ގިނަ ބަޔަކު ހިކެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއެވެ. ނަމަވެސް ގިނަ ފަހަރަށް މިކަންކަމުން މާ ބޮޑު ނަތީޖާއެއް ނުނިކުމެއެވެ. މީހާ ހިކެން ބޭނުންނަމަ ކަންތައް ކުރަންވީ މިގޮތަށެވެ.

ގެޔަށް ނުވަތަ އޮފީހަށް ގޮސް ލިފްޓުގެ ބަދަލުގައި ސިޑި ބޭނުން ކުރަން އާދަކުރާށެވެ. ކަންނެތްކަމުން ނުވަތަ އެނޫން ވެސް ސަބަބަކާއި ހުރެ، ސިޑީގެ ބަދަލުގައި ލިފްޓް ބޭނުން ކުރުމަކީ ދިވެހިންގެ އާދައެކެވެ. އެހެންނަމަވެސް، ސިޑިން އަރައި ފޭބުމަކީ ތިމާއަށް ފައިދާކުރަނިވި ކަސްރަތުތަކެއް އެކަމުން ލިއްބައިދީ ބައްޓަން ރީތިކޮށްދިނުމުގައި ކޮންމެވެސް ވަރެއްގެ ރޯލެއް އަދާ ކުރާ ކަމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު ތިނެއް ނުވަތަ ހަތަރުު ބުރީގެ އިމާރާތަކުން ސިޑިން ފައިބާނަމަ، 15 ދުވަހުގެތެރޭގައި ތަފާތު ފެންނާން ފަށާނެއެވެ. އެހެންނަމަވެސް މިގޮތަށް ސިޑިން އަރައި ފޭބުމުގައި ފައިދާވާނީ ކަސްރަތެއްގެ ގޮތުގައި ދެކިގެން އަވަހަށް އަރައި ފޭބުމެވެ.

މީގެ އިތުރުން ހިނގާލަން ދިޔުމަކީ އާދަޔަކަށް ހަދާށެވެ. އަތިރިމަތި ނޫނީ ކަސްރަތުކުރުމަށް ހަދާފައި ހުންނަ ތަންތަނަށް ކޮންމެދުވަހަކު ހިނގާލަން ދިޔުމަކީ އާދަޔަކަށް ހަދާށެވެ. އާދަކޮށް ކޮންމެ ދުވަހަކު ވެސް 40 މިނެޓާއި 60 މިނެޓްގެ ވަގުތެއް މިކަމުގައި ހޭދަކުރުން ރަނގަޅެވެ.

ފަތަން ދިޔުމަކީ އާދަޔަކަށް ހަދާށެވެ. ފެތުމަކީ އިންސާނާގެ ހަށިގަނޑަަށް އިންތިހާއަށް ކަސްތަރު ލިއްބައިދޭ ކަމެކެވެ. ފެތުމުގެ ސަބަބުން ހަށިގަނޑުގެ ބައެއް ސަރުބީތައް އަންދާލައެވެ. އަދި ފެތުމުގެ ސަބަބުން ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ކަސްރަތު ލިބިގެންދެއެވެ.

މިކަންކަމުގެ އިތުރުން، އަވަހަށް ހިކެން ބޭނުންނަމަ ކެއުމަށް ވެސް ސަމާލުކަންދިނުން މުހިއްމެވެ. މިގޮތުން މެންދުރު ނުވަތަ ރޭގަނޑުގެ ކެއުމުގެ ފަސް މިނެޓު ކުރިން ފެންތަށްޓެއް ބޯލާށެވެ. އޭރުން މާގިނައިން ކެއުމަށް ހުރަސް އެޅިގެންދާނެއެވެ. އަދި ކެއުން ކޮންޓްރޯލް ކުރުމަށް އެހީއަކަށް ވެގެންދާނެއެވެ.

މީގެއިތުރުން، ގިނައިން ތެޔޮ ހުންނަ ކާއެއްޗެއްސާ ދުރުވާށެވެ. އަދި ތެލުގެ ގޮތުގައި ކާށިތެޔޮ ބޭނުން ކުރަން އާދަކުރާށެވެ. އަދި ޑެޒާޓެއްގެ ގޮތުގައި އަބަދުވެސް ތާޒާ މޭވާ އިޚްތިޔާރުކުރަން އާދަކުރާށެވެ. ކާ ކޮންމެ އިރަކު ކޮންމެވެސް ވައްތަރެއްގެ ތާޒާ މޭވާއެއް ކާން އާދަކުރާށެވެ.

މި ކަންތައްކޮށްފިނަމަ ހަމަގައިމު ވެސް އެދެވޭ ނަތީޖާ ދާދި އަވަހަށް ފެންނަން ފަށާނެއެވެ. އަދި ތިމާ ބޭނުންވާ ފަދަ ރީތި ބައްޓަމެއްގެ ހަށިގަނޑެއް ލިބިގެންދާން ގިނަ ދުވަހެއް ނުނަގާނެއެވެ.