އެމެރިކާގެ އޮކްލޮހޯމާގެ އަންހެނަކު އޭނާގެ ފަސް ދަރިންގެ ކުރިމަތީގައި މަރާލައިފިއެވެ. މިހާދިސާ ހިނގީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ނަމަވެސް އަދިވެސް ފަސްކުދިންގެ މަންމަގެ ގާތިލް ހައްޔަރު ކުރެވިފައެއް ނުވެއެވެ.

ފުލުހުން ބުނީ މިއަނިޔާވެރި އަމަލު ހިންގި މީހާ ފިލާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އަންހެން މީހާ މަރާލި ހާދިސާގެ ރިޕޯޓް 911 އަށް ކޮށްފައި ވަނީ އޭނާގެ ދަރިއެކެވެ.

އަންހެން މީހާގެ ދަރިންގެ އުމުރެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ފުލުހުން ބުނީ ފަސް ކުދިންނަށް ވެސް މިއަނިޔާވެރި އަމަލު ފެނުނު ކަމަށެވެ.

"އެކުދިންނަށް ނަފްސާނީ ވަރަށް ބޮޑު ބިރުވެރިކަމެއް މިވަނީ ކުރިމަތިވެފައި. އަހަރެންނަށް ހީވާ ގޮތުގައި ދުވަހަކު ވެސް މިއަނިޔާވެރި އަމަލުގެ މަތިން އެކުދިން ހަނދާން ނުނެތޭނެ." ފުލުހުންގެ ތަރުޖަމާން މީޑިއާ އަށް މައުލޫމާތު ދެމުން ބުންޏެވެ.

ފްލެޓެއްގައި ދިރިއުޅެމުން އައި އާއިލާ އަށް ކުރިމަތިވި ހިތާމަވެރި ހާދިސާ އާއި ގުޅޭ ގޮތުން މީޑިއާ އާއި ވާހަކަދައްކަމުން އަވައްޓެރިއަކު ބުނީ އަންހެން މީހާ ފަސް ކުދިންނާއި އެކު އެ ފްލެޓަށް ބަދަލުވީ ވަރަށް ފަހުން ކަމަށެވެ. އަންހެން މީހާ މަރާލީ ފްލެޓްގެ ސިޓިންރޫމް ތެރޭގައެވެ.

މަރުވި އަންހެން މީހާގެ އާއިލާ މީހަކު ބުނި ގޮތުގައި ޝައްކު ކުރެވޭ ގޮތުގައި އަންހެން މީހާގެ ގާތިލަކީ އޭނާގެ ކުރީގެ ލޯބިވެރިޔާ އެވެ.

ނަމަވެސް މިކަމާއި ބެހޭ ގޮތުން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ނުދެއެވެ.

ފަސް ކުދިން މިހާރު ތިބީ އެކުދިންގެ މާމަ ކައިރީގައެވެ.

އަންހެން މީހާ މަރާލީ ބަޑި ޖަހައިގެންނެވެ. ބަޑި ޖަހައިގެން މިފަދަ ލާއިންސާނީ އަމަލުތައް ހިންގުމަކީ އެމެރިކާގައި ވަރަށް އާއްމު ކަމެކެވެ.