ލާމު އަތޮޅު ޕްރަމޯޓްކޮށް ލާމު އަތޮޅަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ކުރުމަށް ހިންގަމުން އަންނަ ވިޒިޓް ލާމު އިން ފޮޓޯ ގްރަފީ އެންބެސަޑަރުން ހޮވުމަށް ނިންމައިފިއެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެމުން ވިޒިޓް ލާމު އިން ބުނެފައިވަނީ މިގޮތަށް ނިންމާފައިވަނީ ލާމު އަތޮޅުގެ ރީތިކަން ދައްކާލުމަށްޓަކައި ފޮޓޯތައް ނަގާ ފޮޓޯ ގްރާފަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށާއި މިގޮތުން ވިޒިޓް ލާމުގެ އެންބެސަޑަރުން ޕްރަމޯޓް ކުރުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށެވެ.

"ލާމު ޕްރަމޯޓް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ފޮޓޯ ގްރަފީ އެންބެސަޑަރުން ނަގަން ނިންމާފައިމިވަނީ އެމީހުންގެ އަގު ވަޒަން ކުރުމަށް، އޭގެ އިތުރުން ލާމަށް ޒިޔާރަތް ކުރާ ފަރާތްތަކުން ފޮޓޯ ނަގަން ބޭނުންނަމަ ގުޅޭނެ ފަރާތެއް އަވަސް ކަމާއެކު ހޯދައިދިނުމަށް." ވިޒިޓް ލާމުގެ އޮފިޝަލަކު ބުންޏެވެ.

ވިޒިޓް ލާމުގެ އެންބެސަޑަރަކަށްވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސްވަނީ ހުޅުވާލެވިފައެވެ. އެންބެސަޑަރުން ނެގުމަށް ހަމަޖެހިފައިވަނީ ޖަޖުންގެ ޕެނަލްއަކުންނެވެ. އެންބެސަޑަރަކަށް ވުމަށް މިލިނަކަށް ކްލިކްކޮށްލައްވާށެވެ.

ވިޒިޓް ލާމަކީ ރެޖިސްޓަރ ކުރެވިގެން ހިންގަމުން އަންނަ ބައެއްކަން ފާހަގަކޮށްލެވެއެވެ. ވިޒިޓް ލާމު އިންވަނީ ލާމު ޕްރަމޯޓް ކުރުމަށް ލަވައެއް ނެރުމަށް ނިންމާފައެވެ. މީގެ އިތުރުންވެސް ތަފާތު ގިނަ ކަންތައްތަކެއް ވިޒިޓް ލާމު އިންދަނީ ކުރަމުންނެވެ.