ކައިވެނި ރޫޅިގެން ދިއުމަކީ ގިނަ މީހުންނަށް ލިބޭ ވަރަށް ބޮޑު ހިތާމައެކެވެ. އަދި ހާއްސަކޮށް ގިނަ ދަރިންތަކެއް ލިބިފައިވާނަމަ ކައިވެނި ރޫޅުމުން ކުރަން ޖެހޭ ހިތާމަ ވަކިން ބޮޑުވެއެވެ. ނަމަވެސް އެމެރިކާގެ އޮހާއޯ އަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އެލެގްޒަންޑްރީ ޓަޝޯ މުޅިން ތަފާތެވެ.

ކައިވެނި ރޫޅާލަން ފިރިމީހާ ނިންމުމުން ޓަޝޯ އަށް ކޮންމެވެސް ވަރެއްގެ ހިތާމައެއް އިހްސާސް ކުރަން ޖެހުނު ނަމަވެސް ވަރި ވުމުގެ ހުރިހާ ކަމެއް ނިމުން ޓަޝޯ ވަނީ ދިރިއުޅުން އާފެށުމަކުން ފަށާފައެވެ. ދިރިއުޅުން އާފެށުމަކުން ފެށުމަށްޓަކައި އޭނާ ފުރަތަމަ ކުރި ކަމަކީ ކައިވެނި ޕާޓީގައި ލައިގެން ހުރި ހެދުން އަންދާލުމެވެ.

ޓަޝޯ ކައިވެނި ކުރީ 2012 ވަނަ އަހަރު އެވެ. އެކައިވެންޏަށް މިހާތަނަށް ފަސް ކުދިން ލިބިފައިވެއެވެ.

ޓަޝޯ ބުނި ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން އެމީހުންގެ ކައިވެނީގައި އައީ މައްސަލަ ޖެހެމުންނެވެ. ވަރީގެ މައްސަލަ ފިރިމީހާ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އެވެ. ވަރީގެ މައްސަލަ ނިމުނީ މިދިޔަ މަހު އެވެ. އެމައްސަލަ ދިގުލައިގެން ދިޔައީ ޓަޝޯގެ ފިރިމީހާގެ ޖިނާއީ މައްސަލަތަކެއް ޝަރީޢަތުގައި އޮތުމުންނެވެ.

ކައިވެނީގެ ހެދުން އަންދާލުމަށް ފަހު ޓަޝޯ ވަނީ ފޮޓޯ ޝޫޓެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

އޭނާ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ މިއީ އުއްމީދެއް ނެތި ފިރިމީހާ ބުނިހައި ގޮތެއް ހަދައިގެން އުޅެން ޖެހިފައިވާ އަންހެނުން އެދިރިއުޅުން ދޫކޮށް އާފެށުމަކުން ދިރިއުޅުން ފެށުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.

ވަރަށް ގިނަ މީހުން ގެންދަނީ މީސް މީޑިއާގައި ޓަޝޯ އަށް ތާއިދުކޮށް ވާހަކަދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަމީ

    ދަރިނެކޮޅު އަންދާނުލިކަން ހަމަ ނަސީބު.

    12