އެމެރިކާގެ ފްލޮރިޑާގެ އުމުރުން 46 އަހަރުގެ ތޯމަސް ޒަކްރެސްކީ ނަމަކަށް ކިޔާ މީހަކު އޭނާގެ ދަރިފުޅު ގެނބެން ފެށުމުން ދަރިފުޅު ސަލާމަތް ކުރުމަށް މަސައްކަތް ކުރަނިކޮށް ގެނބިގެން މަރުވެއްޖެއެވެ.

މިހާދިސާ ހިނގީ މިދިޔަ އަންގާރަ ދުވަހު ހަވީރު އެވެ. އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ތޯމަސް އާއި އޭނާގެ އާއިލާގެ ހަތް މެންބަރަކު އެދުވަހު ހަވީރު މޫދަށް އެރުނެވެ. މޫދަށް އެރި އުޅެނިކޮށް ތޯމަސްގެ އަށް އަހަރުގެ ދަރިފުޅާއި އެހެން ބައެއް މެންބަރުން ވެސް ގެނބުނެވެ.

ނަމަވެސް އަށް އަހަރުގެ އަންހެން ކުއްޖާ ފިޔަވައި އެހެން ކުދިން ވަރަށް ފަސޭހައިން ސަލާމަތް ކުރެވުނެވެ. ތޯމަސް ދެން މަސައްކަތް ކުރީ ދަރިފުޅު ސަލާމަތް ކުރާށެވެ. ދަރިފުޅު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ތޯމަސް ވެސް އޮއެގަނޑުގެ ތެރެއަށް ދަމައިގަތެވެ.

އެމަންޒަރު ފެނިގެން އެސަރަހައްދުގައި ހުރި ތޯމަސްގެ އަނބިމީހާ ވަނީ ތޯމަސް އާއި ދަރިފުޅު ސަލާމަތް ކުރަން މަސައްކަތް ފަށާފައެވެ. ތޯމަސްގެ އަނބިމީހާގެ މަސައްކަތުން އަށް އަހަރުގެ ދަރިފުޅު ސަލާމަތް ކުރެވުނު ނަމަވެސް ތޯމަސް ގެއްލުނެވެ.

ތޯމަސް ފެނުނީ ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ އޮފިޝަލުން އައިސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ބުދަ ވިލޭރޭ އެވެ. އޭރު އޭނާ އޮތީ މަރުވެފައެވެ.

ތޯމަސްގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިހާރު އޭނާގެ ހަށިގަނޑު ވަނީ އާއިލާ އާއި ހަވާލުކޮށްފައެވެ.

ތޯމަސްގެ އިތުރުން އެސަރަހައްދުގައި މިއަހަރު އެކަނި ވެސް 12 މީހަކު ގެނބިގެން މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު