ޒަމާނަށް އައި ބަދަލުތަކާއި ދިރިއުޅުމަށް އައި ބަދަލުތަކާއެކު، ދުވަހުގެ ބޮޑު ބައެއް ހޭދަކުރަން ޖެހިފައިވަނީ ކޮމްޕިއުޓަރު ނުވަތަ އެނޫންވެސް އެއްޗެއްގެ ކުރިމަތީގައެވެ. އެފަދަ ވަސީލަތްތަކާ ނުލައި ކުރެވޭ ކަންކަމުގެ އަދަދު އަތުން ގުނާލެވޭހާ މަދުވެފައިވާއިރު، އެކަމުން ލިބޭ ގެއްލުންތަކުގެ އަދަދުވެސްވަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ގިނަ ވަގުތު ސްކްރީނުގެ ކުރިމަތީގައި ހޭދަކުރުމުން، އެންމެ ބޮޑު ގެއްލުމެއް ލިބޭ އެއް ގުނަވަނަކީ ލޮލެވެ. އެގޮތުން، ލޮލަށް ލިބޭ އެންމެ ބޮޑު އެއް ގެއްލުމަށް، ކަމުގެ މާހިރުން ދީފައިވާ ނަމަކީ "ކޮމްޕިއުޓަރ ވިޜަން ސިންޑްރޮމް" (ސީވީއެސް) އެވެ.

ސީވީއެސްގެ ސަބަބުން ތިމާގެ ލޮލަށް އެތައް ގެއްލުމެއް ލިބޭއިރު، މިކަންކަމުން ދުރުވާނީ ނުވަތަ، ގެއްލުން ކުޑަކުރާނީ ކިހިނެއް ހެއްޔެވެ؟

ލޮލުގެ ޓެސްޓެއް ހެދުން

މިކަމުގެ ސަބަބުން އެންމެ ބޮޑަށް ލިބޭ އެއް ގެއްލުމަކީ ލޯ ފުސްވުމެވެ. މިގޮތަށް ވުމާއެކު، ބޮލުގައި ރިއްސާ ނުވަތަ ލޮލުން ފެން އަންނަކަމުގައިވާނަމަ، ލަސްނުކޮށް ކަމާ ގުޅޭ ޑޮކްޓަރަކަށް ދައްކާ، ޓެސްޓެއް ހެދުން މުޙިއްމެވެ.

މޭޒުމަތީގައި މޮނީޓަރު ހުންނަ ގޮތަށް ބަދަލު ގެނައުން

ސީވީއެސްގެ އުނދަގޫ ކުރިމަތިވާނަމަ، މޭޒުމަތީގައި ކޮމްޕިއުޓަރުގެ މޮނީޓަރު ހުންނަ ގޮތް ނުވަތަ މޭޒުމަތީގައި ލެޕްޓޮޕް ބަހައްޓާނަމަ، އޭގެ ސްކްރީން ހުންނަ ގޮތަށް ބަދަލުތަކެއް ގެންނަ ޖެހެއެވެ. މި ގޮތަށް ބަދަލު ގެންނައިރު، މޮނީޓަރަށް ބެލުމަށް ކަރަށް އިތުރު ބާރެއްލާ، ލޮލަށް ބަދަލުތަކެއް ނުގެނެސް، ކަން ކުރެވޭނެ ގޮތަކަށް އަތުރާލަން ޖެހެއެވެ.

ސްކްރީނުގެ ސެޓިންގ ބަދަލުކުރުމާއި އެންޓި- ގްލެއަރ އައިނު ބޭނުންކުރުން

ސްކްރީނަށް ބެލުމުން ލޮލަށް ގެއްލުންވާނަމަ ނުވަތަ އުނދަގޫ ވާނަމަ، ސްކްރީނުގެ ސެޓިންގ ބަދަލުކުރުން މުޙިއްމެވެ. އެގޮތުން އަލި ހުންނަ މިންޒަރާއި ފޮންޓު ސައިޒް ބަދަލުކުރެވިދާނެއެވެ. ހަމައެހެންމެ، ސްކްރީނަށް ބެލުމަށް ޚާއްޞަ ކޮށްގެން އުފައްދާފައި ހުންނަ އެންޓި- ގްލެއަރ އައިނެއް ބޭނުންކުރެވިދާނެއެވެ.

އަލި ތަނެއްގައި ކޮމްޕިއުޓަރު ބޭނުންކުރުން

އެކަށޭނެ މިންވަރަށް އަލިވާ، އަނދިރި ނޫން ތަނެއްގައި ކޮމްޕިއުޓަރުގެ ސްކްރީން ބެހެއްޓުމަކީ މުޙިއްމު ކަމެކެވެ. ހަމައެހެންމެ، އެތަނެއްގައި ހުންނަ ކުޑަދޮރުތަކުގެ ރިފްލެކްޝަން، ސްކްރީނަށް ނޭޅޭނެ ގޮތަކަށް ހަމަޖެއްސުމަކީވެސް މުޙިއްމު ކަމެކެވެ.

ސްކްރީނުތަކުގެ ކުރިމަތީގައި ހޭދަކުރާ ވަގުތު މަދުކުރުން

ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން، މިއީ އެންމެ ފަސޭހައިން ކުރެވޭނޭ ކަމަކަށް ނުވިކަމުގައިވިޔަސް، މަސައްކަތްތައް ނިމުމުން ނުވަތަ ކިޔެވުމުގެ ކަންކަން ނިމުމުން، ހުސްވަގުތު ކުރާ ކަންކަމުގެ ގޮތުގައި ސްކްރީނަށް ބަލައިގެން ކުރާ ކަންކަން ނުހިމެނުން މުޙިއްމެވެ. ހަމައެހެންމެ، ނިދުމުގެ ކުރިންނާއި ނިދައިން ހޭލާ ގޮތަށް ފޯނުގެ ސްކްރީނަށް ބެލުމުން ދުރުވުންވެސް ބުއްދިވެރިއެވެ.

ލޮލުގެ ކަސްރަތުކުރުން

ގިނަ ވަގުތު ސްކްރީނަށް ބެލުމުން ލޮލަށް އުނދަގޫ އިހުސާސްކުރެވޭނަމަ، ލޮލުގެ ކަސްރަތުކުރުންވެސް މުޙިއްމެވެ. އެގޮތުން ކުރެވޭނެ ކަސްރަތުތަކުގެ ތެރޭގައި އަވަސް އަވަހަށް އެސްފިޔަ ޖެހުމާއި، ދުރުގައި ހުންނަ އެއްޗަކަށް ފޯކަސް ކުރުމަކީ ކުރެވޭނެ ކަންކަމެވެ.