ކަލާސް ޓީވީގެ ރިއަލިޓީ ޓީވީ ޝޯވް، ބިގް ބޮސްއަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ މަޝްހޫރު ޝޯވްއެކެވެ. މަޝްހޫރު ފަންނާނުން ގެއެއްގެ ތެރޭގައި ތިން މަސް ދުވަސް އެކުގައި ހޭދަކުރާއިރު ކުރިމަތިކުރުވާ އެކި ޓާސްކުތައް ފުރިހަމަ ކުރަންޖެހޭ މި ޝޯވްގެ އެންމެ ފަހުން ދެއްކި ސީޒަނަކީވެސް ތަފާތު އެތައް ކަމެއް ހިނގައިދިޔަ ސީޒަނެކެވެ.

އެގޮތުން އެންމެ ގިނަ ބަޔަކު ޝޯވް ކުރިއަށްދިޔައިރު ދައްކަމުން ދިޔަ އެއް ވާހަކައަކީ، ޝޯވްގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ޕުނީޝް ޝަރުމާ އާއި ބަންދްގީ ކަލްރާގެ ލޯބީގެ ގުޅުމުގެ ވާހަކައެވެ. ޝޯވްގެ ތެރެއިން ލޯބީގެ ގޮތުން ގުޅި އެތައް ވައުދެއް މި ދެލޯބިވެރިން ވީތަން ގިނަ ބަޔަކަށް ވަނީ ފެނިގެން ގޮސްފައެވެ.

ބިގްބޮސްގެ ގޭގެ ތެރެއިން ކުރީގެ ސީޒަންތަކުގައި ވެސް މިފަދަ ލޯބީގެ ފެށުންތައް ފެނިގެން ދިޔައިރު، ޝޯވް ނިމުމަކާއި ހަމައަށް އަންނައިރު، ވާދަވެރި ކަމެއްގެ ތެރެއިން އެ ގުޅުން ގިނަ ފަހަރަށް އޮންނަނީ ނިމުމަކަށް އައިސްފައެވެ.

ބިގްބޮސް 11 ގެ ބައެއް މަންޒަރުތައް

ނަމަވެސް ޕުނީޝް އާއި ކަލްރާގެ ގުޅުން ތަފާތެވެ. ޝޯވް އަށްފަހުވެސް މި ދެ ފަންނާނުން އެކުގައި ފެނިގެން ދިޔައިރު އެދެމީހުން ވަނީ ރަސްމީކޮށް އެކަން ފޭނުންނަށްވެސް އަންގާފައެވެ. އެއާއެކު ދެން އިވުނު އަޑަކީ މި ދެ ލޯބިވެރިން އެކުގައި ދިރިއުޅެންވެސް ފެށި ވާހަކައެވެ.

މީގެ ފަސް ދުވަސް ކުރިން އެމީހުން ދިރިއުޅޭ ރެޒިޑެންސަށް ޕުނީޝް އޭނާގެ ކާރުގައި ވަންނަން އުޅުމުން، އެތަނުގެ ގާޑު މީހާ އޭނާއަށް ހުރަސްއަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ދާދިފަހުން ވަނީ ޢާންމުވެފައެވެ. އެއަށްފަހު ލޯބިވެރިޔާ އާއިއެކު އޭނާ އެތަނުން ފޮށިތަކެއް ނެރެގެންދާ މަންޒަރުވެސް ފެނިފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ދެލޯބިވެރިން އެތަނުން ނެރެލީ، ޕުނީޝް މަސްތުވެގެން ހުރެ އެތަނުގައި ދިރިއުޅޭ ބައެއް މީހުނާއި ޒުވާބުކޮށް އިންޒާރުދިން މައްސަލައަކާއި ގުޅިގެންނެވެ.

ނަމަވެސް އިންޑިއާގެ ނޫހަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެމުން ކަލްރާ ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. ކަލްރާ ބުނެފައިވަނީ ޕުނީޝް ދިރިއުޅެނީ ހޮޓަލެއްގައި ކަމަށެވެ. އަދި އޭނާ އުޅެނީ ވަކިން ކަމަށާއި، ކުރިންވެސް ބަޔަކު އެ ދެމީހުނާއި ގުޅޭގޮތުން ދޮގު ވާހަކަތަކެއް ފަތުރާފައިވާ ކަމަށެވެ.

ހިތްހަމަނުޖެހިފައި ހުރި ކަލްރާ އިތުރަށް ބުނެފައިވަނީ، ޕުނީޝް އާއި އޭނާއާ ބެހޭ ގޮތުން އެފަދަ ވާހަކަތައް ދައްކާ މީހަކު ހޯދަން ބޭނުންވާ ކަމަށެވެ.