މިއީ އެއްވެސް ދެމީހަކަށް އެއްވެސް ކަމެއްގައި ޚިޔާލު އެއްގޮތް ނުކުރެވޭ ޒަމާނެވެ. އެހެން މީހަކު ކަން ކުރާ ގޮތް އެކަކަށް ވެސް ކަމަކު ނުދާ ޒަމާނެވެ. އިއްޔެ އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކެލް، އެބޭފުޅުންގެ ދަރިފުޅު އާޗީ އާއި އެކު ފުރަތަމަ ފަހަރަށް ވަނީ އާއްމުންގެ ތެރެއަށް ނިކުންނަވާފައެވެ.

ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ އަކުން އިންތިޒާމް ކުރި ހަރަކާތެއްގައި މޭގަން އިއްޔެ ދަރިކަލުންނާއި އެކު ބައިވެރިވި އިރު އެތަނުގައި ޕްރިންސް ވިލިއަމް އާއި އޭނާގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން އަދި އެބޭފުޅުންގެ ތިން ދަރިކަލުން ވެސް ތިއްބެވިއެވެ.

ނަމަވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ތުއްތު އާޗީ އަށެވެ. ހާއްސަކޮށް އާޗީ އުރައިގެން މޭގަން ހުރި ގޮތައް ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި ކޮމެންޓް ކޮށްފައެވެ.

މީހަކު އިންސްޓަގްރާމްގައި ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައި ވަނީ "މޭގަން ދަރިފުޅު އުރައިގެން ހުރި ގޮތުން ހީވަނީ ދަރިފުޅު ވެއްޓިދާނެ ހެން" ކަމަށެވެ. އެހެން މީހަކު ކުރި ކޮމެންޓެއްގައި ބުނީ "މޭގަން ދަރިފުޅު ވައްޓާލާނެ" ކަމަށެވެ.

އަދިވެސް އިތުރު މީހަކު ބުނެފައި ވަނީ "މޭގަން އަށް އޭނާގެ ދަރިފުޅު އުރައިގެން ހުންނާކަށް ނޭނގޭ. ކިހައި ދެރަކަމެއް." ކަމަށެވެ.

އިތުރު މީހަކު ވަނީ މޭގަން އޭނާގެ ދަރިފުޅު އުރައިގެން ހުންނަ ގޮތައް ދަރިފުޅު އުރައިގެން ހުންނަނީ ކޮން މަންމައެއްތޯ ވެސް ސުވާލު ކޮށްފައެވެ.

މޭގަން ދަރިފުޅު އުރައިގެން ހުރި ގޮތުން ފާޑުކިޔުން އަމާޒުވުމުން ބައެއް މީހުން ވަނީ މޭގަންގެ ދިފާޢުގައި ވެސް ނިކުމެފައެވެ. މޭގަންގެ ދިފާޢުގައި ކޮމެންޓް ކުރި މީހުން ބުނީ މޭގަން މަންމަ އަކަށްވީ އިހައް ދުވަހު ކަމަށާއި އެހެން ކަމުން މޭގަން އެގޮތައް ދަރިފުޅު އުރައިގެން ހުރުން އެއީ މައްސަލައެއް ނޫން ކަމަށެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ވެސް މިހާރު ގެންދަނީ މޭގަން އަށް ދަރިފުޅު އުރައިގެން ހުންނަން ނޭނގޭ ކަމަށް ބުނެ ލިޔުންތައް ގެނެސްދެމުންނެވެ.