އުމުރުން 79 އަހަރުގެ ސަމުއެލް ލިޓްލް އަކީ އެމެރިކާގެ ތާރީޚްގައި އެންމެ ގިނަ މީހުން މެރި ސީރިއަލް ކިޔާއަށް ވެދާނެ ކަމަށާއި މިހާރު ވެސް އޭނާ އަކީ 60 މީހުންގެ ގާތިލްކަން ސާބިތުވާ ކަމަށް އެމެރިކާގެ ޕްރޮސެކިއުޓަރުން އިއްޔެ ކޯޓުގައި ބުނެފިއެވެ.

ސަމުއެލް މިހާރު ވެސް ގެންދަނީ ތިން އަންހެނަކު މަރާލި ކަން ސާބިތުވެގެން އުމުރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންނެވެ.

ޕްރޮސެކިއުޓަރުން ހުކުރު ދުވަހު ބުނީ ސަމުއެލްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަޙްޤީޤަށް އޭނާ އެއްބާރުލުން ދެމުންދާ ކަމަށާއި އެހެންކަމުން ތަޙްޤީޤުގައި މިހާރު ގިނަ ކުރިއެރުންތަކެއް ވެސް ހޯދެމުންދާ ކަމަށެވެ.

ސަމުއެލް މީހުން މަރާފައި ވަނީ 1970 ވަނަ އަހަރާއި 2005 ވަނަ އަހަރާއި ދެމެދުއެވެ. އޭނާ ފުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ދޭން ފެށުމުން މީގެ ކުރިން ހަޤީޤަތް ހޯދިފައި ނެތް އެތައް މަރެއްގެ ހަޤީޤަތް މިހާރު ދަނީ ދެނެގަނެވެމުންނެވެ.

އުމުރުން ދުވަސްވެ، ބަލިކަށިވުމުގެ ސަބަބުން ސަމުއެލް މިހާރު އިންނަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. ފުލުހުން ބުނާ ގޮތުގައި އުމުރުން ދުވަސްވެފައި ވާތީ ބައެއް މީހުންގެ މެރި ގޮތް މިހާރު ސަމުއެލްގެ ހަނދާނުގައި ނެތެވެ.

ސަމުއެލް ހައްޔަރު ކުރީ 2012 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. ކެންޓަކީ އިން އޭނާ ހައްޔަރުކޮށް އޭނާގެ ޑީއެންއޭ ނެގުމާއި އެކު ލޮސްއެންޖެލިސްގައި ހަޤީޤަތް ހޯދިފައި ނެތް މަރަކާއި އޭނާގެ ޑީއެންއޭ ދިމާވި އެވެ. އެއާއި އެކު ފުލުހުންގެ ތަޙްޤީޤު ފުޅާކޮށް އޭނާ އާއި އިތުރު ސުވާލުތައް ކުރަން ފެށިއެވެ.

ކިޔުންތެރިންގެ ހިޔާލު