ޗައިނާގެ ޖައްވީ އިދާރާއެއްގެ ގޮތުގައި މީގެ ކުރިން ބޭނުންކޮށްފައިވާ ބިޔަ ޖައްވީ އުޅަނދެއް ކޮންޓްރޯލް ނުވެ މިހަފްތާ ތެރޭގައި ދުނިޔެއަށް ވެއްޓޭނެ ކަމަށް ޔޫރަޕިއަން ސްޕޭސް އެޖެންސީން ބުނެފިއެވެ.

ބަރުދަނުގައި 8.5 ޓަނު ހުންނަ ޖައްވީ އުޅަންދު، "ޓިއެންގޮންގް-1" މި ހަފްތާގައި ދުނިޔެއަށް ވެއްޓޭއިރު މިހާރުވެސް ދުނިޔެއަށް މިސްރާބު ޖަހާފައިވާ މި ބިޔަ ޖައްވީ އުޅަނދު ވެއްޓޭނީ، އެމެރިކާގެ ހުޅަނގުން މެދުތެރޭގައި އޮންނަ ސްޓޭޓެއް ކަމަށްވާ މިޗިގަންއަށް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.

2016 ވަނަ އަހަރުގެ ސެމްޓެމްބަރު މަހުގެ ތެރޭގައި ކޮންޓްރޯލް ގެއްލުނު ޖައްވީ އުޅަންދު، "ޓިއެންގޮންގް-1" ދުނިޔެއަށް ވެއްޓޭނެ ކަމަށް ބެލެވިފައިވަނީ މިމަހުގެ 30 އާއި އަންނަ އެޕްރީލް މަހުގެ 2 އާއި ދެމެދުގެ ދުވަހެއްގައެވެ.

"ޓިއެންގޮންގް-1" އަކީ މީގެ ކުރިން ދުނިޔެއަށް ވެއްޓިފައި ނުވާހައި ބޮޑު އަދި ބިޔަ ސްޓޭޝަނެއް ކަމުން، އުޅަނދުގެ 10 އާއި 40 އިންސައްތަ ދުނިޔޭގެ ކޮންމެވެސް ސަރަޙައްދެއްގައި ޖެހޭނެ ކަމަށް ބެލެވެއެވެ. އަދި މިބައިތައް ދުނިޔެއަށް ވެއްޓޭނީ އާދަޔާއި ޚިލާފަށް ބާރުމިނުގައި ކަމަށް ބެލެވިފައި ވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި "ޓިއެންގޮންގް-1" ދުނިޔެއާއި ދިމާލަށް މިސްރާބު ޖަހަމުން އައީ، ހަފްތާއަކު 1.5 ކިލޯމީޓަރުގެ ބާރުމިނުގައެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ހޯދި މަޢުލޫމާތުން އެނގިފައިވަނީ، ހަފްތާއަކު 6 ކިލޯމީޓަރަށް އެ ދުވެލި އިތުރުވެފައިވާ ކަމެވެ. ދުނިޔޭގެ ވައިގެ ފަށަލަތައް ހުރަސްކުރުމަށްފަހު، ބިމަށް ދަމާ ބާރާއި އެކު މި ބާރުމިން އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުގައި، ޖައްވީ އުޅަނދެއް ނުވަތަ ސެޓެލައިޓެއް ދުނިޔެއަށް ވެއްޓުމަކީ ކުރިންވެސް ހިނގާފައިވާ ކަންކަން ކަމަށާއި، އެތަކެތީގެ ބޮޑުބައި ދުނިޔޭގެ ވައިގެ ފަށަލަތަކަށް ވަނުމާއި އެކު އަނދައި އަޅިއަށްވެގެންދާ ކަމަށެވެ.