އުމުރުން 10 އަހަރުގެ ލިލިއަން ވެލްޑްރޯން އަކީ ވާހަކަ ނުދެއްކޭ، ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ. މިކަމުގެ ސަބަބުން އޭނާ އާއި އެއް އުމުރެއްގެ އެހެން ކުދިންގެ ފަރާތުން ތަފާތު އެކި ގޮތްގޮތުން މަލާމާތާއި އަނިޔާ ލިބެމުންދާ މައްސަލަ ކުރިންވެސް ފެންމަތިވެފައި ވެއެވެ. ނަމަވެސް އެކަންތައް ބޮޑުވެ މައްސަލަ ހޫނުވެފައިވަނީ ދާދިފަހުން ދަރިވަރުންތަކެއް އޭނާއަށް، ހީވެސް ނުކުރާފަދަ ބޮޑެތި އަނިޔާތައް ދިނުމުންނެވެ.

ލިލިއަންގެ މަންމަ ލީން ވެލްޑްރޯން ނޫސްތަކުގައި ބުނެފައިވާގޮތުގައި އޭނާއަށް އަނިޔާކޮށްފައިވަނީ، ސްކޫލް ނިންމާފައި ގެޔަށް އެނބުރި އައި މަގުމަތީގައި އޭނާ ދަތުރުކުރި ބަހުގެ ތެރޭގައި ތިބި އެހެން ދަރިވަރުންތަކެކެވެ. އެމީހުން އޭނާއަށް އަނިޔާކުރަމުން ދިޔައިރު، އެކަން ހުއްޓުވުމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތި އޭނާ ހުންނަން ޖެހުނީ ކަމަށް ލީން ބުނެފައިވެއެވެ. އެއީ އޭނާއަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން އޭނާއަށް ވާހަކަ ވެސް ނުދެއްކޭތީއެވެ.

"ލިލިއަން އަށް ވާހަކައެއް ނުދެއްކޭ. އެހީއަށް އެދި ގޮވޭނެ ގޮތެއްވެސް ނެތް. އެހެންވެ އެފަދަ ކަމެއް ބަހުގެ ތެރޭގައި ހިނގަމުންދާ ކަމެއް ބަސް ޑްރައވަރަށްވެސް ނޭނގޭ. އެހެންކަމުން އެ އަނިޔާތަކާއި އޭނާ ޖެހުނީ ކުރިމަތިލާން،" ލީން ބުނެފައި ވެއެވެ.

ލީން ބުނިގޮތުގައި އެ ދުވަހު ލިލިއަން ގެޔަށް އައި އިރު އޭނާ ގިސްލަގިސާލާފައި ރޮނީއެވެ. ނަމަވެސް ވެގެން އުޅޭގޮތް އެނގުނީ ފެންވަރުވައި، އޭނާ ހަމަޔަކަށް އެޅުވުމަށް ޔުނީފޯމް ބޭލި ވަގުތުގައި ކަމަށް ލީން ބުންޏެވެ. އެގޮތުން އަތުގެ އެކި ތަންތަނުގައި ކުދިން ދަތްއަޅާފައި ހުރި ތަންތަން ވަރަށް ބޮޑަށް ރަތްވެފައި ހުރި ކަމަށް ލީން ބުނެފައި ވެއެވެ.

މި މައްސަލަ މިހާރު ލިލިއަން ކިޔަވަންދާ ސްކޫލަށް ވަނީ ހުށަހަޅާފައެވެ. މި ހާދިސާ ހިނގި ވަގުތުގެ ވީޑިއޯ ފުޓޭޖް ބަހުން ނަގައިގެން އެ މައްސަލަ ބަލަމުންދާ ކަމަށް، އެ ބަސް ނިސްބަތްވާ ސްކޫލުން ވަނީ ބުނެފައެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ، ލިލިއަންގެ ގައިގައި ދަތްއަޅައި އޭނާއަށް އަނިޔާކުރީ އަންހެން ކުއްޖެއް ކަމަށެވެ. އެ ކުއްޖާ މިހާރު އެ ސްކޫލުން ވަކިވެފައިވާ ކަމަށް ރިޕޯތްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަދީފާ

    މިކަން ހިނގީ ކޮން ޤަމުމެއްގަތަ؟

  2. އަނާ

    އަހަރެންމެން ބޭރުމީހުންނަ ކީ ވެސް މިކަމުގެ ހިތްދަތިކަން އުފުލަމުން ދާމީހަކިންއިންސާފެއް ނެތް ހުސް އަނިޔާ!
    ފުރިހަމަ ކުދިން ދާން ހުންނަތަނެއް ސުކޫލް އެއީ!މިކަމުގެ ސަބަބުން އަހަރެން ވަނީ ނަފުސާނީ ބޮޑު ބައްޔެއްވެ އަބަދު އެއުދަގުލެއްގަ! ހުރިހާކަމަކުން ބާކީވެފަ! ދެލޯސަލާމަތުން ތިބި ބަޔަކު އިހުމާލްވެފަ!