މީގެ އެތައް މިލިއަން އަހަރެއް ކުރިން ދުނިޔޭގައި އުޅުނު ނުރައްކާތެރި އަދި ބިރުވެރި ޖަނަވާރެއްގެ ރައްކާކުރެވިފައިވާ ހެކިތަކެއް (ފޮސިލް) ފެނިއްޖެއެވެ.

ޗައިނާގެ ލިއައޮއިންގް ޕްރޮވިންސުން ފެނުނު މި ތަކެއްޗަކީ، މީގެ 163 މިލިއަން އަހަރު ކުރިން ދުނިޔޭގައި އުޅުނު، ސާރު (ޑައިނޮސޯ)ގެ ވައްތަރެއް ކަމަށް ޤަބޫލު ކުރެވިފައިވާއިރު، މި ޖަނަވާރަށް ދީފައިވާ ނަމަކީ އެމްބޮޓޭޒް ލޮންގިބްރަޗިއަމް އެވެ. މި ޖަނަވާރަކީ ވާލާއި އެއްގޮތް ސިފަތަކެއް ލިބިގެންވާ، އެހެން ނަމަވެސް ވާލަށްވުރެ އެތައް ގުނައެއް ބޮޑު، އުދެހޭ ޖަނަވާރެކެވެ.

ސައިންސްވެރިން ވަނީ މި ޖަނަވާރުގެ ފޮސިލް ފެނުނު ސަރަޙައްދުން އޭގެ ފިޔަގަނޑު ހިމެނޭ ސަރަޙައްދުގެ ކަށިތަކެއްވެސް ހޯދާފައެވެ. މީގެ ކުރިންވެސް ޗައިނާއިން މިބާވަތުގެ ގޮތްނޭނގޭ ޖަނަވާރެއްގެ ބައިތަކެއް ފެނިފައިވާއިރު، އެއީވެސް ސާރު އާއިލާގެ ޖަނަވާރެއް ކަމަށް ވަނީ ބެލެވިފައެވެ. މި ސާރު ނިސްބަތްވާ ސްކެންސޮރިޕްޓެރިގިޑްސް އަކީ އާދަޔާއި ޚިލާފަށް ބާރުގަދަ ޖަނަވާރުގެ ވައްތަރެކެވެ. އަދި ހަލުވިކަމާއެކު ގަސްތަކަށް އެރުމުގެ ގާބިލްކަން މިވައްތަރުގެ ސާރަށް ލިބިގެންވާ ކަމަށް ވެއެވެ.

މިވައްތަރުގެ ސާރު ހަމަ އެކަނި ކައި އުޅުނީ ގަހާއި މޭވާ އަދި ތަރުކާރީ ކަމަށް ކުރިން ބެލެވުނު ނަމަވެސް، މި ފެނުނު ފޮސިލްގެ ހޯދުންތަކާއެކު ސައިންސްވެރިން ބުނެފައިވަނީ މިއީ ބޮކާއި ބޮނޑު އަދި މީދާލާއި އެނޫންވެސް އެހެން ޖަނަވާރުތައް ޝިކާރަކޮށްގެން ކައި އުޅޭ ވައްތަރެއްގެ ސާރެއް ކަމަށެވެ.

މި ވައްތަރުގެ ސާރު އަދި ފެނިފައިވަނީ ޗައިނާއިން އެކަންޏެވެ. އެހެންކަމުން ތާރީހު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރަނީ، އެންމެ ފަހުން ދުނިޔޭގައި އުޅުނު މި ބާވަތުގެ ސާރުތައް އުޅުނީ ޗައިނާގައި ކަމަށެވެ. ޗައިނާގެ ތަޖުރިބާކާރުން މިހާރު ދަނީ އަލަށް ފެނުނު ފޮސިލްގެ އިތުރު ދިރާސާތައް ކުރަމުންނެވެ.

ދުނިޔެއިން ސާރު ނެތިގެން ދިޔައީ ބޮޑު ގިނިހިލައެއް ދުނިޔޭގައި ޖެހިގެން ހިނގި ބޮޑު ކާރިސާއެއްގައި ލިބުނު ގެއްލުންތަކަށްފަހު ކަމަށް ބުނެވެއެވެ. އެ ކާރިސާގައި ދުނިޔޭގެ އެތައް ދިރުމެއް ނެތި ދިޔަކަމަށް ވަނީ ޤަބޫލުކުރެވިފައެވެ. ސާރަކީ މިހާތަނަށް ދުނިޔޭގެ ބިމުގައި އުޅުނު ކަމަށް ބެލެވޭ އެންމެ ބިޔަ ޖަނަވާރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ތީތި އެބަހުރި ލަންކާގައި ހުންނަ ރާއްޖެ އެމްބަސީގައި! އަތުލައިގަނެފައި ހަވަރަށްދޭންވީ!

    15
    2
    • ސަޅި

      ތަފާތު