ޑޮކްޓަރުންނަކީ ކޮންމެ ހާލަތެއްގައި ވެސް އިންސާނުންގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި ސާބިތުވެ ތިބޭ ބައެކެވެ. އެއީ އެމީހުންގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ވެސް މެއެވެ. އިންސާނުންނަށް ދިމާވާ ސިއްޙީ އެތައް މައްސަލަތަކެއް ދެނެގަނެ އެކަމަށް ބޭނުންވާ އެންމެ ރަނގަޅު ފަރުވާ ހޯދައިދެނީ މި ޑޮކްޓަރުންނެވެ. ކޮންމެތާކު ކޮންމެ ވަގުތެއްގައި ވެސް އިންސާނުންގެ ފުރާނަ ސަލާމަތްކުރުމުގައި ތިބޭތީ މި ޑޮކްޓަރުންގެ ވާހަކަދައްކަން އެބަޖެހެއެވެ. އެކަން ކޮށްދިން ޒުވާން ދިވެހި ޑޮކްޓަރެއްގެ ވާހަކަ ދައްކާލަމާ ހިނގާށެވެ.

މިއީ ޑރ. ހިޝާމް އަލީ ޒަކީއެވެ. އޭނާއަކީ މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު ޑޮކްޓަރަކަށް ވުމަށް ގްރެޖުއޭޓްވި މީހެކެވެ. އޭނާ ކިޔެވީ ބަންގްލަދޭޝްގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީންނެވެ. އޭނާ މިއަދު އަނެއްކާ ވެސް ބަންގްލަދޭޝްއަށް ދިޔައީ، އިންޓާންޝިޕް ހެދުމަށެވެ. އޭނާ އިންޓާންޝިޕް ހަދަނީ އެ ޔުނިވާސިޓީގެ ހޮސްޕިޓަލް ބަންގުބަންދު މެމޯރިއަލް ހޮސްޕިޓަލް (ބީބީއެމްއެޗް) ހޮސްޕިޓަލުންނެވެ.

އޭނާ ޑޮކްޓަރުކަން ކިޔެވުމަށްފަހު، އިންޓާންޝިޕް ހެދުމަށް މިއަދު ހެނދުނު ކުރި މި ދަތުރުމަތީގައި ފަސެންޖަރެއްގެ ފުރާނަ ސަލާމަތްކޮށް ދިނީ އެއީ އޭނާގެ ވާޖިބު ކަމަށްވާތީއެވެ.

ކޮލަމްބޯއިން ޑާކާއަށް ދަތުރުކުރަމުންދިޔަ ސްރީލަންކަންގެ ފްލައިޓެއްގެ ތެރޭގައި ޕެނިކް އެޓޭކެއް ޖެހުނު މީހަކަށް އެހީތެރިކަން ފޯރުކޮށްދީ އެ މީހާގެ ފުރާނަ ސަލާމަތްކޮށްދީ އޭނާގެ ގާތުގައި ދަތުރު ނިމެންދެން ހުރީ މި ޑޮކްޓަރެވެ.

"އެއީ ކޮލަމްބޯއިން ޑާކާއަށް މިއަދު ދިޔަ ފްލައިޓެއް، ވަރަށް ނޯމަލްކޮށް، ވަރަށް ނޯމަލް ރޫޓިންގއެއްގައި ދިޔައީ، ގޮސް ހުއްޓާ ފްލައިޓް ޖައްސަން އެއްގަޑިރިއަށްވެފައި އިންދާ ޕައިލެޓް އެނައުންސްމެންޓެއް ދެނީ ޑޮކްޓަރެއްވިޔަސް ނާރސްއެއް ވިޔަސް، މެޑިކަލް ފީލްޑުގައި ކުޑަކޮށް އުޅެލާފައި ހުރި މީހެއްވިޔަސް ވަރަށް އަވަހަށް ބޭނުންވެޔޭ ވަރަށް ކްރިޓިކްލް ކޮންޑިޝަނެއް އައިސްގެންނޭ މި އުޅެނީ، 2،3 ޓައިމްސް ގޮވިފަހުން އަޅުގަނޑު ތެދުވީ". ޑރ. ހިޝާމް ވިދާޅުވިއެވެ.

ޑރ. ހިޝާމް ވިދާޅުވީ، އޭނާ ތެދުވެގެން ގޮސް ކެބިން ކްރޫ ކައިރީގައި އޭނާއަކީ ވަރަށް ފަހުން ގްރެޖުއޭޓްވި މީހެއްކަމަށް ބުނި ކަމަށެވެ. އަދި އޭނާގެ މި ދަތުރަކީ އިންޓާންޝިޕް ހަދަން ކުރާ ދަތުރެއްކަން ވެސް ކްރޫންނަށް އެންގިކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ހިޝާމް ވިދާޅުވީ، އޭނާއަށް އެ ޕޭޝަންޓް ދެއްކިއިރު އޮތީ ހޭވެސް ނެތިފައި ކަމަށެވެ.

އެތައް ބައެއްގެ ތައުރީފް ލިބެމުން އަންނަ ޑރ. ހިޝާމް

"ހަމަ މޯޝަންލެސްކޮށް އޮތީވެސް، އެ މީހުން އަޅުގަނޑަށް މައުލޫމާތުދިންގޮތުގައި، އޭނާ އޮތީ ހޭނެތިފައި، އަދި އެ މީހުން ބުނިގޮތުން ވިއްޔާ އޭނާގެ ހަރަކާތެއް އަދި ވިންދެއްވެސް ނެތް. ދެން އޭނާއަށް ފިޓްވެސް ޖެހުނު".

އޭނާ ވިދާޅުވިގޮތުގައި، ފުރަތަމަވެސް މަސައްކަތް ކުރީ އެ މީހާގެ ފުރާނަ ހުރިތޯ ބަލާށެވެ. އަދި އޭނާގެ ފުރާނަ ހުރިކަން އެނގުމުން ހޭއަރުވަން މަސައްކަތް ކުރީއެވެ. އޭނާ ވަކި ޕޮޒިޝަންއަކަަށް ބޭއްވިތަނާ ހޭއެރިއެވެ. އެގަޑީގައި ވެސް އޭނާ ކުޑަކޮށް ފިޓް ޖެހުނެވެ.

"ދެން އެގަޑީގައި އަޅުގަނޑަށް ރިއަލައިޒްވީ އަސްލު މި އުޅެނީކީ ފިޓްޖެހިގެން ނޫންކަން އޭނާ މި އުޅެނީ އެހެން ކަމެއްވެގެން ކަން، ވާގޮތަކީ އެތަން ވަރަށް ފިނިކޮށް ހުރީ. ފިނިވެގެން އޭނާއަށްވި ކަމެއް ކަމަށް އަޅުގަނޑަށް ހީވަނީ. ދެން އަޅުގަނޑު އެންމެ ފުރަތަމަ އިސްކަމެއް ދިނީ އޭނާ ވޯމް ކުރެވޭތޯ"

އެގޮތުން ޑރ ހިޝާމް އޭނާ ބޭނުން ކުރަމުންދިޔަ އިސްޓާކިން އެ މީހަށް ދިނެވެ. އަދި އެ މީހާގެ ގައިގާ ބްލޭންކެޓް ވެސް އެޅުވިއެވެ.

"ދެން އޭނާ ވޯމް ކުރުވާފައި، ފިޓް ޖެހުނު ވާހަކަ ބުނީމަ އަޅުގަނޑު ޖެހުނީ އޭނާގެ ބްރެއިން ޑެމޭޖްއެއް ހުރިތޯ ބަލަން. އެ އެސެސްމެންޓް ހެދި، އެކަމަކު އިރާދަކުރެއްވިއްޔާ އެކަހަަލަ އެއްވެސް ކަމެއް ނެތް. ފަހުން ވަރަށް ނޯމަލް ބަރާބަރަށް ވާހަކަވެސް ދައްކާ. ނަމާއި އެއްޗެހިވެސް ބުނި."

އޭނާ ވިދާޅުވިގޮތުގައި، އެ ދަތުރު ނިމެން ދެން އޭނާ ހުރީ އެ މީހާގެ ގާތުގައެވެ. އަދި ކެބިން ކްރޫގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލެމެއް ލިބުނު ކަމަށް އޭނާ ބުންޏެވެ.

ޑރ. ހިޝާމް އެ މީހާގެ ފުރާނަ ސަލާމަތްކޮށްދިނުމުން ސްރީލަންކަން އެއާލައިންސް އިން ވެސް ދަނީ އޭނާގެ މަސައްކަތް ބަލައިގެންފައެވެ.

ޑރ. އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މިފަދަ ކަމެއް ދިމާވެދާނެ ކަަމަށް އުއްމީދު ނުކުރާ ކަމަށެވެ. އަދި މިކަންތައް ދިމާވީ މަތިންދާ ބޯޓުގެ ތެރެއިން ކަމަށާއި، ކްރޫއިންގެ އެހީތެރިކަމާއެކު ބޯޓު މަތީގައި ހާލު ދެރަވި ފަސެންޖަރު ސްޓޭބަލްކޮށް ބޭއްވުނު ކަމަށް ޑރ. ހިޝާމް ވިދާޅުވިއެވެ.

"38000 ފޫޓު މައްޗަކަށް އަޅުގަނޑު ހުންނާނީ ހިދުމަތުގައި". މި ޑޮކްޓަރުގެ ފޭސްބުކް ޕޯސްޓުގައި ލިޔެފައި ވެއެވެ.

މިއީ ހިޝާމްގެ ފުރަތަމަ ޕޭޝަންޓެވެ. މިއަދު އެތައް ބަޔަކު އެ ދަނީ މި ޑޮކްޓަރަށް ތައުރީފް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޖިސްމް

    ބައެއް ދިވެހިން ބުނާނެ '' ބަލަ އެއީ އޭނާގެ ވާޖިބޭ، އޭނާގެ ހުވަޔޭ، އޭނަ ކުރަންޖެހޭނެ ކަމެކޭ ''

    73
    5
  2. ވެރިން

    ހަބަރުކިޔާފަ ވަރަށް އުފާވި ދިވެހިޑޮކްޓަރަށް ހަމަސާބަސް.

    149
    2
  3. ކޮސް

    ޕެނިކް އެޓޭކް އެއީ ފުރާނަ ދާކަމެއް ކަމެއް ކުރިޔަކުން އެނގިފައެއް ނެތް.

    28
    17
  4. ފާތުން ސިސްޓާ

    ވަރަށް ރަނގަޅު މަސައްކަތެއް. ޖަޒާއަކަﷲ ހައިރަން. މާތް ﷲ ހިޝާމް އަށް އެކަމުގެ ހެއުޖަޒާ ދެއްވަފާންދެއެވެ. ދެން ފަހަރަކު 2 ފަހަރަކު ގޮވަންދެން މަޑު ނުކޮށްލާތި. މެޑިކް އޭ ބުނާއިރު ހުޝާމް ހުންނަން ޖެހޭނީ އައިސް. ވަރަަށް ފަހުން ގްރެޖުއޭޓް ވިޔަސް އެނައުންސް ކުރީ ހަމައެކަނި ޑޮކްޓަރަކަށް ވެސް ނޫން. އެފީލްޑްގެ ކިރިޔާވެސް ތަޖުރިބާއެއް ހުރި މީހެއް. ހިޝާމް އަށް ފަހި މުސްތަޤްބަލަކަށް އެދެން. އިންޓެންޝިޕް ވެސް ވަރަށް ފުރިހަމައަށް ގެންދަންވާނެ. ޙިދްމަތަށް ތިޔަ ދަނީ މުސްލިމް ބޮޑު ކޮމިޔުނިޓީއަކަށް. ހިޝާމްއަށް އެގިފަ ހުރި އެއްޗެއްް އެދާއިރާއިން ވެސް އެގައުުމުގެ ކުދިންނަށް ކިޔާދޭތި. ޤުރުޢާންއަކީ ވެސް އެފަދަ ދެވަނައެއްް ނެތް ފަރުވާއެއް

    71
  5. ހުދުހުދު

    ޑރ މަސައްކަތް ކުރީ ﷲ ޝިފާ ދެއްވަނީ.

    87
  6. ކުޑަޖޫ

    ޑޮކްޓަރު ތިކަން ވަރަށް ބޮޑުކޮށްގެން އިސްތިހާރުވާން އުޅެފަ ތިހިރީ. ތީ ވަރަށް އާދައިގެ ހައިޕޮތާމިއާ ކޮންޑިޝަންއެއް، އެނީވޭ ގުޑްޖޮބް 3 ފަހަރު އާދޭސް ނުކުރަނިސް ދެންވެސް އެޓެންޑްވާތި

    18
    55
    • އަހުމަދު

      މާ ބޮޑަށް އިނގެން ނޫޅޭ

      3
      2
  7. ސަމަދު

    ހުލްގު ހެޔޮ ޑޮކްޓަރެއްގެ ގޮތުގައި ދެމިހުރުމަށް ހިތްވަރުދެން. بارك الله فيك
    وفقك الله.. امين

    71
  8. ބަރުގޮނު

    ޑރ. ގެ ޚިދުމަތުގެ ހެޔޮ ދަރުމަ ދެއްވާށި. ޑރ. އަށް މަތިންދާ ބޯޓެއްގެ ތެރޭގައި ޖައްވުގެ ވަރަށް މަތީގައި ތިޔަ ޚިދުމަތުގެ ފުރުޞަތު ލިބި އަދި ﷲ ގެ ރަޙުމަތްފުޅުން ބަލިމީހާ ސަލާމަތްވީކަމީ ޑރ ގެ ޙަޔާތުގެ ވަރަށް މުހިންމު ނާދިރު ޙާދިސާއެއް. އެހާމެ ހެޔޮ ފާލެއް.

  9. ފަހުދާ

    ބޭސިކު ފަސްޓު އެއިޑު ހަދާފަ ހުރި މީހަކަށް ވެސް ނުވަތަ ހޮސްޓެސް ވެސް ޕެނިކު އެޓޭކު ގަ ހެލްޕު ވެވޭނެ.،....ތިގޮތައް މޯލްޑިވިޔަން ގެ ހޮސްޓެސް އިން ވެސް ކިތައް މީހުން ނަށް އެހީ ވާނީ! އެއީ ވަޒީފާ ގެ ބައެއް،، މަޝްހޫރު ވާން ކުރަން ޖެހޭ ކަމެއް ނޫން...ޑރ. ގެ ނިޔަތް ގޯސް،،އޭނަ ބޭނުން ވާނީ ފޭމަސް ވާން....ބެލަރުސް އިން ކިޔަވައިގެން ތިބޭ ޑރ. ތިހެން ނޫލޭނެ...މި ބަންގާލުން ކިޔަވާ މީހުން އުލޭނެ މިހެން.

  10. ބަލިމީހާ

    ގޯޑް ބްލެސް ޔޫ ޑޮކް. ޕްރައުޑް އޮފް ޔޫ.