ގަތަރުގެ ވެރިރަށް ދޯހާގެ މައި އެއާޕޯޓް ހަމަދް އިންޓަނޭޝަނަލް އެއާޕޯޓަކީ ދުނިޔޭގެ އެންމެ އަރާމު އަދި ރީތި އެއާޕޯޓުގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ ތަނެކެވެ. 2014 ވަނަ އަހަރު އެ އެއާޕޯޓު ހުޅުވުނުއިރު އެއީ މެދުއިރުމަތީގެ އެންމެ ތަރައްގީވެ ކުރިއަރާފައިވާ އެއް ގައުމުކަމުގައިވާ ގަތަރު ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު ގައުމަކަށް ހެދުމަށް އަމާޒުކުރެވިގެން ހުޅުވުނު ތަނެކެވެ. މިހާރު ގަތަރުގެ ހަމަދް އިންޓަނޭޝަނަލް އެއާޕޯޓަކީ އަހަރެއްގެ މައްޗަށް 30 މިލިއަން މީހުންނަށް ޙިދުމަތްދޭ ތަނެކެވެ.

ގިނަ ފަހަރަށް ފުރުމަށް އެއާޕޯޓަށް ދާން އެންމެ ރަނގަޅުގޮތަކީ ފުރުމުގެ ދެ ގަޑިއިރުގެ ކުރިން ދިޔުމެވެ. ސަބަބަކީ ޓްރެފިކް އަދި ކަސްޓަމްސް އަދި ސަލާމަތީ ކަންކަމުގެ ކިއުތަކާއި އެހެނިހެންވެސް ދިގު ޕްރޮސެސްތައް ނިންމުމަށް ގިނަ ވަގުތުތަކަކާއި ހަކަތައެއް ހޭދަވެގެންދާނެތީއެވެ. ހަމަދް އިންޓަނޭޝަނަލް އެއާޕޯޓުގައި ކަސްޓަމްސް އަދި ޗެކްއިން ވުމަކީ މަދު މިނެޓްކޮޅެއްގެ ކަމެކެވެ. އެ އެއާޕޯޓުގައި އޮންނަ އީ-ޕާސްޕޯޓު ސްކީމްގެ ސަބަބުން އެފަދަ ދިގު ހުރިހާ މަސައްކަތެއް މަދު މިނެޓްކޮޅެއްގެ ތެރޭގައި ނިމިގެންދާނެއެވެ. އެހެން އެއާޕޯޓުތަކާއި ޙިލާފަށް އެ އެއާޕޯޓަށް މީހުން ފުރުމުގެ އެތައް ގަޑިއިރެއްގެ ކުރިން ދަނީ އެތަނުގެ އަރާމުކަމާއި ރީތިކަން ތަޖުރިބާކުރުމަށެވެ.

ހަމަދް އިންޓަނޭޝަނަލް އެއާޕޯޓަކީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތައް އަޖައިބުކުރުވާފަދަ ރީތި ކުރެހުންތަކާއި ބިނާތަކުން ފުރާލެވިފައިވާ ތަނެކެވެ. އެ އެއާޕޯޓުގެ ލައުންޖްތަކަކީވެސް ދުނިޔޭގެ އެންމެ ހިތްގައިމު އަދި އަރާމު ލައުންޖްތަކުގެ ގޮތުގައި އެތަންތަން ތަޖުރިބާކުރި ފަރާތްތަކުން ވަނީ ބުނެފައެވެ. އެ އެއާޕޯޓަކީ ގޭމްތަކާއި އެކްސް ބޮކްސް ފަދަ ތަކެތީގެ ޙިދުމަތްވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ތަނެކެވެ. އަދި އެންމެ މަތީ ފެންވަރުގެ ތަފާތު އެކި ރެސްޓޯރެންޓްތަކުންވެސް ފުރިފައިވާ ތަނެކެވެ. މި ދެންނެވުނީ ހަމަދް އިންޓަނޭޝަނަލް އެއާޕޯޓުން ފެނިގެންދާ އަޖައިބުކުރުވަނިވި ކަންތައްތަކުގެ ތެރެއިން މަދު ބައެއް ކަންކަމެވެ. ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ އެއާޕޯޓުގެ ގޮތުގައި އެ އެއާޕޯޓު ވެގެންދިޔަ އެހެން އެތައް ސަބަބެއް ހުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު