ގޭތެރޭގައި އުޅެން ފޫހިވެއެވެ. އެއްވެސް ބައެއް ގޭގައި އުޅެން ފޫހިވެގެން ގެ ދޫކޮށްލާފައި ނުދެއެވެ. ނަމަވެސް މި ދެމީހުންނަކީ ތަފާތު ބައެކެވެ.

އިނގިރޭސި ވިލާތަށް އުފަން އުމުރުން 33 އަހަރުގެ ޑެބީ މާޔެސް އާއި އޭނާގެ ފިރިމީހާ އުމުރުން 45 އަހަރުގެ ގެބްރިއެލް މީގެ ކުރިން ދިިރިއުޅެމުން ދިޔައީ 5000 އަކަފޫޓްގެ ބޮޑު ގެއެއްގައެވެ. އެ ދެމީހުންވެސް ދިރިއުޅެމުން ދިޔައީ އެއްވަޒީފާއަށްވުރެ ގިނަ ވަޒީފާ އެއްފަހަރާ އަދާކުރަމުންނެވެ.

މެޓްރޯ ނޫހަށް މައުލޫމާތުދެމުން ޑެބީ ބުނީ އޭނާގެ ދިރިއުޅުމުގައި މައްސަލަތައް ދިމާވާންފެށީ ކުރަންޖެހޭ މަސައްކަތްތައް ބުރަކަމުންނެވެ. އަދި އެކަމުގެ ސަބަބުން އެމީހުންގެ ކައިވެންޏަށް ވެސް އަސަރުކުރަން ފެށިއެވެ.

އެހިސާބުން ޑެބީއާއި އޭނާގެ ފިރިމީހާ ނިންމީ ގެ ދޫކޮށްފައި ދިޔުމަށެވެ. އެ ދެމީހުން ވަނީ 27 ހާސް ޕައުންޑް ގެ ސްކޫލްބަހެއް ގަނެފައި އެވެ. އަދި އެ ބަހުގެ ސީޓްތައް ނައްޓާ ހުދުކުލައިން ޖަރީކުރުމަށްފަހު ސިޓިންރޫމްއަކާއި ބަދިގެއަކާއި ކޮޓަރިއެއް އިންނަ ގޮތަށް ގެއަކާއި އެއްފެންވަރަށް ބަސްތެރެ މަރާމާތު ކޮށްފައެވެ.

މިހާތަނަށް އެ އާއިލާއިން ވަނީ ތިންހާސް މޭލަށް ދަތުރު ކޮށްފައެވެ. އަދި އެމެރިކާގެ އަށް ސްޓޭޓަށް މިހާރު ވަނީ ދަތުރުކޮށްފައެވެ. ޓެނެސީ، އާކެންސޯ، ކެންސެސް، ކުރާޑޯ، ވުޔޫމިން، އޫތާގެ އިތުރުން ނެވާޑާއަށް ވަނީ ދަތުރުކުރެވިފައެވެ. އެމީހުންގެ ދަތުރު ނިންމާލުމަށް ހަމަޖެހިފައިވަނީ ކެލިފޯނިޔާއަށެވެ.

މި ދަތުރުގެ ސަބަބުން ދެމީހުންގެ ދެމެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުވެ، ގުޅުމަށް ގެނެވުނު ބަދަލާއިއެކު އެގުޅުން އިތުރަށް ބަދަހިވެގެން ދިޔަ ކަމަށް ދެމަފިރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު