ކައިވެނިކޮށްގެން އުޅޭއިރު ގިނަ ފަހަރަށް ދެމަފިރިންނަށް އަންނަ އެކި އެކި ޚާއްޞަ ދުވަސްތަކަކީ އެ ދުވަސްތަކެއްގެ މަތިން ވަގުތު އޮއްވައި ހަނދާންކޮށް ވީހާވެސް ރަނގަޅަށް ތައްޔާރުވެ ހުރުން މުހިންމު ކަމެކެވެ. މިގޮތުން ކައިވެންޏެއްގައި ހަނދާންކުރުން އެންމެ މުހިންމު އެއް ދުވަހަކީ އެކަކު އަނެކަކުގެ އުފަންދުވަހެވެ. މިއީ ކައިވެނިކޮށްގެން އުޅޭ ދެމަފިރިންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވުމުގެ ނިޝާނެއްގެ އިތުރުން އެކަކު އަނެކަކަށް ކުރާ އިތުބާރާއި ލޯބި އިތުރުވާންވެސް މެދުވެރިކުރުވާ ކަމެކެވެ.

ކައިވެންޏެއްގައި ގިނަ ފަހަރަށް އަނބިމީހާ މިފަދަ ދުވަސްތައް ހަދާންނެތުމުން މާ ބޮޑު ކަމަކަށް ވެގެންނުދިޔަނަމަވެސް ފިރިމީހާ އަނބިމީހާގެ އުފަންދުވަސް ހަދާން ނައްތާލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލަވާލެވިފައިވާ ގައުމު ސަމޯއާ އަކީ މިފަދަ ކަންކަން އާދަޔާޙިލާފަށް ސީރިއަސްކޮށް ނަގާ ގައުމެކެވެ. މިގޮތުން ސަމޯއާގައި ކައިވެނިކޮށްގެން އުޅޭ ދެމަފިރިންގެ ތެރެއިން އަނބިމީހާގެ އުފަންދުވަސް ހަދާންނައްތާލައިފި ފިރިހެން މީހާއަށް އެކުރެވިގެންދިޔައީ ގާނޫނީގޮތުން ކުށެކެވެ.

މިފަދަ ޤާނޫނެއް އައުމަށް މެދުވެރިވި ސީދާ ސަބަބެއް ތަފްސީލާއިއެކު ހާމަވެފައި ނެތްނަމަވެސް އެގައުމުގެ ބައެއް ފަރާތްތަކުން ބުނާގޮތުގައި މިއީ އެގައުމުގެ ކައިވެނިކުރާ ފަރާތްތަކުގެ ގުޅުން ވަރުގަދަކޮށް ކައިވެނިތަކުގައި ދިމާވާ މައްސަލަތައް މަދުކޮށްދިނުމުގެ ގޮތުން އެޅިގެންދިޔަ ފިޔަވަޅެކެވެ. މިހެން ބުނާ ފަރާތްތަކުގެ ބަސް ގަބޫލުކުރާނަމަ މިއީ ގައުމެއްގައި ވަރީގެ މިންވަރު ދަށްކުރުމަށްޓަކައި އެޅިގެންދިޔަ އެންމެ އާދަޔާހިލާފް އެއް ފިޔަވަޅަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެ ގޮތަކަށްވިޔަސް 200،000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ސަމޯއާގެ މި ގާނޫނަކީ ދުނިޔޭގެ އެންމެ ހައިރާންކުރުވަނިވި ގާނޫނުތަކުގެ ފޮތެއް ނުވަތަ ލިސްޓެއް އެކުލަވާލާނަމަ އެ ލިސްޓުގެ ކުރިން ޖާގަހޯދާނޭކަންވެސް ކަށަވަރު ގާނޫނެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހޮޅިމީހާ

    ކޮންމެކަމެއްގައި ގާނޫނީ ކުލަ ޖެއްސުމުން، ބައެއް ކަންކަމުން ނިކުންނާނީ ނުރަނގަޅު ނަތީޖާ. ތިޔަ ކަންވެސް ވާނީ ލޯބި ހީނަރު ކުރުވާ ކަމަަަަަަކަށް.

    9
    2
  2. ށާޝާ

    ގާނޫނީއަސް ގާނޫނީ ނޫނަސް ހަރާމް ކަމެއް ވާނީ ހަރާމްކަމަކަށް. ހަރާމްކަމަކުން ލޯބި ހީނަރުވުން ނޫންކަމެއް ނުވާނެ