ދިވެހި ފިލްމު ދައުވަތު ނ. މަނަދޫގައި އަޅުވަން ނިންމައިފިއެވެ.

ރާއްޖޭގެ އަމިއްލަ މީޑިއާ އަކުން ތައްޔާރު ކުރި ފުރަތަމަ ފިލްމު "ދައުވަތު" މަނަދޫގައި އެޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މަނަދޫގައި ފިލްމު އެޅުވުމުގެ ކަންކަމުގައި އިސްކޮށް އުޅޭ އަސީލް ބުނީ އެ ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ މަނަދޫގެ ވިލަރެސް ކްލަބުގެ ހޯލުގައި ކަމަށާއި އެރަށު ކޮމްބަސް ފިހާރައިން ޓިކެޓު ލިބެން ހުންނާނެ ކަމަށެވެ.

އޭނާ ބުނީ މަނަދޫގައި ދައުވަތު އެޅުވުމަށް ހަމަޖެހިފައިވަނީ އެންމެ ރެއަކު ކަމަށާއި މި ފިލްމު އެޅުވުމުގައި ދޮން އައްޔަ ބައިވެރިވާނެ ކަމަށެވެ.

މި ފިލްމުގެ ޓިކެޓު ވިއްކަނީ 100 ރުފިޔާ އަށް ކަމަށާއި ގުޅާލުމުން ޓިކެޓް ގޭގެއަށް ގެންގޮސް ދޭނެ ކަމަށްވެސް އަސީލް ބުނެއެވެ.

ސިހުރުގެ ހަގީގީ ހާދިސާއެއްގެ މައްޗަށް ހަދާފައިވާ މި ފިލްމު މަނަދޫގައި އެޅުވުމަށް ތައްޔާރު ވަމުން އަންނައިރު އެރަށަކީ މީގެ ކުރިންވެސް ގިނަ ފިލްމުތަކެއް އަޅުވާފައިވާ ރަށެކެވެ.

މީގެ ކުރިން އެރަށުގައި އަޅުވާފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ނަހުލާގެ ބޮސްގެ އިތުރުން ދިވެހި ފިލްމު ހައްދު އާއި ފޯޓީ ޕްލަސްގެ އިތުރުން ނިވައިރޯޅި ފަދަ ފިލްމުތައް ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުސްކުޅިބޭ

    ތީ ތަރައްގީ އަކީ. ޖަމުްޔާ އަކާ ހަވާލުވެގެން ކުރާނެ ކަމެއް ނޭންގިގެން .