ބޮލީވުޑްގައި މައްޝޫރު ފިލްމީ ތަރި ދިޕިކާ ޕަދުކޯން، އޭނާއަށް ޑިޕްރެޝަން ގެ މައްސަލަ ކުރިމަތިވާ ކަމަށް އޭނާގެ ފޭނުން ގާތު ބުނެފިއެވެ.

ދިޕިކާ ބުނެފައިވަނީ، މިކަމުގެ ހައްލެއްގެ ގޮތުން، ކަންތައްތައް ހިތުގައި ފޮރުވައިގެން ހުރުމުގެ ބަދަލުގައި، ތަންކޮޅެއް ގާތް ގުޅުމެއް އޮންނަ ފަރާތަކާއި އެ ވާހަކަތައް ހިއްސާ ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

އޭގެ އިތުރުން އޭނާ ބުނެފައިވަނީ، 'ސެލެބްރިޓީސް' ފަދަ މަޝްހޫރު ފަރާތްތަކުން، އެމީހުންނަށް ލިބިފައިވާ ފުރިހަމަ ބާރުގެ ބޭނުން ކޮށްގެން އާންމުން މިފަދަ ކަންތައްތަކަށް ހޭލުންތެރިކުރަންވާނެ ކަމުގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ފިލްމު އުފައްދާ ފަރާތްތަކުންވެސް މި ފަދަ އާންމު ހޭލުންތެރިކަން އިތުރު ކުރަންޖެހޭ ކަންކަމުގެ މައްޗަށް ފިލްމު ހެދުމަށްވެސް ދިޕިކާ ވަނީ އިލްތިމާޒް ކޮށްފައެވެ.

"ކުރިންވެސް މީހުން ބުނާނެ މިހާރު ތިއީ ނުލާހިކު ކާމިޔާބު މީހެކޭ. ސޯޝަލް ކަންކަމުގަ އުޅެންވެސް ބައެއް ފޭނުން ރިކޮމެންޑްކުރޭ. އެކަމަކު ބަލި ހާލަތު ހުރި ގޮތުން އެކަންވެސް ނުވީ" ދިޕިކާ މީޑިއާ ތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

އާންމުގޮތެއްގައި އާދައިގެ މީހަކަށްވުރެ، 'ސެލެބްރިޓީސް' އަށް ޑިޕްރެޝަން ކުރިމަތިވާލެއް ބޮޑު ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި އެއީ ސޯޝަލް މީޑިއާގެ ނުފޫޒުން ވާ ކަމެއް ކަމުގައިވުން ގާތް ކަމަށްވެސް ވެއެވެ.

"އަހަރެން ބޭނުންވަނީ އިންޑިއާ އަކީ އެންމެ 'ހެޕިއެސްޓް ކަންޓްރީ' އަށް ވާން." ދިޕިކާ ބުނެފައިވެއެވެ.

ޝޯޝަލް މީޑިއާއަކީ ރަނގަޅު ގޮތުގައި ބޭނުންކޮށްފިނަމަ، ނުލާހިކު ފައިދާ ކުރުވާ އެއްޗެއް ކަމަށާއި ނުރަނގަޅު ގޮތުގައި ބޭނުން ކޮށްފިނަމަ 'ޑިޕްރެޝަން' އަށް މަގުފަހި ކުރުވާނެ އެއްޗެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.