އިންޑިއާގެ ޓަމިލް ނެޑޫއަށް ނިސްބަތްވާ 24 އަހަރުގެ އަންހެނަކު ޓިކްޓޮކްގެ އަވާހައި ޖެހިފައި ހުރުމުން އެކަން ހުއްޓާލުމަށް ފިރިމީހާ އެންގުމުން ޒަހަރް ބޮއެގެން އަމިއްލައަށް މަރުވެއްޖެއެވެ.

އޭނާ މަރުވެފައި ވަނީ މިއަދުއެވެ. އޭނާ ޓިކްޓޮކް ބޭނުން ކުރާތީ ފިރިމީހާ ވަރަށް ޒުވާބު ކުރެއެވެ. އަދި އެ އެޕް ބޭނުން ކުރުން ހުއްޓަލުމަށް އޭނާ އަންގިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން ދެ އަހަރުގެ ކުއްޖަކު ހުންނަ އަނީތާ ނަމަކަށް ކިޔާ އެ އަންހެން މީހާގެ ގާތުގައި ޓިކްޓޮކް ބޭނުން ކުރުން ހުއްޓާލުމަށް އަންގާ ޒުވާބުކުުރުމާއި، ގުޅިގެން އަނީތާ ޒަހަރް ބޮމުން ވީޑީއޯއެއް ނަގާ އެ ވީޑިއޯ އޭނާ ވަނީ ވަޓްސްއެޕް މެދުވެރިކޮށް ފިރިމީހާއަށް ފޮނުވާފައެވެ.

އަނީތާގެ ފިރިމީހާއަކީ ސިންގަޕޫރްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

އަނީތާ ޒަހަރް ބޯ ވީޑިއޯ މީސް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވިއެވެ. އެ ވީޑިއޯއިން ފެންނަނީ ފުޅިއެއްގައި ހުރި އެއްޗެއް އަނީތާ ބޯ މަންޒަރެވެ. އަދި އިރުކޮޅަކުން އޭނާ ކެއްސަން ފެށިއިރު، ކުއްލިއަށް އޭނާ މަރުވީއެވެ.

ޓިކްޓޮކްގެ އަވާގައި ޖެހި އެތައް ބައެއް ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންތައް ވަނީ ގޮސްފައެވެ. ޓިކްޓޮކް މެދުވެރިކޮށް ދެއްކުމަށްޓަކައި ޒާތުގެ ވީޑިއޯ ނަގަން ހަދައިގެން ބައެއްގެ ފުރާނަވެސް ގެއްލިފައި ވެއެވެ.

އެ އެޕަކީ ޗައިނާގެ އުފެއްދުމެކެވެ. އެ އެޕް އެތައް މިލިއަން ބަޔަކު ބޭނުން ކުރަމުން ދެއެވެ.