މިިދިޔަ 10 އަހަރު ތެރޭގައި 13 ފަހަރަށް ބައިގެން ދިޔަ އަންހެނަކަށް އެންމެ ފަހުން އަންހެން ކުއްޖަކު ލިބިއްޖެއެވެ.

އުމުރުން 35 އަހަރުގެ ލައުރާ ވޯސްލީ ކޮންމެ ފަހަރަކު ބަނޑުބޮޑުވެގެން މާގިނަ ދުވަހެއް ނުވަނީސް ބައިގެން ދަނީއެވެ. އެހެން ނަމަވެސް ދެކެމުން ދިޔަ އެ ހުވަފެންތަކުގައި ކުލަ ޖެހިދާނެ ކަަމަށް އޭނާ އުއްމީދު ކުރެއެވެ. އޭނާގެ އުއްމީދު ކުރަމުން ދިޔައީ އުމުރުން 48 އަހަރުގެ ފިރިމީހާ ޑޭވްގެ ދަރިއަކަށް ބަލިވެ އިނުމެވެ.

މި ދެމަފިރިންނަށް އެންމެ ފުރަތަމަ ލިބެން އުޅުނު ދަރިފުޅު ބައިގެން ދިޔައީ 2008 ވަނަ އަހަރެވެ. އެ ދުވަހު ވަރަށް ދެރަވިކަމަށް ދެ މީހުންވެސް ބުންޏެވެ. އަދި އޭގެ ދެއަހަރު ތެރޭގައި ތިން ފަހަރެއްގެ މަތިން ދަރިފުޅު ބައިގެން ދިޔައެވެ.

އެކަމާއި ޑޮކްޓަރުން ވިސްނީ މެޑިކަލް ރީސާޗް ޓީމުގެ އެހީތެރިކަން ހޯދާށެވެ. އަދި އެންމެ ފަހުން ދުނިޔޭގެ އެންމެ ކަުރިއަރާފައިވާ ދިރާސާ ކުރާ ޓީމެއްގެ އެހީތެރިކަން އޭނާ ހޯދަން ފެށިއެވެ. އަދި އެ ދިރާސާތަކުގެ އަލީގައި ވޯސްލީއަށް ދިމާވެފައިވާ މައްސަލަ ދެނެގަނެވިއްޖެއެވެ. ސްޓިކީ ބްލަޑް ސިންޑްރޯމް ނަމަކަށް ކިޔާ މައްސަލައެއްގެ ސަބަބުން ޥޯސްލީ ކޮންމެ ފަހަރަކު ބައިގެން ދަނީއެވެ.

މި ދިރާސާތައް ހަދަމުން ދަނިކޮށްވެސް ވޯސްލީ ދެ ފަހަރަކު ބައިގެން ދިޔައެވެ. އެއީ ވިހަންވެސް މާގިނަ ދުވަހެއް ނުވަނީސްއެވެ. އަދި އެހެންވެ ހެދި އިތުރު ތަހުލީލުތަކުން އެނގުނުގޮތުގައި، އޭނާގެ ހަށިގަނޑުގައި އިތުރު މައްސަލަތަކެއް އުޅެނީއެވެ.

އެންމެ ފަހުން އޭނާ ސްޓީރިއަޑް ނަގާ ބޭސް ކައިގެން ދަރިފުޅު ބައިގެންދިޔަ ނުދީ ހިހަފައްޓައިގެން ވަނީ އޮޕަރޭޝަންކޮށްގެން ނަގާފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައި ވޯސްލީގެ ދަރިފުޅު އޮޕަރޭޝަންކޮށްގެން ނަގާފައި ވާއިރު، އެ ކުއްޖާ އޮޕަރޭޝަންކޮށްގެން ނަގާފައި ވަނީ ދުވަސްވެސް ނުފުރާއެވެ. އެހެންވެ އެ ކުއްޖާ އައިސީޔޫގައި 11 ހަފްތާ ވަންދެން ފަރުވާދިނުމަށްފަހު އެ ކުއްޖާ ވަނީ ގެއަށް ފޮނުވާލާފައެވެ.

ވޯސްލޭ ބުނީ، މިހާރު އެ ދަރިފުޅަށް ނުވަ މަސްވެފައިވާއިރު، އެއީ އަމިއްލަ ދަރިފުޅު ކަމަށް ގަބޫލުވެސް ނުކުރެވޭ ކަމަށެވެ. އޭނާ ވަނީ އޭނާއަށް ދަރިއަކު ހޯދުމުގައި އެހީތެރިވެދިން ރީސާޗް ސެންޓަރަށާއި، ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފައެެވެ.