ޓިކްޓޮކް އިން އެތައް ބައެއްގެ މަގުބޫލުކަން ހޯދި ތަރިއަކު ހައްޔަރުކޮށްފިއެވެ.

ކުރްލާއަށް ނިސްބަތްވާ އަބިމަންޔޫ ގުޕްތާ ހައްޔަރުކޮށްފައި ވަނީ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

ގުޕްތާއަކީ ޓިކްޓޮކްގައި މަޝްހޫރު އެކަކެވެ. އޭގައި އޭނާގެ ނުވަ ލައްކަ ފޮލޯވާސް ތިބެއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަސް ތެރޭގައި ހިނގި ވައްކަމުގެ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ. މުމްބާއި ފުލުހުންނަށް ލިބުނު ހެކިތަކުގެ މައްޗަށް އޭނާ ހައްޔަރުކުރެވިގެން ގޮސް މިހާރު ތަހުގީގުތައް ވަނީ ފަށާފައެވެ.

ފުލުހުން ފެށި އެ ތަހުގީގަކީ މިިދިޔަ ޖެނުއަރީ މަސް ތެރޭގައި އުމުރުން ދުވަސްވީ ދެމަފިިރިޔަކު ފުލުހުނަށް ހުށަހެޅި މައްސަލައެކެވެ. އެ ދެމަރިިން ބުނެފައިވާގޮތުގައި، މީހަކު އެގޭތެރެއަށް ވައްކަންކޮށްގެން ނަގާފައި ވަނީ ގަހަނާތަކަކާއި، ފޯނެކެވެ. އެ މީހުން ބުނިގޮތުގައި، ވަގަށް ނެގި ތަޖެތޫގެ އަގު 4.75 ލައްކަ ރުޕީސްއަށް އަރައެވެ.

އެ އުމުރުން ދުވަސްވީ މީހުން ދިިރުއުޅެމުން އަންނަ އިމާރާތުގަައި ހަރުކޮށްފައިވާ ސީސީޓީވީ ފޫޓޭޖުން އެގެއިން ވައްކަން ކުރި މީހާވެސް ވަނީ ދެނެގަނެވިފައެވެ.

އެހެންވެ ފުލުހުން ހިންގި ތަހުގީގަށް ބިނާކޮށް މެއި 28 ވަނަ ދުވަހު ގުޕްތާ ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ހައްޔަރުކޮށް ހިންގި ތަހުގީގުގެ ތެރެއިން ގުޕްތާގެ ރަހުމަތްތެރިއެއްގެ ގެއިން، ވަނީ ވައްކަންކޮށްގެން ނަގާފައިވާ ބައެއް ތަކެތި ފެނިފައެވެ.

އޭނާއަކީ އިތުރު ވައްކަންތަކުގައިވެސް ބައިވެރިވެފައި ހުރި މީހެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިގެން ގޮސްފައެވެ.