މިއީ ނ.އަތޮޅުގެ ބަޔަކު މަހަށް ނުކުމެ އުޅެނިކޮށް ދިމާވި ބިރުވެރި ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. އަދި މިވާކައިގައި ބޭނުންކޮށްފައިވާ ނަން ނަމަކީ އަސްލު ނަންނަމެއް ނޫނެވެ.

އެއީ މީގެ ދެ އަހަރު ކުރިއެވެ. ބޮޑު އީދަށް ރަށަށް މީހުން އައިސް އުޅުނު ބައިބޯ ދުވަސްވަރެވެ. އަހަރެމެން ތައްޔާރުވަމުން އައީ ބާބަކިޔު ހެދުމަށްޓަކައި މަސް ބޭނުމަށް ރަށާއި ކައިރީގައިވާ ފަޅުކައިރިއަށް ދިޔުމަށެވެ. އެއީ އެފަޅަކީ ފަރުމަސްވެރިކަމަށް މަޝްހޫރު ފަޅަކަށް ވުމުންނެވެ. އެހެންކަމުން އަހަންނާއި އަހަރެންގެ ތިމާގެ ދެކުއްޖެއްގެ އިތުރަށް މާލެއިން އީދަށް ރަށަށް އައިސް އުޅުނު ދެ ކުދިންނާއި އެކު ޖުމްލަ ފަސް މީހުން ކުޑަ ބޮއްކުރަލެއްގައި މަސްބޭނުމަށްޓަކައި ފުރީމެވެ.

ރޭގަނޑުގެ ވަގުތު ކަމުން އަހަރެމެން މަސްބާނަން ކަނޑައަޅައިފައިވާ މަންޒިލަށް ވާސިލް ވެވުނީ ވިއްސަކަށް މިނެޓް ފަހުންނެވެ. ފަޅު ކައިރިއަށް ބޮއްކުރާ ގާތްކޮށްލުމަށް ފަހު މަސް ބޭނުމަށް ރޯލުލަށް ނަގަމުން އަހަރެން ބުނީމެވެ.

"އެންމެ ކުރިން މަހެއް ބާނާނީ އަހަރެން" އަހަރެން އެހެން ބުނުމުން އަހަރެންގެ ތިމާގެ ކުއްޖެއް ކަމަށްވާ ދާނިސް ފުންމައިގެން ތެދުވެ ފުރަތަމަ މަހެއް ބާނާނީ އޭނާ ކަމަށް ބުންޏެވެ. އަދި އަހަންނަށް ބޭވޭނީ ކޮން މަހެއްހޭ ބުންޏެވެ.

ރޯލުތައް ތައްޔާރުކޮށް ބުޅީގައި އެއްޗެހި އެޅުވުމަށްފަހު މަސް ބޭނުމަށްޓަކައި އެންމެންވެސް ރޯލުތަށް ދޫކޮށްފިއެވެ. ހަމަ އެހިނދެވެ. އަހަރެންގެ ރޯލުގައި އެއްޗެއް ގަނެފިއެވެ. ވީ އުފަލުގެ ކޮޅެއް ނެތެވެ. ވާނީވެސް އެހެންތާއެވެ. ފޮނި ކަނޑާލުމަށް ފަހު އެންމެ ފުރަތަމަ މަހެއްވެސް އެގަތީ އަހަރެންގެ ރޯލުގައެވެ. އެހެންކަމުން ބޮޑާވެރި ރާގަކަށް ބޮއްކުރަލުގައި ތިބި އެހެން މީހުންނަށް ފޮނި ދައްކާލުމަށް ފަހު ރޯލު އޮޅަން ފެށީމެވެ. އެއިރު އަހަރެން ހުރީ ބޭވުނީ ކިހާވަރެއްގެ މަހެއްތޯ ބެލުމަށް ކެތް މަދުވެފައެވެ.

އިރުކޮޅަކު ރޯލު ދެމުމަށް ފަހު ގަނެފައިވާ އެއްޗެއް ދޯންޏަށް ލީމެވެ. ރޭގަނޑު ކަމުން ކިރިޔަ ކިރިޔާ ފެންނަނީއެވެ. އެވަގުތު ބޮއްކުރަލުގައި ތިބި އެންމެން އަޑުން އަޑު ނަގައި ހޭން ފަށައިފިއެވެ. އަދި "މަހަކަށް މަހެއް ބޭނެނެހޭ" ކިޔާ އަހަންނަށް މަލާމާތް ކުރިއެވެ. ވާނުވާގައި އިރުކޮޅަކު ހުރުމަށްފަހު ބޭވުނީ ކޯޗެއް ތޯ ބަލާލީމެވެ. ކަމަކު ދާކަށް ނެތެވެ. ބޭވުނީ މަހެއް ނޫނެވެ. ބޮޑު މުރަކައެކެވެ. އައި ރުޅިން މުރަކަ ނަގާ މޫދަށް އެއްލައިލާން އުޅުން ވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ މުރަކައިގައި އައްސައިފައި އޮތް ކުޑަވަރެއްގެ ކަރުދާސް ކޮޅެކެވެ. އެކަރުދާސްކޮޅު އޮތީ ފެން ނުވަންނަ ގޮތަށް ރައްކާކޮށްފައެވެ.

އެހެންކަމުން އެއީ އާދައިގެ އެއްޗެއް ނޫންކަން އަހަންނަށް އެނގުނެވެ. އަދި ކަރުދާސްކޮޅު ނެގުމަށް ފަހު ހުޅުވާލީމެވެ. އޭގައި ވަނީ އަރަބިން ކޮންމެވެސް އެއްޗެއް ލިޔެފައެވެ. ހީވާ ގޮތުގައި ތަވީދެކެވެ. އަހަރެން އެ ކަރުދާސްކޮޅު ގެންގުޅޭތަން ފެނުމުން ދާނިޝް އަހަރެންގެ އަތުން އެ އަތުލިއެވެ. އަދި ކަލޭވެސް ތަވީދު ގަބޫލު ކުރަން ހޭ ކިޔާފައި އެ ކަރުދާސްކޮޅު ވީދާލުމަށް ފަހު މޫދަށް އަޅައިލިއެވެ.

އިރުކޮޅެއް ފަހެވެ. އަލިފާން ފަރުބަދައަކުން ބޮކި އަރާފަދައިން މޫދުން ރެދަން ބޮކިތަށް އަރަން ފަށައިފިއެވެ. އަދި އަހަރެމެން ތިބި އޮޑި ކައިރިން ކުރީ ޒަމާނުގައި ބޭނުން ކުރާ ފަދަ ނައުތަށް ދަތުރުކުރަން ފަށައިފިއެވެ. އަދި ދުނބުރި އާއި ބޮޑެތި ލަނކުޑި އަހަރެމެންގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުން ދަތުރުކުރަން ފަށައިފިއެވެ. ފެންނަމުން ދިޔަ މަންޒަރުތަކުން ކަނޑުމަތި އެޅީކަން އަހަންނަށް ޔަގީންވިއެވެ.

އެހެންކަމުން ބޮއްކުރަލުގައި ތިބި އެންމެން ކައިރީ ކިޔުނުހާ ހެޔޮއެއްޗެއް ކިޔުމަށް ބުނީމެވެ. އަދި ބޮއްކުރަލުގެ އިންޖީނު ސްޓާޓްކޮށް މިސްރާބެއް ނެތި ދުއްވައިލީމެވެ. އިރުކޮޅަކު ދުއްވުނު ފަހުން ކަނޑުމަތީގައި ހުރި ރެދަންތަށް ގެއްލެން ފަށައި، ރަށުގެ މަލަމަތި ފެންނަން ފަށައިފިއެވެ. އެހެންކަމުން އަވަހަށް ރަށާއި ދިމާއަށް މިސްރާބު ޖެހީމެވެ. އަހަރެމެން ރަށަށް އާދެވުން އިރު އެންމެންވެސް ތިބީ ބިރުން ފިއްކަޑައިގެން ގޮއްސައެވެ. ފެނުނު މަންޒަރުތަކުން ބައެއް މީހުން ތިބީ ދެވަނަ ފަހަރަށް މަސްބޭނުމަށް ކަނޑު މަށްޗަށް ނޭރުމަށް ހިތު ނިޔަތް ގަނެގެނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޮއްކުރާ

    ބޮއްކުރަލުގަ އިންޖީނު ހުރޭބާ؟ ?

    10
    6
    • ނުރަބޯ

      ލައްބަ ބޮއްކުރާ ގައި ފަހަތުކޮޅުގައި އައުޓްބޯޑް ކުދި އިންޖީން އަޅާފައި ހުރޭ. ދަތުރު ނިމުމުން އިންޖީނު ނައްޓާލައިގެން ހިފައިގެން ދާނީ ގެއަށް. މާބަރެއްނުވާނެ.

      27
      2
  2. ސިވިލް މީހާ

    މަަސްނުފެންނަހާ އަނދިރި އެކަމަކު ތަވީދުފެނޭ ހެހެހެ

    18
    4
    • ސީދީބެ

      އެއީ އެމީހުންގެ ތަވީދު ގެއްލިފަ ހުރީމަ..ހަހަހާ

      6
      1
  3. ރާއްޖެ ކުއްޖާ

    ތިޔައް ކިޔާނީ ކަނޑުމަތި އެޅުން....

    7
    2
  4. މި

    ރަނގަޅު

    5
    4
  5. ޒިން

    މިއަދު ނޫހުގަ އަބްދުﷲ ލަތީފުބކައިރިން ވަގުތު ކުދިންޗެސް ހިޔާލީވާހަކަ ލިޔެ އަސްލުކަމަށް ބުނަން ދަސްކުރީ ދެއްތޯ؟ ވަރަށް ދެރަ!! އެނގޭ މި ކޮމެންޓް ޖަހަން ނުކެރޭނެކަން އެކަމަކު ތި ކުދިން މި ކިޔާނެތާ..

    4
    3
  6. ޔާމީން ރަޝީދު

    އަހަރެން ބިރުން ފިތްކަނޑައިގެން ހިނގައްޖެ. މިއީ ހާދަ ފޭކް ވާހަކަ އެކޭ.