އޮސްޓްރޭލިއާގެ ކްއީންސްލޭންޑްގެ އަންހެނަކު ވިޔަފާރި ދަތުރެއްގައި ރަށުން ބޭރުގައި އުޅެފައި އެނބުރި ގެއަށް އައިއިރު އަލިފާނުގެ ހާދިސާއެއްގައި އޭނާގެ ފިރިމީހާ އާއި ދެދަރިން މަރުވެ އިތުރު ދަރިއެއްގެ ހާލު ސީރިއަސްވެފައި އޮތުމުން ބޮޑު ހިތާމައަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ސާރާ ބޮންޑް ނަމަކަށް ކިޔާ އަންހެން މީހާ ވިޔަފާރި ދަތުރެއްގައި އުޅުމަށް ފަހު އެނބުރި އައިއިރު އޭނާގެ ފިރިމީހާ އުމުރުން 47 އަހަރުގެ ބްރޫސް ފިޝާ އާއި ދެ އަހަރުގެ ދަރިފުޅު ކޯނާ ފިޝާ އަދި 11 މަހުގެ ދަރިފުޅު ބްރޫސް ފިޝާ ޖޫނިއާ މަރުވެފައި ވަނީ އެމީހުންގެ ގޭގައި އަލިފާން ރޯވެގެންނެވެ.

އަލިފާނުގެ ހާދިސާގައި ސާރާގެ ފިރިމީހާ އާއި ދެދަރިން މަރުވެފައި ވާއިރު ހަތަރު އަހަރުގެ އަންހެން ދަރިފުޅު ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. އޭނާ އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ބުނީ ސާރާގެ ގޭގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަޙްޤީޤު ކުރިއަށްދާ ކަމަށެވެ. އެގޭގައި އަލިފާން ރޯވެފައިވާ މަންޒަރު ފެނުމުން އަވައްޓެރިންގެ ތެރެއިން ބައެއް މީހުން ވަނީ ގޭގައި ތިބި މީހުން ގެއިން ނެރެން މަސައްކަތް ކޮށްފައެވެ. ނަމަވެސް އަންހެން ކުއްޖާ ފިޔަވައި އިތުރު މީހެއްގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ.

މިހާދިސާ ހިނގީ މިދިޔަ ހޮނިހިރު ވިލޭރޭގައެވެ. ސާރާ ދަތުރު ނިންމާފައި އެނބުރި އައީ ހޮނިހިރު ދުވަހުއެވެ. އޭނާ އާއި ފޯނުން ގުޅޭނެ ގޮތެއް ނުވުމުން ގެއަށް އެނބުރި އަންނަން ދެން ސާރާ އަށް ހާދިސާގެ މައުލޫމާތު އޮތީ ނުދެވިއެވެ.

ކިޔުންތެރިންގެ ހިޔާލު