މޭގަން މާކެލް އާއި ޕްރިންސް ހެރީ ކައިވެނި ކުރި ދުވަހު ނަގާފައިވާ ގިނަ ފޮޓޯތަކެއް ފޮޓޯގްރާފަރުގެ ކޮމްޕިއުޓަރު ހެކް ކޮށްގެން ބަޔަކު ލީކް ކޮށްލައިފިއެވެ.

މޭގަން އާއި ހެރީގެ ކައިވެނީގެ ފޮޓޯތައް ނެގި ހާއްސަ ފޮޓޯގްރާފަރު އެލެޒީ ލުބޯމިސްކީގެ ކޮމްޕިއުޓަރު ހެކް ކޮށްގެން ފޮޓޯތައް ލީކް ކޮށްލާފައިވާ ކަން އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ރަސްމީ ގަނޑުވަރު ކަމަށްވާ ކެނިސްޓަން ޕެލަސް އިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ޝާހީ އާއިލާގެ ތަރުޖަމާނަކު ވިދާޅުވީ ފޮޓޯތައް އިތުރަށް ލީކްވިޔަ ނުދިނުމަށްޓަކައި ވަގުތުން ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

ފޮޓޯތައް ލީކް ކޮށްލާފައި ވީނަމަވެސް އަދި ހިލޭ ފޮޓޯ ޑައުންލޯޑް ކުރެވޭ ވެބްސައިޓްތަކާއި ހަމައަށް ފޮޓޯތަކެއް ނާދެއެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ސަން" ގައި ބުނެފައި ވަނީ ލުބޯމިސްކީ މިދިޔަ އަހަރުގެ މެއި މަހު ނަގާފައިވާ ވަރަށް ގިނަ ފޮޓޯތައް ލީކް ކޮށްލާފައިވާ ކަމަށެވެ.

އުމުރުން 43 އަހަރުގެ ލުބޯމިސްކީ އަކީ ދުނިޔެއަށް މަޝްހޫރު ފޮޓޯގްރާފަރެކެވެ. މިހާރު އެމެރިކާގެ ނިއުޔޯކްގައި ދިރިއުޅެމުން އަންނަ ލުބޯމިސްކީ ވަނީ މަޝްހޫރު އެތައް ބައެއްގެ ފޮޓޯތައް ނަގާފައެވެ. އޭގެތެރޭގައި ނަޓާލީ ޕޯޓްމަން، ޖެނިފާ ލޮޕޭޒް އަދި ސްކާލެޓް ޖޯންސަން ފަދަ ތަރިން ހިމެނެއެވެ. ލީކްވެފައިވާ ފޮޓޯތަކުގެ ތެރޭގައި މަޝްހޫރު ގިނަ ބައެއްގެ ފޮޓޯތައް ވެސް ހިމެނެއެވެ.

މިކަމާއި ގުޅިގެން ފޮޓޯގްރާފަރު ވެސް އަދި އޭނާގެ އެޖެންޓް ވެސް މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކައެވެ.