ޗައިނާގެ އުމުރުން 11 އަހަރުގެ ކުއްޖަކު އޭނާގެ ބައްޕަގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ދައްކަމުން ގެންދާ އާދަޔާއި ހިލާފު ހިތްވަރާއި ކުރަމުން ގެންދާ މަސައްކަތައް ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަން ލިބިއްޖެއެވެ.

ލޫ ޒިކުއާން ނަމަކަށް ކިޔާ ކުއްޖާގެ ބައްޕަ އަށް ވަނީ މީގެ ހަތް އަހަރު ކުރިން ލޭގެ ކެންސަރު ޖެހިފައެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ލޫގެ ބައްޕަގެ ފުރާނަ ސަލާމަތް ކުރެވެން އޮތީ ބޯން މެރޯ ޓްރާންސްޕްލާންޓް ހަދައިގެންނެވެ.

އާއިލާ މެންބަރުންގެ ތެރެއިން ލޫގެ ބައްޕަ އާއި ބޯން މެރޯ ދިމާވަނީ ހަމައެކަނި އުމުރުން 11 އަހަރުގެ ލޫ އާއި އެވެ. ނަމަވެސް ލޫގެ ބަރުދަން މާބޮޑަށް ލުއި ވުމުގެ ސަބަބުން ބޯން މެރޯ ޓްރާންސްޕްލާންޓް ހެދޭކަށް ނެތެވެ.

ލޫގެ އޮޕަރޭޝަން ކުރުމަށް އޭނާގެ ބަރުދަން 50 ކިލޯ އަށް އިތުރު ކުރަން ޖެހެއެވެ. އެހެންކަމުން އޭނާ ވަނީ ބަރުދަން އިތުރުކުރުމަށްޓަކައި ކޮންމެ ދުވަހަކު ފަސް އިރު ކާން ފަށާފައެވެ. އޭނާ ގިނައިން ކާން ފެށިއިރު ބަރުދަނުގައި ހުރީ 30 ކިލޯ އެވެ. ނަމަވެސް މިހާރު ވަނީ ބަރުދަން 45 ކިލޯ އަށް އިތުރުވެފައެވެ.

ލޫ ޗައިނާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އޭނާ ފަލަވާތީ ސްކޫލް ކުދިން އޭނާ އާއި ދިމާކުރެއެވެ. ނަމަވެސް އޭނާ އެކަމަށް ފަރުވާލެއް ނުބަހައްޓައެވެ.

"އަހަރެން ފުރަތަމަ މަސައްކަތް ކުރާނީ އަހަރެންގެ ބައްޕަގެ ފުރާނަ ސަލާމަތް ކުރަން. އެއަށް ފަހު ދެން ބަރުދަން ލުއި ކުރުމާއި މެދު ވިސްނާނީ." ލޫ ބުންޏެވެ.

ލޫގެ ވާހަކަތައް މީޑިއާގައި ގެނެސްދިނުމުން ވަރަށް ގިނަ އާއްމުން ގެންދަނީ މީސް މީޑިއާގައި ލޫއަށް ތައުރީފްކޮށް ހިތްވަރު ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާ

    ތިކަހަލަ ދެތިން ލުލެއް ބޭނުންވަނީ

  2. ހަންބަރަން

    ދިވެހި ކުޑަކުއްޖެއްގެ ކިބަޔަކުން ވެސް ތިޔަކަހަލަ މަންޒަރެއް ނުފެންނާނެ. ސަބަބު ވަރަށް ސާފު

    6
    8