އޮސްޓްރޭލިޔާގެ ޖަޒީރާއެއް ކަމަށްވާ ތަސްމޭނިޔާގެ ކަނޑުގެ އަޑިން ބިޔަ އަލިފާން ފަރުބަދަތަކެއް މުޅިން އަލަށް ފެނިއްޖެއެވެ.

25 ދުވަހަށް ދިގުދެމިގެން ދިޔަ ދިރާސާއެއް ކުރަމުން ދަނިކޮށް މެރިން ބަޔަލޮޖިސްޓުންނަށް ފެނުނު މި ފަރުބަދަ ތަކުގެ އުސް މިނުގައި 9800 ފޫޓް ހުރި އިރު މިއީ އެމެރިކާގެ އެންޕަރާ ސްޓޭޓް ބިލްޑިން އަށް ވުރެން ހަ ގުނަ އުސް ފަރުބަދަ ތަކެކެވެ.

ދުނިޔޭގެ ކަނޑުތަކުގެ 80 އިންސައްތަ އަދި ވެސް ދިރާސާ ނުކުރެވެއެވެ. އެހެންކަމުން ކަނޑުތަކުގައި އަދި އިންސާނުންނަށް ނުފެންނަ އެތައް މިލިއަން ދިރުމެއް ވާނެ ކަމަށް ސައިންސްވެރިން އެއްބަސްވެއެވެ. އަލަށް މި ފެނުނު އަލިފާން ފަރުބަދަތައް އުފެދުނީ ކޮން އިރެއްގައި ކަމެއް އަދި ބުނާކަށް ނޭންގެއެވެ.

އަލަށް އަލިފާން ފަރުބަދަ ތަކެއް ފެނުނު ސަރަހައްދުން ގިނަ އަދަދެއްގެ ދޫނި ސޫފާ ސޫފިތަކާއި ބޮޑު މަހުގެ އާއިލާއަށް ނިސްބަތްވާ ދެ ވައްތަރެއްގެ ވޭލް ވަނީ ފެނިފައެވެ.

ދުނިޔޭގެ ކަނޑުގެ އަޑީގެ އަލިފާން ފަރުބަދަ އެންމެ ގިނަ އަދި އަލިފާން ފަރުބަދަ އެންމެ ބޮޑަށް ހިއްސާކުރާ ސަރަހައްދަކީ "ޕެސިފިކް ރިންގް އޮފް ފަޔާ" އެވެ. މި ސަރަހައްދަކީ ގިނައިން ބިންހެލުންތައް އަންނަ ދުނިޔޭގެ އެތަށް މޭލަކަށް ދެމިގެންދާ ސަރަހައްދެކެވެ. ރިންގް އޮފް ފަޔާ ސަރަހައްދުގެ ކަނޑުއަޑީގައި 400 އަށް ވުރެ އަލިފާން ފަރުބަދަ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ.

ސައިންވެރިން ލަފާލުރާ ގޮތުގައި އިންސާނީ ދަރިފަސްކޮޅަށް ގެއްލުންވާފަދަ ސުޕަ ވޮލްކޯނޭ އެއް ގޮވަނީ ކޮންމެ 100000 އަހަރަކުން އެއް ފަހަރު އެވެ. ސައިންވެރިން ލަފާ ކުރާ ގޮތުގައި މި ފަދަ އަލިފާން ފަރުބަދައެއް ގޮވައިފި ނަމަ މުޅި ދުނިޔޭގެ ބޮޑު ސަރަހައްދެއް ބަނޑަށް ޖެހި ދުނިޔެ އާދަޔާ ހިލާފަށް ފިނި ގަދަވެގެން ދާނެ ކަމަށެވެ. ސަބަބަކީ ފަރުބަދައިން ނިކުންނަށް އަޅީގެ ދުމުން ދުނިޔެއަށް އިރުގެ އަލިކަން ނުލިބޭނެތީއެވެ.