ފަހުގެ އެކި ފީޗާސްތައް އެކުލެވޭ ތަފާތު ވައްތަރުތަކުގެ ފޯނުތައް ދުނިޔެއަށް ތައާރަފްވަމުންދާ ދުވަސްވަރެއްގައި އެންމެ ގަދައަށް މިހާރު ދެކެވެމުންދަނީ ސެމްސަންގުން އެންމެ ފަހުން ނެރުނު ގެލެކްސީ އެސް 9 ގެ ވާހަކައެވެ. ނަމަވެސް ދައްކާން މިއުޅެނީ ގެލެކްސީ އެސް 9 ގެ ވާހަކައެއް ނޫނެވެ. އަދި ނުވިތާކަށް ސެމްސަންގް ފޯނެއްގެ ވާހަކައެއްވެސް ނޫނެވެ.

ބައެއް ފަރާތްތަކަށް ފޯނުގެ ޕްރޮސެސިންގ ޕަވަރ މުހިއްމު ވެދާނެއެވެ. އަދި އަނެއްބައި ފަރާތްތަކަށް ފޯނުގެ ކެމެރާ ކޮލިޓީއަކީ އެންމެ މުހިއްމު ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ކޮންމެ މީހަކުވެސް އެމީހަކު ގެންގުޅޭ ސްމާޓްފޯނުގެ ބެޓެރީ ގިނައިރު، ޗާޖު ނުގޮސް ހިފަހައްޓަން ބޭނުންވާނެއެވެ.

ދައްކަން މިއުޅެނީ އާއްމުކޮށް ނަންހިނގާ ނޫޅޭ ބްރޭންޑެއްގެ ފޯނެއްގެ ވާހަކައެވެ. ބެޓެރީ ނިސްބަތުން ބަލާނަމަ ނަން މަޝްހޫރު ހުރިހާ ފޯނެއްގެ ބެޓެރީ ވެލިފުކަކަށް ހަދާލާވަރުގެ ވަރުގަދަ ބެޓެރިއެއް އެކުލެވިގެންވާ ފޯނެކެވެ.

އެނަޖައިޒާ ބްރޭންޑްގެ މި ފޯނަކީ ގެލެކްސީ އެސް 9 އަދި އައިފޯނު އެކްސްގެ ބެޓެރީގެ ފަސް ގުނައަށްވުރެ ވަރުގަދަ ބެޓެރީއެއް ހިމަނާފައިވާ ފޯނެކެވެ. އެނަޖައިޒާ ޕީ16ކޭ ޕްރޯ (Energizer P16K Pro) މޮޑެލްގެ މި ފޯނަކީ 16،000 އެމްއޭއެޗްގެ ބެޓެރީއެއް ހަރުކުރެވިފައިވާ ފޯނެކެވެ. އަޅާކިޔާލާނަމަ ގެލެކްސީ އެސް 9 ގައި ވަނީ 3،000 އެމްއޭއެޗްގެ ބެޓެރިއެކެވެ. އަދި އައިފޯން އެކްސްގައި ވަނީ 2،716 އެމްއޭއެޗްގެ ބެޓެރިއެކެވެ.

ނަން މަޝްހޫރު މި ދެ ފޯނުވެސް އާއްމު ބޭނުންތަކަށް ބޭނުންކުރާއިރު މުޅި ދުވަހު ބެޓެރީ ހިފެހެއްޓި ނަމަވެސް ރޭގަނޑު ޗާޖު ނުކޮށް ދެކޮޅެއް ނުޖެއްސެއެވެ. ނަމަވެސް އެނަޖައިޒާ ޕީ 16 ކޭ ޕްރޯ މިހެނެއް ނުވެއެވެ. އާއްމު ބޭނުންތަކަށް މި ފޯނު ބޭނުންކުރާނަމަ ފަސް ދުވަސް ވަންދެން ޗާޖަށް ޖެހުމެއްނެތި ބެޓެރީ ހިފަހައްޓާލައެވެ. އަދި ތަންކޮޅެއް މަދުން ބޭނުންކުރާނަމަ ހަފްތާއެއްހައި ދުވަސް ޗާޖު ނުކޮށް ހިފަހައްޓައިލެވޭނެއެވެ.

މި ފޯނުގެ އިތުރު ފީޗާސްތަކަށް ބަލާލާއިރު، މި ފޯނު ހިނގާނީ މީޑިއާޓެކް އޮކްޓަ-ކޯރ 2.5 ގިގަހާރޓްސްގެ ޕްރޮސެސަރ އަކުންނެވެ. އަދި 128 ޖީބީގެ އިންޓާނަލް މެމޮރީއެއް އެކުލެވިގެންވާ މި ފޯނަކީ އެންމެ ފަހުގެ އެންޑްރޮއިޑް އޯރިއޯ 8.0 ގެ ފޯނެކެވެ. 6 ޖީބީ ރެމްއެއް މި ފޯނުގައި އަޅުވާފައިވާއިރު، މެމޮރީކާޑު ލެއްވޭކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނަމުންދާއިރު ބައެއް ފަރާތްތަކުން މިކަން ދޮގުކުރެއެވެ.

ފުރަގަހުގައި 2 ކެމެރާ އަދި ކުރިމަތީގައިވެސް 2 ކެމެރާ، ޖުމުލަ 4 ކެމެރާ އެކުލެވޭ މިފޯނުގެ ފަހަތު ދެ ކެމެރާއަކީ 16 މެގަޕިކްސެލް ކެމެރާއަކާއި 13 މެގަޕިކްސެލްގެ ކެމެރާއެކެވެ. އަދި ކުރިމައްޗަށް ފަރުމާކޮށްފައިވާ ދެ ކެމެރާއަކީ 13 މެގަޕިކްސެލް ކެމެރާއަކާއި 5 މެގަޕިކްސެލްގެ ކެމެރާއެކެވެ. އަލްޓްރާ އެޗްޑީ (ޕީ2160) ގެ ވީޑިއޯ ކޮންމެ ފަރާތަކުންވެސް ކުރެވޭނެއެވެ.

އިތުރު ފީޗާސް ތަކުގެ ތެރޭގައި ފިންގަޕްރިންޓް ސެންސަރ އަދި ޓައިޕް ސީ ޔޫއެސްބީ ޕޯޓަކާއިއެކު ފާސްޓް ޗާޖު ކުރެވުން ފާހަގަ ކޮށްލެވެއެވެ. އަދި މި ފޯނުން އެހެން ފޯނުތައްވެސް ޗާޖުކޮށްދޭނެއެވެ. ދެ ސިމް ލެއްވޭ އެނަޖައިޒާގެ މި ފޯނުގައި ފަރުމާކޮށްފައިވަނީ 5.99 އިންޗިގެ އައިޕީއެސް ޑިސްޕްލޭއެކެވެ.

މިފޯނުގެ ބަރުދަނަކީ 350 ގުރާމެވެ. މި ފޯނަކީ މިދިޔަ މަހު އިއުލާނުކުރި ފޯނެކެވެ. އަދި ބާޒާރަށް ނެރޭނެ ކަމަށް ލަފާ ކުރެވެނީ މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. މީޑީއާ ރިޕޯޓުތައް ބުނާގޮތުގައި މިފޯނުގެ އަގު 500 ވަރަކަށް އެމެރިކާ ޑޮލަރަށް އަރާނެއެވެ. އެއީ 7،710 ދިވެހި ރުފިޔާއެވެ.