"މިއީ ދިވެހި ފިރިހެނަކަށް ކުރިމަތިވި ހާދިސާއެއްގެ މައްޗަށް އަސްލު ނުގެއްލޭ ގޮތަށް ލިޔެފައިވާ ވާހަކައެވެ. މިވާހަކައިގައި ބޭނުންކޮށްފައިވާނީ އަސްލު ނަންމެއް ނޫނެވެ."

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އަހަރަމެންގެ ރަށަކީ ބިން ބޮޑު އެހެން ނަމަވެސް އާބާދީ ކުޑަ ރަށެކެވެ. އަހަރެމެން ރަށުގައި ތިން މިސްކިތް ހުންނަ އިރު އެންމެ ދުވަސްވީ މިސްކިތް ހުންނަނީ ރަށުގެ މީހުން އުޅޭ ސަރަހައްދާއި ތަންކޮޅެއް ދުރުގައެވެ. އަހަރެމެން ރަށަކީ ނަމާދު ވަގުތުގައި ރަށުގެ ގިނަ އަދަދެއްގެ މީހުން ޖަމާއަތަށް ނަމާދަށް ދާ ރަށެކެވެ. ބައިގަނޑު ހަދާފައި އަހަރެމެން ވެސް ކޮންމެ ދުވަހަކު ގަޑިއަށް ނަމާދަށް ގޮސް އުޅެމެވެ. އާންމުކޮށް އަހަރެމެން ނަމާދަށް ގޮސް އުޅެނީ ރަށުގެ އެންމެ ދުވަސްވީ މިސްކިތް ކަމަށްވާ ކުރީގެ ހުކުރު މިސްކިތަށެވެ.

އާދައިގެ މަތިން މަޢްރިބް ނަމާދަށް ގޮވުމުން މިއަދުވެސް އަހަންނާއި އަހަރެންގެ ދެ އެކުވެރިން ކަމަށްވާ ނައުފް އާއި ސާމިލް ދިޔައީ ނަމާދުކުރުމަށްޓަކައި ކުރީގެ ހުކުރު މިސްކިތަށެވެ. ދެން އަހަރެމެން ނަމާދަށް ދިޔަ މަގުމަތީގައި މުޅިންވެސް ދެއްކީ ޖިންނީގެ ވާހަކައެވެ. އެކި މީހުންނަށް ދިމާވެފައި ހުރި އެކި ކަންކަން ހިއްސާކުރަމުން ގޮސް މިސްކިތާ އަރާ ހަމަވީ އިރަށް ސާމިލް ބުންޏެވެ

" އޭތް. އަހަރެން ވަރަށް ހީސް ލަވާ އެބަ. އަންނާނަން މިދިމާއަށް ދުއްވައިލައިގެން" އެހެންކިޔާ އޭނާ ގަބުރުސްތާނަށް ވަނެވެ. އަދި އެތަނުގައި ހުރި ކާނި ގަހެއްގެ ބުޑަށް ކުޑަކަމު ދިޔައެވެ. ކުޑަކަމު ދިޔުމަށް ފަހު އެނބުރި އަހަރެމެން ތިބި ތަނަށް އައިސް ވުލޫކޮށްލައިގެން ނަމާދަށް ދިޔުމަށް ހިނގާށޭ ކިޔާ ވުލޫކޮށްގެން މިސްކިތަށް އެރިއެވެ.

މަޢްރިބް ނަމާދުން ނިމިގެން އަހަރެމެން ގެއަށް އަންނަން ހިނގައިގަތީމެއެވެ. ކުއްލިއަކަށް ޝާމިލް ވަރަށް ބާރަށް ހަޅޭ ލަވައިގަތެވެ. އެއަށް ފަހު އޭނާ ހަބަރު ހުސްވެގެން ވެއްޓުނެވެ. އަހަންނާއި ނައުފް ހަދާނެ ގޮތް ހުސްވިއެވެ. އެއީ މަގުގައި އަހަރެމެން ދެމީހުން ނޫން އިތުރު މީހެއް ނެތިފައި އެހީއަށް އެދި ގޮވާނީ ކާކަށް ކަމެއްވެސް އަހަރެމެންނަށް ނޭނގޭތީއެވެ. އެހެންކަމުން އަހަރެމެން ދެމީހުންވެގެން ޝާމިލް އަތްދަނޑި މައްޗަށް ލައިގެން އޭނާގެ ގެއަށް ގެންދިޔައީމެވެ. އަދި ގޭގެ ސޯފާގައި ބާއްވައިފައި ސާމިލްގެ މަންމަ މެންނަށް ގޮވީމެވެ. އެއިރު ސާމިލް ކޮންމެވެސް ވަރަކަށް ހަރަކާތް ކުރެއެވެ. މަޑުމަޑުން ހަރަކާތް އަވަސްވެ ތެޅެން ފެށިއެވެ. އަދި އަނގައިން ފޮނު އަރުވަން ފެށިއެވެ. އެއިރު އަހަރެމެންނަށް ޝާމިލް ހިފާއްޓާލެވެނީ ކިރިޔާއެވެ.

އިރުކޮޅެއް ފަހެވެ. ހިސާބު ގަނޑުގެ އެންމެން އަހަރެން ތިބި ގެދޮށަށް އެއްވިއެވެ. އޭގެ ތެރޭގައި ފަންޑިތަ ހަދަން ރަށަށް މަޝްހޫރު ކާސިންފުޅު ވެސް ހުއްޓެވެ. ސާމިލްގެ ހަރަކާތްތަކަށް ބަލަން ހުރުމަށް ފަހު ސާމިލް އެއޮތީ ޖިންނި އަވަލައިފައި ކަމަށް އޭނާ ބުންޏެވެ. އަދި ސާމިލް ކައިރިއަށް ދިޔުމަށް ފަހު އޭނާގެ ކައިރީގައި އިށީނެވެ. އެއަށް ފަހު ޖީބުން ރުމާލެއް ނަގައި ސާމިލްގެ ނިތުގައި އެޅިއެވެ. އެއަށްފަހު ކިޔެވެއްޔެއް ކިޔެވުމަށް ފަހު ފެންތަށްޓެއް ގެނެވުމަށް ބުންޏެވެ. ފެންތަށި ގެނެސްދިނުމުން އެއްޗެއް ކިޔުމަށްފަހު ނިންމަތީގައި ބޭއްވި ރުމާކޮޅު ފެންތަށްޓާއި ދިމާއަށް ފޮޅާލިއެވެ. އަދި އެފެންތަށީގެ އެއްބައި ސާމިލް އަށް ބޯން ދިނުމަށްފަހު ގޭގެ ހަތަރު ކަނަށް އެފެންތަށިން ފެން އެޅިއެވެ.

އެއަށްފަހު ބުންޏެވެ. "ސާމިލް އާއި ޖިންނި އަވަލާފައިވަނީ އޭނާ ޖިންނި އެއްގެ ގަޔަށް ކުޑަކަމު ދިޔުމުން" އެހެން ބުނުމަށް ފަހު މިރެއަށް ދެން ރަގަނޅު ވާނޭ ބުނުމަށް ފަހު ކާސިންފުޅު ދިޔައެވެ.

އެދުވަހުގެ ފަހުން ސާމިލް ހުންނަނީ ކޮންމެވެސް ވަރަކަށް ނަފްސާނީ ގޮތުން ގެއްލުން ލިބިފައެވެ މިއަދާ ހަމައަށްވެސް އޭނާގެ ހާލަކީ އެއީއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ދަތްދޫނި

    މިކަހަލަ ވާހަކަ ތަކަކީ ހުސް ފޭކު ވާހަކަ. ސައިފް ރަސްގެފާނު ވާހަކަ ކަހަލަ ވާހަކަ އެއް ބާބުން ބާބުން ގެނެސް ދޭނަމަވެސް ކިއުން ތެރިން ކިޔާ ހިތުން ކިޔާނެކަން ޔަޤީން. މަމެން އުއްމީދު ކުރަން މިކަހަލަ ފޭކު ވާހަކަ ނުގެނެސް ދޭނެކަމަށް.

    1
    34
  2. ހިޔާލު1

    ގަސް ބުޑަށް ކުޑަކަމުގޮސް ދޮންނަނީ ކިހިނެއް! ދެން އަދި މި އަރަނީ ނަމާދަށް ނަޖިސްކަން މަތީ. ޖިންނި އަވަނުލީއާ ރަނގަޅު.

    36
    • ސަކީނަ

      ދޮގު ވާހަކަ އެށް ވެސް ނޫން! ހަހަހަހަހަހަ

      10
      1
  3. ކާސިންފުޅު

    މަ ހަމަ ބިރުން ގޮސް ހަލާކުވެއްޖެ.ހަހާހަހާ... މިއައްވުރެން ދެން ޕްރޮފެޝަނަލް ވާން ވެއްޖެ ދޯ ވަގުތު. ބޯހަލާކު..

    1
    18
  4. Anonymous

    އޭނާއައް ރުޤްޔާ ކުރުން މުހިންމު.

    18
    1
  5. ޒާ

    ކޮންމެ ކަމެއްވެސް ތިޔަ ހަދަނީ ޖޯކަކަށް. ބަލަ އެއީވެސް މި ދުނިޔޭގަ އުޅޭ އިއްޗެއްސޭ... ބަލަ ޤުރުއާންވެސް ނުކިޔަނީތަ... ލިޔެފަ ހުންނަ އިއްޗިހިވެސް ނުފެންނަނީ... ތިޔަހެން އުޅެނިކޮށް އވަލައިފިއްޔާ ކީކޭ ބުނާނީ...

    30
    1
    • ނުއާފާ

      ރަނގަޅު ވާހަކައެއް.

      14
  6. Anonymous

    ޖިންނި އަވަލާފާނެ އެކަހަލަ ކަންތައް ކުރަންޏާ. އެކަމަކު ތި ކާސިންފުޅު ތިވީ ބޮޑު ކުއްފާރަކަށް.

    11
  7. ?

    ?

    1
    1
  8. ކިޔާބަ

    މަވެސް ގަބުރުސްތާނައް ހީސްލިން. ގައިމު މަށަށް ތިބުނާހެނެއް ނުވޭ. ތީ ލިޔާނެ ހަބަރެއް ނޭނގުނީމަ ލިޔާ ފޭކް ވާހަކަ. ހަގީގަތް ބުރަވާނީ ހުރި ހެއްކެއްގެ މަޗަށް. ހެއްކަކީ ރާއްޖޭގައި ގަބުރުސްތާނަށް ހީސްލި ސަތޭކައަކުން އެކަކުވެސް ދުނިޔެއިން މޮޔަ ނުވާކަން. ގިނަފަހަރު ރާއްޖޭގެ ގިނަ ރައްތަކުގެ ގޯތި ދޫކުރާ ސަރަހައްދުގަ އަދި ގޭގޭތަށް ކޮނެ ބަލާ އިރު ދުވަސްވީ ގަބުރުފެނޭ. ގައިމު އެމީހުން މޮޔަވެފަ ވަކި މީހަކު މޮޔަވާންވީ ސަބަބެއް މަށަށް ހަމަ ނުވިސްނޭ.

    1
    9