ކުރިއަށް އޮތީ އިނގިރޭސިވިލާތުގެ ރަސްކަމުގެ އާއިލާގެ ޕްރިންސް ހެރީ އާއި މެގަން މާކެލްގެ ކައިވެންޏެވެ. މުޅި ދުނިޔެ އެކައިވެންޏަށް ތައްޔާރުވަމުން ދާއިރު ކައިވެނި ޕާޓީގެ ދައުވަތު ވެސް ދަނީ ފޮނުވަމުންނެވެ. ކައިވެނި ޕާޓީގެ ދައުވަތު ފޮނުވަމުން ދާއިރު ކައިވެނި ޕާޓީގެ ދައުވަތު ނުލިބިގެން މެގަންގެ އާއިލާ މެންބަރަކު މިވަނީ މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ.

މެގަންގެ އެއްބަފާ މީހެއްގެ ފިރިހެން ދަރިއެއް ކަމަށްވާ ޓޭލޭ ޑޫލޭ އާއި އޭނާގެ މަންމަ ޓްރާސީ ވަނީ ކައިވެނި ޕާޓީގެ ދައުވަތު ފޮނުވަން ހަމަޖެހިފައިވާ 600 މީހުންގެ ތެރޭގައި އެދެމީހުންގެ ނަން ހިމެނިފައި ނުވާތީ ދައުވަތު ނުލިބޭ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.

ޓޭލާގެ ބައްޕަ އަކީ މެގަންގެ އެއްބަފާ ބޭބެއެވެ. މެގަންގެ ބޭބެ އާއި ޓްރާސީގެ ކައިވެނި ވަނީ 2001 ވަނަ އަހަރު ރޫޅިފައެވެ. އޭގެ ފަހުން އެމީހުންނާއި މެގަން އާއި މާބޮޑު ގުޅުމެއް ނޯންނަ ކަމަށް ވެއެވެ. ޓޭލާ އާއި މެގަން މިހާރު އެއްވެސް ގޮތަކަށް ވާހަކަ ނުދައްކާތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހެރީ އާއި މެގަންގެ ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. ކައިވެނި ކުރާ ދުވަހުގެ އެންމެ ހާއްސަ ޕާޓީއަށް 600 މީހުންނަށް ދައުވަތު ދޭއިރު އިތުރު ޕާޓީއެއް ގިނަ އަދަދެއްގެ އާންމުން ބައިވެރި ކޮށްގެން ވެސް އެދުވަހު ބާއްވާނެއެވެ. އެޕާޓީގައި 2000 އަށް ވުރެ ގިނަ މީހުން ބައިވެރި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މެގަންގެ އާއިލާ މެންބަރަކަށް ދައުވަތު ނުލިބޭ ކަމަށް ބުނާ މައްސަލައިގައި މެގަންގެ ފަރާތުން އަދި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.