔައެވެ. އެ ފުރުޞަތު ލިބުނު ގޮތްވެސް ކުޑޭ ވަނީ ކިޔައިދީފައެވެ.

"ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ މަޒުކަރުގެ ފަރާތުން، އަލްމަރުޙޫމު ޢަބްދުﷲ ޙަމީދު ވަޑައިގެންނެވީ މަނަދޫއަށް ރަސްމީ ދަތުރުފުޅެއްގައި. ދެން އަޅުގަނޑު އެ ބޭފުޅާއަށް ދައްކާލީ އަޅުގަނޑުގެ ޅެމެއް. ބައްޕަގެ އާދޭސް، މިނަމުގައި ހަދާފައިވާ ޅެމެއް އެއީ. ދައްކާލީމަ ވިދާޅުވީ ވަރަށް ރަނގަޅޭ ތިޔަ ޅެން ހަދާފައިވާގޮތް. އެހެންވީމަ ކޮންމެ މަހަކުވެސް ނެރޭ ފަތްތޫރަ މަޖައްލާގައި ޝާއިރުކުރުމަށް ފޮނުއްވާށޭ ޅެން. ދެން އެހިސާބުން މިއަދާ ހަމައަށް އައިއިރުވެސް އަޅުގަނޑު މި އަންނަނީ ފޮނުވަމުން. މިހާރުވެސް ދުވާލަކަށް ތިން ހަތަރު ޅެން ހަދަމުން މި ގެންދަނީ." ކުޑޭ އޭނާގެ ވާހަކަތައް ހިއްސާކުރިއެވެ.

އަބާުބަކުރު އާދަމް (ކުޑޭ) ހައްދާފައިވާ ޅެމެއް-

ކުޑޭގެ ޅެންތައް ފެންނަން ހުރީ ހަމައެކަނި ފަތްތޫރަ މަޖައްލާއިން އެކަންޏެއް ނޫނެވެ. އޭނާގެ މަސައްކަތް އެއަށްވުރެ ފުޅަލެވެ. "މަނަދޫ އަދަބީ ޖުލްޝަން" މި ނަމުގައި އޭނާ އަންނަނީ ފޭސްބުކް ޕޭޖެއް ވެސް ހިންގަމުންނެވެ. ކޮންމެ ދުވަހަކު ވެސް އޭނާ ހަދާ ޅެންތައް އެ ޕޭޖުން ފެންނަން ހުންނާނެއެވެ. މީގެ އިތުރުން 1990 ގެ އަހަރުތަކުގައި އޭރުގެ ފިޝަރީޒް މިނިސްޓްރީން ނެރުނު "ރަންދި" އަލްބަމަށް، މަޝްހޫރު ލަވަކިޔުންތެރިޔާ ޢުމަރު ޒާހިރު ކިޔުއްވާފައިވާ، މަސްވެރިކަމާއި ބެހޭ ލަވައަކީ ވެސް ކުޑޭ ހައްދަވާފައިވާ ޅެމެވެ.

ޅެން ހެދުމުގެ އަދަބީ މި މަސައްކަތުގައި ކުޑޭ ވަނީ އެތައް ކާމިޔާބީތަކެއް ވެސް ހޯއްދަވާފައެވެ. އެގޮތުން 1990 ވަނަ އަހަރު، ޤައުމީ މަރުކަޒާއި، ދިވެހި ނާދީގެ ނޫނޫ ގޮފި ގުޅިގެން ބޭއްވި ޅެން ހެދުމުގެ އަތޮޅު މުބާރާތުން ކުޑޭއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައެވެ. އެ މުބާރާތުގެ ފަޚުރުވެރި އެއްވަނައިގެ ޝަރަފު ލިބިގެން ގޮސްފައިވަނީ އެނާ އަށެވެ.

ދެން އޮތީ އަދި މާ ބޮޑު ކާމިޔާބީއެއްގެ ވާހަކައެވެ. 2016 ވަނަ އަހަރު މާލޭގައި ބޭއްވި "ޅެން ހެދުމުގެ ޤައުމީ މުބާރާތުން" ކުޑޭއަށް ލިބިގެން ދިޔަ ފަޚުރުވެރި ކާމިޔާބީއެވެ. މުޅި މުބާރާތުން ތިން ވަނަ ކުޑޭއަށް ލިބިގެން ދިއުން އަންގައިދެނީ މި ފަންނުގައި އޭނާގެ ހުނަރުވެރިކަމާއި ކުޅަދާނަ ކަމެވެ.

"މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ޤައުމީ މުބާރާތުން ލިބިގެން ދިޔަ ކާމިޔާބީ އެއީ އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ. އަޅުގަނޑު ހުށަހެޅިން ދެތިން ޅެމެއް. އަޅުގަނޑުގެ ޅެމެއް ތިން ވަނައަށް ގޮސްފައި ވަނީ. މިދިޔަ އަހަރު ރ.އިނގުރައިދޫގަ ބޭއްވި ޅެންވެރިންގެ ޖަލްސާއަށް ވެސް އަޅުގަނޑަށް ދަޢުވަތު ލިބުނު. އެތަނުން ރާއްޖޭގެ ވަރަށް ގިނަ ޅެންވެރިންނާއި އަޅުގަނޑަށް ބައްދަލުވި. އެއީވެސް މި ފަންނުގައި ލިބުނު ކުރިއެރުމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ." ކުޑޭ ބުންޏެވެ.

މިހާތަނަށް އައިއިރު ދެހާހަށްވުރެ ގިނަ ޅެން ހައްދާފައިވާ ކުޑޭއަށް އެންމެ ހިތް ހަމަޖެހޭ ގޮތަކަށް ހެދިފައިވަނީ ކޮން ޅެމެއްތޯވެސް ބަލައިލީމެވެ. މި ސުވާލުގެ ޖަވާބުގައި ކުޑޭ ބުނީ އެއީ "މަޙްޝަރުގެ ދުވަސް" މި ނަމުގައި ހަދާފައިވާ ޅެމެއްކަމަށާއި، ވަރަށް ގިނަ ބައެއްގެ ތަޢުރީފު ވެސް އެ ޅެމަށް ލިބިގެން ދިޔަ ކަމަށެވެ. މީގެ އިތުރުން ކުޑޭ ބުނާގޮތުގައި ރާއްޖޭގައި މިވަގުތު ތިބި ޅެންވެރިންގެ ތެރެއިން އޭނާއަށް އެންމެ ކަމުދަނީ އާދަމް ނަޞީރު އިބްރާޙިމްގެ ޅެންތަކާއި އުތީމު އާދަމްބެ ހައްދަވާފައިވާ ޅެންތައްކަމަށެވެ. އަދި މިހާރު އެންމެ ބޮޑަށް ދެކެން ބޭނުންވާ ދުވަހަކީ ޅެން ހެދުމުގެ ރޮނގުން ޤައުމީ އިނާމެއް ލިބޭނެ ދުވަސް ކަމަށެވެ. އަދި ﷲގެ ރަޙްމަތާއިއެކު، އޭނާގެ އަމިއްލަ ޅެންފޮތެއް ވެސް ވަރަށް އަވަހަށް ނެރުމަށް އުންމީދު ކުރާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"ޅެން ހެދުމަކީ އުނދަގޫ ކަމެއް ނޫން. ޅެން ހަދާއިރު އެންމެ ބޮޑަށް ވިސްނަން ޖެހޭނީ ވަޒަނަށް. ދެން ފިލިކޯޅިއަށް. އަދި އޭގެ ފަހުގައި ބަނޑުވައް އަކުރު އެއްގޮތް ކުރުމާއި މި ކަންކަމަށް. އަޅުގަނޑު ވަރަށް ބޮޑަށް ނަމޫނާއަކަށް ބަލާ ދެ ބޭފުޅުން އެއީ އާދަމް ނަޞީރު އިބްރާޙިމާއި އުތީމު އާދަމްބެއަކީ. އެ ދެބޭފުޅުންގެ ޅެންތައް ފެނުނީމަ އެނގޭނެ، ވަރަށް އޮމާން، އެހާމެ ސާދާގޮތެއް އެ ޅެންތަކުން ފެންނަން ހުންނާނެ. އަޅުގަނޑު މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ މި ދާއިރާއިން ޤައުމީ އިނާމެއް ލިބޭ ދުވަސް. ގާތްގަނޑަކަށް ސަރުކާރަށް ޚިދުމަތް ކުރާތާވެސް 40 އަހަރު ވީ. ޅެން ވެރިކަމުގެ މަސައްކަތުގަ 45 އަހަރުވީ. އެހެންވީމަ މި ދެ ދާއިރާއިންވެސް ޤައުމަށް ކޮންމެވެސް ޚިދުމަތެއް ކޮށްދެވިފައިވާކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ." ކުޑޭ، އޭނާގެ އުންމީދުތަކުގެ ވާހަކަތައް ވެސް ހިއްސާ ކުރިއެވެ.

ކޮންމެއަކަސް، ކުޑޭއަކީ އަގުހުރި ޚިދުމަތްތެރިއެކެވެ. އޭނާ ވަނީ ނަޞޭޙަތުގެ އެތައް ވާހަކަތަކެއް ޅެންތަކެއްގެ ސިފައިގައި އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދީފައެވެ. މުޅި ޢުމުރު ހޭދަ ކުރައްވާފައި އެވަނީ ޤައުމަށް ޚިދުމަތް ކުރުމުގައެވެ. އެއީ ޤައުމީ އެވޯޑެއް ހައްޤު ބޭފުޅެކެވެ. ކުޑޭ ނެތް ދުވަހަކުންވެސް އޭނާގެ ހަނދާންތައް އަޅުގަނޑުމެންނަށް އަބަދު ފެންނަން ހުންނާނެއެވެ. އޭނާގެ އަގުހުރި ނަޞޭހަތްތައް އަބަދުވެސް އަޑުއިވެން ހުންނާނެއެވެ. އެކިއެކި މުނާޞަބާތަކުގައި ކުޑޭގެ ހަނދާންތައް އާވެއާވެ ހުންނާނެއެވެ. މި ޤައުމު އަބަދުވެސް އޭނާއަށްޓަކައި ފަރުޚުރުވެރި ވާނެކަން ޔަޤީނެވެ.

"ވަގުތު"އިން ވެސް އެދެނީ ކުޑޭގެ އެ މަސައްކަތުގައި ކާމިޔާބު މިންވަރު ކުރައްވާ، އުފާވެރިކަމާއި ފާގަތިކަން، ﷲ ގެ ތަނަވަސް ރަޙުމަތުން ލިބިގެން ދިއުމެވެ

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    މޮޅު

    16
    1
  2. މަށޭ

    މިފަދަ އަގުހުރި ބޭފުޅުންގެ މައުލޫމާތު ވީހާވެސް ގިނައިން ގެނެސްދޭންވީ.ކުޑޭވިދާޅުވިފަދައިން އުތީމް އާދަމްބެއަކީ އަޅުގަނޑުގެވެސް ފޭވަރިޓް.ކުޑޭގެ އުންމީދުތައް އަވަހައް ހާސިލްވާނޭކަމަށް ހީކުރަން.ސަލާމް.

    14
    1
  3. ޢާން

    ދޮންތަ ދެކެ ރުޅިއައިސްގެން ހެދިޅެން ލާބަލަ.
    ހާދަ ރީތި ޅެމެކޭ އެއީ

    17
  4. މުނިއާ

    ކުޅަދާނަ މޮޅު ޅެންވެރިއެއް. ޤައުމީ ފެންވަރުގައި އަގުވަޒަން ކުރެވޭނެ ދުވަހަކަށް އުއްމީދުކުރަން.

    17