ހިތް ހުއްޓުމަކީ، ދިމާވާ ހާލަތެއްގެ ސަބަބުން ކުއްލިއަކަށް ހިތުގެ ވިންދު ހުއްޓި ހަށިގަނޑަށް ލޭ ފޯރުކޮށްދިނުން ހުއްޓުމަކަށް އައުމެވެ. މިގޮތަށް ދިމާވެ ހަށިގަނޑުގައި ލޭ ދައުރުވުން ހުއްޓުމުން، ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން، ހަށިގަނޑާއި ސިކުނޑިއަށް ފޯރުކޮށްނުދޭނެއެވެ.

ހިތް ހުއްޓިއްޖެ ނަމަ، އެކަމުގެ އަސަރު ވަގުތުން މުޅި ހަށިގަނޑަށް ކުރެއެވެ. އިންސާނާ ދިރުހުރުމުގައި ހިތުގެ ދުޅަހެޔޮކަމަކީ އެންމެ މުޙިންމު އެއް ކަން ކަމުގައިވާއިރު، ހިތް ހުއްޓުމުން ހޭނެތުމާއި ނޭވާ ހުއްޓުން ނުވަތަ ނޭވާލުން ދަށްވުން ފަދަ ކަންކަމާއި ކުރިމަތިވެއެވެ.

ޢާންމު ގޮތެއްގައި ހިތް ހުއްޓެނީ، ކުރިން އެފަދަ ކަމެއް ވެދާނެކަމުގެ އެއްވެސް އިންޒާރެއް ނުވަތަ އިޝާރާތެއް ނެތި ކުއްލިއަކަށެވެ. މިގޮތަށް ދިމާވުމުން މަދު ވަގުތުކޮޅެއްގެ ތެރޭގައި ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތްވެސް ހުއްޓެއެވެ. މި މަދު ވަގުތުކޮޅުގެ ތެރޭގައި ހިތުގެ ވިންދު އަނބުރާ ނުގެނެވިއްޖެ ނަމަ ފުރާނައަށް ނުރައްކާވާ ހާލަތުތައް މެދުވެރިވެއެވެ.

ހިތް ހުއްޓުމަކީ އެ ހާލަތު މެދުވެރިވާ ހިނދު އޭގެ ސަބަބުން އެތައް ގެއްލުމެއް ހަށިގަނޑަށް ކޮށްފާނެ ހާލަތެކެވެ. އަދި މިގޮތަށް ދިމާވުމުގެ ޢާންމު ޢަލާމާތްތައް މާބޮޑަށް ފާހަގަނުވާއިރު، ހިތް ހުއްޓުމަށް ދިމާވާ ސަބަބުތައް ދަނެ އެކަންކަމަށް ސަމާލުވުމަކީ މުޙިންމު ކަމެކެވެ.

ހިތް ހުއްޓުމަށް ދިމާވާ ބައެއް ސަބަބުތައް:

ހިތުގެ މަސްތަކަށް ލޭގެނެސްދޭ ހޮޅިއެއް ބަންދުވެ ހިތުގެ ބައެއްގެ މަސައްކަތް ހުއްޓުން - މިގޮތަށް ދިމާވުމުން ވިންދުގެ ތަރުތީބު އޮޅި ލޭ ޕަންޕު ކުރުމުގައި މައްސަލަ ދިމާވެ ހިތް ހުއްޓޭގޮތް ވެއެވެ.

ލޭގައި ޕޮޓޭސިއަމް އިތުރުވުން - ހިތުގެ ކަރަންޓު ދަތުރުކުރަން ޖެހޭ ތަރުތީބު އޮޅުމުންވެސް ހިތް ހުއްޓެން ދިމާވެދާނެއެވެ. ލޭގައި ޕޮޓޭސިއަމް އިތުރުވެއްޖެ ނަމަ، މި ކަރަންޓް ސަޕްލައިއަށް އަސަރު ކޮށް ދައުރުވުމަށް ބަދަލު އާދެއެވެ.

މާގިނައިން ވަކި ވައްތަރެއްގެ ބޭހެއް ބޭނުންކުރުން - މާގިނައިން ވަކި ވައްތަރެއްގެ ބޭހެއް ބޭނުން ކުރުމަކީ އެކަމުގެ ސަބަބުން ހިތުގައި ޖަހާ ވިންތުގެ ތަރުތީބު ބަދަލުވެދާނޭ ކަމެކެވެ. މިގޮތަށް ދިމާވެ އެ ބޭހުގައި ހިމެނޭ ގެއްލުންދެނިވި ބައިތައް ލޭގައި އަށަގަތުމަށް ދުވަސް ނަގާފާނެއެވެ. ނަމަވެސް ވަކިވަރަކަށް އެ ތަރުތީބު ބަދަލުވުމުން ކުއްލިއަކަށް ހިތް ހުއްޓެން ދިމާވެއެވެ.

މަސްތުވާތަކެތި ބޭނުން ކުރުން - ބައެއް މަސްތުވާ ބާވަތްތައް ބޭނުން ކުރުމުން ހިތުގެ މަސައްކަތްތައް ހުންނަން ޖެހޭ ވަރަށްވުރެ އަވަސްވެ، ހިތުގެ ވިންދު އަވަސްވުމަށް މެދުވެރިވެއެވެ. މިތަކެތި ބޭނުން ކުރުމުން ހިތުގެ ތެރޭގައި ދައުރުވާ ކަރަންޓަށް ބަދަލު އައިސް ހިތް ހުއްޓިދާނެ ގިނައިރުތަކެއް ނުނަގައެވެ.

ނިދީގައި ހިތް ހުއްޓުން - ނިދީގައި ހިތް ހުއްޓެން ދިމާވާ ސީދާ ސަބަބެއް ހޯދިފައި ނުވާއިރު، މިއީ ވަރަށް ޢާންމުކޮށް ދިމާވާ ގޮތެކެވެ. ބައެއް ތަކުރިބާކާރުންގެ ނަޒަރުގައި އެއްވެސް ސަބަބެއް ނެތިވެސް ހިތް ހުއްޓިދާނެއެވެ.