އިންސާނުންގެ ދަރިފަސްކޮޅު ދުނިޔެ އިން ނެތި ހިނގައިދާނެ ކިތަންމެ ސަބަބުތަކެއް މިއަދު މިވަނީ ކުރިމަތިވެފައެވެ. ސައިންސްވެރިން ގެންދަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން އިންސާނުންގެ ދަރިފަސްކޮޅު ނެތިގެން ހިނގައިދާނެ އެތައް ސަބަބެއް ދައްކަމުންނެވެ.

ދާދިފަހުން ޑޭވިޑް ސްޕްރަޓް އާއި ލަން ޑުންލޮޕް ނަމަކަށް ކިޔާ ދެ ސައިންސްވެރިން ތައްޔާރު ކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ ދުނިޔެ ހޫނުވުމާއި ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން 2050 ވަނަ އަހަރު އަންނަން ވާއިރު އިންސާނީ ދަރިފަސްކޮޅު ނެތިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އޮސްޓްރޭލިއާގެ ތިންކް ޓޭންކަކަށް ނިސްބަތްވާ ސައިންސްވެރިން ބުނީ މިއަދު ތިމާވެށީގެ މައްސަލަތައް ހުރި ގޮތައް ބަލާއިރު ޖަނަވާރާއި ސޫފާ ސޫފީގެ އެއް މިލިއަން ބާވަތްވެސް ދުނިޔެ އިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރާއި ކުރިމަތިވެފައިވާ ކަމަށެވެ.

"ކޮންމެ ޖަނަވާރެއް، ނުވަތަ ސޫއްޕެއް ވެސް އިންސާނުންގެ ދިރިއުޅުމާއި ގުޅިފައިވޭ. އެއިން އެންމެ އެއްޗެއް ނެތިގެން ދިޔަ ނަމަވެސް އޭގެ އަސަރު ކޮންމެވެސް ސިފައެއްގައި އިންސާނުންގެ ދިރިއުޅުމަށް ކުރޭ. އެހެންކަމުން އެއް މިލިއަން ބާވަތް ދުނިޔެ އިން ނެތިގެން ހިނގައްޖެނަމަަ އަދި މާބޮޑު އަސަރެއް އިންސާނުންނަށް ކުރާނެ." ދިރާސާގައި ބުނެފައި ވެއެވެ.

ދިރާސާގައި ބުނެފައި ވަނީ 2050 ވަނަ އަހަރު އަންނަ ވާއިރު އިންސާނީ ދަރިފަސްކޮޅު އެކުގައި ނެތިގެން ނުގޮސްފިނަމަ، އެތައް ބަޔަކުގެ ގެދޮރު ގެއްލި ހިޖުރަކުރަން މަޖުބޫރު ވެފައި ވާނެ ކަމަށެވެ.

"ބައެއް ސަރަހައްދުތަކަށް ކުރިމަތިވާ ގުދުރަތީ ކާރިސާތައް ގިނަވެ، އެސަރަހައްދުތައް ދޫކޮށް ދިއުމަށް އެތައް ބަޔަކަށް މަޖުބޫރު ވާނެ." ދިރާސާގައި ބުނެފައި ވެއެވެ.

ދިރާސާގައި ބުނެފައި ވަނީ އަހަރުން އަހަރަށް ދުނިޔޭގެ ހޫނު މިން މަތިވަމުން ދާއިރު 2050 ވަނަ އަހަރު އަންނަ އިރު މިހާރަށް ވުރެ ދުނިޔޭގެ ހޫނުމިން ތިން ޑިގްރީ މަތި ވާނެ ކަމަށެވެ. ނަތީޖާ އަކަށް ވާނީ ޖަންގަލިތަކުގައި އަލިފާން ރޯވުން އާއްމުވެގެން ދިއުމެވެ. އަދި ކަނޑުތަކުގައިވާ ގަނޑުފެންތައް ވިރި ކަނޑުގެ ލޮނުގަނޑު މައްޗަށް އުފުލިގެން ދިއުމެވެ.

އެހެންކަމުން މޫސުމީ މައްސަލަތަކަށް ހައްލެއް ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ސައިންސްވެރިން ވަނީ ލަފާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުސްކުޅިބޭ

    އިންސާނީ ދަރިފަސް ކޮޅު ނެތިގެންދާ ދުވަހަކީ ކީރިތި ގުނުގައި މާތްﷲ އަންގަވައިފާ ގިޔާމަތްދުވަހެވެ. ޢެ ސައިންސު ވެރިންނައް ފަހަރެއްގަ ނޭގި ހިގައިދާނެ އެދުވަސް ގިޔާމަތް ދުވަހައް މިޔަދައްވެސް ވެދާނެ އަދި މާފުހުން 2050 އަންނާނީ އެމީހުން ވެސް ގަބޫލުރޭ ކޮންމެ އެއްޗެސްވެސް ފަނާވެ ނެތިދާކަން

    31
    1
  2. ހުސޭނުބޭ

    ތި ދިރާސާ ހެދި މީހުން ކައިރީގައި ބުނޭ އަވަހަށް ސަންދޯއް ޖަހާށޭ! އެދުވަސް އައުމުގެ ކުރިން އަހަރެމެން ކަލޭމެން ވަޅުލާދޭނަމޭ!

    16
    2
  3. އަހްމަދުބިންސައީދު

    ޤިޔާމަތްދުވަހުގެ ތާޅަފިލި އަޑުއިވުމުގެކުރިން ދުނިޔެއިން އިންސާނުން ނެތިގެންނުދާނެ. މީތޯތޯ ވާހަކައެއްނޫން. ސައިންސް ވެރިން ތިޔަދައްކަނީ ލަފާކުރެވޭ ހީތަކުގެ ވާހަކަ.

    20
    1
  4. އަޙްމަދް

    ދެން އެނިމުނީ!

    7
    1
  5. އަލްޖިބްރާ

    އިންސާނީ ދަރިފަސްކޮޅު އަދި މުޅި މިދުނިޔެ އަކީ ނިމިގެން ދާނެ ކަމެއްކަން ސައިންސްވެރިންނަށް ނޭގެނީތަ ؟ ކަލޭމެން ކިތަންމެ މަސައްކަތެއް ކުރިއަސް އެވަގުތު ޖެހުނީމަ އެކަން ވާނެ ! ޣައެރު މުސްލިމުންގެ ތެރޭގައި ހިމެނޭ ސައިންސް ވެރިންނަކީ ބައެއްކަހަލަ ކަންތަކުގައި ވަރަށް ޖާހިލު ބައެއް!

    9
    1