މަޝްހޫރު ގިނަ ތަރިން ހިއްސާވާ ލަވަތަކެއް ހިމެނޭ، އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ އާ އަލްބަމް އަންނަމަހު ނެރެން ތައްޔާރުވެއްޖެއެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ތަރުހީބު ހޯދާފައިވާ ލަވަކިޔުންތެރިޔާ، އެޑް ޝީރަންގެ މި އަލްބަމް ނެރެން އޭނާ ތައްޔާރުވަމުން މިދަނީ، އޭނާގެ އާ ލަވަތަކެއްގެ އިންތިޒާރުގައި ގިނަ ފޭނުން ތިއްބައެވެ. އެންމެ ފަހުން އޭނާގެ އަލްބަމެއް ނެރެފައި ވަނީ 2017 އަހަރުގައެވެ.

އެޑް ޝީރަންގެ އާ އަލްބަމް ނެރެން ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. "ނަމްބަރ 6"ގެ ނަމުން ނަންދީފައިވާ މި އަލްބަމްގައި 15 ލަވަ ހިމެނެއެވެ.

މި ލަވަތަކުން، މިއުޒިކީ ދުނިޔޭގެ އެންމެ އުހުގައި ވިދާ ތަރިން ކަމަށްވާ، ޖަސްޓިން ބީބާއާއި، އެމިނެމްއާއި. 50 ސެންޓްއާއި، ބްރޫނޯ މާސް އަދޮ ޓްރާވިސްގެ އިތުރުން ކެމީލާ ކެބެލޯގެ އަޑުވެސް އިވިގެންދާނެއެވެ. މި ސަބަބަށްޓަކައި މި އަލްބަމަށް ބޮޑު ތަރުޚީބެއް ލިބިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

މިހާތަނަށް އެޑް ޝީރަންގެ ތިން އަލްބަމެއް ނެރެފައި ވެއެވެ. އޭގެތެރެއިން އެންމެ ފަހުން ނެރެފައި ވަނީ "ޑިވައިޑް"ގެ ނަމުން ނަންދީފައިވާ އަލްބަމެކެވެ. "ޕްލަސް"ގެ ނަމުން ނަންދީފައިވާ އޭނާގެ ފުރަތަމަ އަލްބަމް ނެރެފައި ވަނީ 2011 ވަނަ އަހަރުއެވެ. އޭނާގެ ދެވަނަ އަލްބަމަށް ދީފައިވާ ނަމަކީ "މަލްޓިޕްލައި" އެވެ.