އިންޑިއާގައި ގިނަ ފިލްމް އިންޑަސްޓްރީތަކުގައި މަސައްކަތްކުރާ ފަންނާނުންގެ އުންމީދެއް އޮވެއެވެ. ބޮލީވުޑްގެ ފިލްމަކުން ނުވަތަ ލަވައަކުން ޖާގަ ހޯދުމުގެ އުންމީދުގައި މަސައްކަތްކުރާ އެފަދަ ފަންނާނުންނަށް މީގެ ކުރިންވެސް ގިނަ ތަޖުރިބާތަކެއް ކުރެވި އެ ވާހަކަ ނޫސްތަކުގައި ހިއްސާކޮށްފައި ވެއެވެ. އެގޮތުން ޕަންޖާބް ސިނަމާގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ތަރިންގެ ތެރޭގައި ހިމެނޭ ނީރު ބަޖްވާއަށް ކުރެވުނު ތަޖުރިބާއަށްފަހު އޭނާ ބޮލީވުޑަށް "ސަލާމް" ބުނަން ޖެހުނުގޮތުގެ ވާހަކަ އޭނާ ވަނީ ކިޔައިދީފައެވެ.

1998 ވަނަ އަހަރު ހިންދީ ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރަންފެށި ނީރު ބުނިގޮތުގައި އެހެން ފަންނާނުންނެކޭ ވެސް އެއްފަދައިން އޭނާ ބަލަމުން އައީ ބޮލީވުޑްގައި މަސައްކަތްކުރާނެ ރަނގަޅު ފުރުސަތަކަށެވެ. ނަމަވެސް ދާދިފަހުން ކުރެވުނު ތަޖުރިބާއަކަށްފަހު އެ ވިސްނުން ދޫކޮށް ބޮލީވުޑުގައި މަސައްކަތްކުރާ ހިތްކެނޑިއްޖެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެންމެ ފަހުން އޭނާ ކުޅުނު ޕަންޖާބް ފިލްމް ކަމަށްވާ "ޝަދާ" ޕްރޮމޯޓް ކުރަމުމުގެ މަސައްކަތުގައި ފާއިތުވެދިޔަ ދުވަސްތަކުގައި ހަރަކާތްތެރިވަމުންދާ ނީރު، ހަފްލާއެއްގެ ތެރެއިން ނޫސްވެރިއަކު ކުރިމަތިކުރި ސުވާލަކަށް ޖަވާބުދެމުން ނީރު ބުނެފައިވަނީ، ބޮލީވުޑްގެ ފިލްމެއް ކުޅެން ފުރުސަތު ލިބި އެކަމާއި ގުޅޭ ބައްދަލުވުމަކަށް އޭނާއަށް ދެވުނު ކަމަށާއި، ނަމަވެސް އެ ބައްދަލުވުން ނިންމާލީ ބޮލީވުޑްގައި މަސައްކަތް ކުރުމަށް ކުރި އުންމީދު ދޫކޮށްލާފައި ކަމަށެވެ.

"އެއްވެސް ނަމެއް ބުނާކަށް ނެތިން. އެކަމަށް އަހަރެން ބުނަން ބޭނުންވަނީ އެ ބައްދަލުވުމުން އަހަންނަށް ކުރެވުނު ތަޖުރިބާއަކީ އަހަރެން ބޮލީވުޑްގައި މަސައްކަތް ކުރަން ބޭނުން ނުވި ސަބަބު،" ނީރު ބުނެފައި ވެއެވެ.

ނީރު އޭނާ ކުރި ތަޖުރިބާ މީޑިއާގައި ހާމަކޮށްފައި ނުވާއިރު، އޭނާ ބުނެފައިވަނީ ބޮލީވުޑް ފިލްމެއް ކުޅުމަށް ބޭއްވުނު އެ ބައްދަލުވުމުގެ ތެރެއިން އޭނާއަށް ޝަރުތުތަކެއް ކުރިމަތި ކުރުވި ކަމަށެވެ. އެގޮތުން ފިލްމުގައި އޭނާއަށް ބައިވެރިވެވެން އޮތީ "ވަކި ކަމެއް ކޮށްގެން" ކަމަށް ބުނެފައިވާ ކަމަށްވެސް ނީރު ބުންޏެވެ. ނަމަވެސް އެކަމާއި ބެހޭ ތަފްސީލެއް އޭނާ ހާމައެއް ނުކުރެއެވެ.

"އަހަންނަށް އެ ދުވަހު ކުރި ޝަރުތުން އަހަރެން ހުރީ ތުރުތުރު އަޅައަޅާ. އެކަމާ ހިތްހަމަ ނުޖެހިގެން އެ ލިބުނު ފުރުސަތު އަހަރެން ދޫކޮށްލީ،" ނީރު ބުނެފައި ވެއެވެ.

ޕަންޖާބް ފިލްމް އިންޑަސްޓްރީގައި ބޮޑު ތަރުހީބެއް އޮންނަ ނީރުގެ މި ވާހަކަ އާއި ގުޅިގެން ގިނަ ބަޔަކު މިހާރު ބޮލީވުޑާއި މެދު ސުވާލު އުފައްދަމުންދާއިރު، އޭނާ ބުނެފައިވަނީ އެއީ ބޮލީވުޑްގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ކުރިމަތިވާ ތަޖުރިބާތަކެއް ނޫން ކަމަށެވެ. އަދި އޭނާއަށް ކުރެވުނު އެ ތަޖުރިބާއިން ބޮލީވުޑަށް ދިއުމަށް ބޭނުން ނުވިނަމަވެސް، އެހެން ހުރިހާ ފަންނާނުންނަށް އެފަދަ ކަންކަން ކުރިމަތިވެފައިވާ ކަމަށް އޭނާ ޤަބޫލު ނުކުރާ ކަމަށް ނީރު ބުންޏެވެ.

ނީރު ބުނެފައިވަނީ މިހާރު އޭނާ ބޭނުންވަނީ ޕަންޖާބް ސިނަމާގައި އިތުރު ކާމިޔާބީތައް ހޯދުމަށެވެ. އެގޮތުން އެ އިންޑަސްޓްރީގައި ކުރިޔަށް އޮތްތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ވިސްނައިގެން ހުރި ކަމަށާއި، ފިލްމް ކުޅުމާއި ދުރަށް ދިއުމުގެ ހިޔާލެއް ނެތްކަމަށް އޭނާ ބުންޏެވެ. ރަސްމީކޮށް ބޮލީވުޑްގައި މަސައްކަތް ނުކުރިނަމަވެސް، ބޮލީވުޑްގެ ފިލްމަކުން މީގެ ކުރިން އޭނާ ފެނިފައި ވެއެވެ.

ބޮލީވުޑްގައި މަސައްކަތް ނުކުރިނަމަވެސް، އުމުރުން 28 އަހަރުގެ ނީރުއަކީ ހިންދީ ފިލްމް އިންޑަސްޓްރީގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ކާމިޔާބީތައް ހާސިލްކޮށްފައިވާ މަޝްހޫރު ބަތަލާއެކެވެ. އެގޮތުން އޭނާ ކުޅުނު ވަރަށް ގިނަ ފިލްމްތަކަށް އެވޯޑު ވެސް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާ

    ކާކަށްތޯ ނޭނގެނީ ބޮލީވުޑުން ޖާގަލިބެނީ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ވަހުޝީ އެދުންތަށް ފުއްދައިދީ ތިމާގެ އިއްޒަތުއްނަފުސު ވެއްޔާމޮޑެލާ އަންހެނުންނަށްކަން. އެއީ ހަގީގަތެއް. އެކަން ކުރަންކެރޭ ކުދިންނަށް ފުރުސަުލިބި ކުރިއަށްދާލެއް ފަސޭހަވާނެ. އެއީ ރޭޕިސްތާން.

    41
    1
  2. މޫސަ

    އެކަހަލަ ޝަރުޠު ނާންނަ ގޮތަކަށް ނޫނެއްނު ހެދުން ލާފަ ތިހިރީ.

    7
    3
  3. ކޮތަރު

    މޫސާ. ކޮންމެކަހަލަ ހެދުމެއްލާފަ ހުއްޓަސް ހަފޫޓަށް ބަނޑު ނުކުމެފަ ދެމިޔަކަނުން ޗޯބާލަ ބާލަ ތިބޭ، ތިމާގެ ބަފާ އުމުރުގެ މީހަކާއެކު އެފަދަ އުޅުމެއް އުޅެން ކޮންމެ ކޮންމެ މީހަކު އެއްބަހެއް ނުވާނެ.

    10