އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އަށް ރައްޔިތުންގެ ޓެކްސް ފައިސާ އިން ބޮޑު ޚަރަދެއް ކުރާތީ އެގައުމުގެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. ނަމަވެސް ޝާހީ އާއިލާ އަށް ކުރާ ޚަރަދުތައް މަދު ކުރުމުގެ އެއްވެސް ވިސްނުމެއް ޝާހީ އާއިލާ އަކުން ނުގެންގުޅެއެވެ.

މޭގަން މާކެލް އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ މެންބަރަކަށްވީ ހިސާބުން އޭނާ އާއި "ޖައްސާލައިގެން" އިނގިރޭސިވިލާތުގެ މީޑިއާތަކުން އުޅޭ ވާހަކައަކީ އާވަހަކައެއް ނޫނެވެ. ފަހަރުގައި މިއީ އެކަމަށް އިތުރުވި ބޮޅަކަށް ވެދާނެއެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި މޭގަންގެ ޚަރަދުތައް ހުރީ ޝާހީ އާއިލާގެ އެހެން މެންބަރުންނާއި އަޅާބަލާއިރު އަދި މާބޮޑަށް މަތީގައެވެ. ބީބީސީގެ ފަރާތުން ޝާހީ އާއިލާގެ ޚަބަރުތައް ގެނެސްދިނުމުގައި ގިނަ އަހަރުތަކެއް ހޭދަކުރި ޖެނީ ބޮންޑް ވެސް ބުނާ ގޮތުގައި މޭގަންގެ ޚަރަދުތައް މާބޮޑެވެ. އެއީ ގޯސް ނަތީޖާއެއް ނިކުމެދާނެ ކަމެއް ކަމަށް ޖެނީ ބުނެއެވެ.

ޖެނީ ބުނާ ގޮތުގައި އަންނައުނުގެ ގޮތުގައި ވެސް މޭގަން ބޭނުން ކުރަނީ އެންމެ އަގުބޮޑެތި ބްރޭންޑްތަކެވެ. އަދި ނިއުޔޯކްގައި ތިންލައްކަ ޕައުންޑަށް ވުރެ ގިނަ ފައިސާ ޚަރަދުކޮށްގެން މޭގަން ބޭބީ ޝަވާއެއް ބޭއްވުން އެއީ ވެސް ވަރަށް ބޮޑު ބޭކާރު ޚަރަދެއްގެ ގޮތުގައި ޖެހީ ފާހަގަ ކޮށްފައިވެއެވެ.

"މިހައި ބޮޑު ޚަރަދުތަކެއް މޭގަން ކުރުމަކީ އާއްމުން އެހައި ހިތްހަމަޖެހޭ ކަމަކަށް ނުވާނެ. މިކަމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ނުބައި ނަތީޖާއެއް ވެސް ނިކުމެދާނެ." ޖެނީ ބުންޏެވެ.

މޭގަން މިދިޔަ ފެބްރުއަރީ މަހު މޮރޮކޯ އަށް ކުރި ދަތުރުގައި ބޭނުން ކުރި ހެދުންތަކަށް ވެސް އެއްލައްކަ ޕައުންޑަށް ވުރެ ބޮޑު ހޭދައެއް ކުރި ކަމަށް ވެއެވެ.

ޝާހީ އާއިލާ އަށް ބޮޑު ޚަރަދެއް ރައްޔިތުންގެ ފައިސާ އިން ކުރާތީ ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވި ނަމަވެސް އެކަމާއި ބެހޭ ގޮތުން ޝަކުވާ ނުކުރާ ގިނަ ބަޔަކު ވެސް އެބަތިއްބެވެ. އެމީހުން ބުނާ ގޮތުގައި ޝާހީ އާއިލާގެ ސަބަބުން އިނގިރޭސިވިލާތް ދުނިޔެއަށް މަޝްހޫރުވެ، އެގައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވެސް އެތައް ގުނައެއް އިތުރުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ކައްވަޅުގަވެސް ތިހެން އުޅެވޭނެ ?

    13
    2
  2. އަލްޖިބްރާ

    ތިޔަމީހުނަށް އޮތީ މި ދުނިޔެ ! ލިބުނު އެއްޗެއް ތަޅާ ބުރުއްސާ ! މަރުވީމަ ލިބޭނެ އެއްވެސް ފައިދާއެއް ރައްކާތެރިކަމެއް ނެތް ! ތިކަހަލަ މީހުނަށް އޮތީ " ޖަހަންނަމް " !

    11
    1
  3. ސަޒުނާ

    ފަގީރުންނަށް ތިލާރިތައް ހަދިޔާ ކޮންބަލަ.

    11